ހުޅުމާލެ ބީޗް ފްރަންޓުން ވިއްކާ 26 ބިމަަކަށް ބިޑް ހުށަހެޅުން މާދަމާ އޮންނާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބީޗް ފްރަންޓުން ވިއްކާ ގޯތިތަކުގެ ބިޑް ފޯމް ބަލައިގަތުން އޮންނާނީ މާދަމާ ހެނދުނު 09:00 އިން 12:00 އަށް ހ. މީރުމާގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ.
ބީލަން ފޯމް ހުޅުވުން އޮންނާނީ މާދަމާ 13:00 ގައި ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އެޗްޑީސީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި މާލޭ ރަށްވެހިންނަށް ކަމުގައެވެ.
އެގޮތުން ކޮންމެ ބީލަން ފޯމަކާއެކު، ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެކަކަށް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި ބީލަމަށް ހާޒިރުވާ މީހުން ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް އެޗްޑީސީން ވަނީ ބުނެފަައެވެ.
މީގެ އިތުރުން، ބިޑް ހުށަހަޅާފަރާތުގެ ބަދަލުގައި އެހެންފަރާތެއް ބީލަން ފޯމު ހުށަހަޅަން ހާޒިރުވާނަމަ، ޕަވަރ އޮފް އެޓާރނީ ގެނައުމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
ބީލަން ފޯމު ހުށަހަޅަން ހަމަޖެހިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތެއްނުދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އަދި މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެޗްޑީސީގެ ނަންބަރު 3353535 ފޯނާއި ގުޅުއްވުމަށް އެކުންފުނިން ވަނީ އެދިފައެވެ.
އެޗްޑީސީން ވަނީ ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާ ގޮތަށް 26 ގޯތި އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ގޯތި ވިއްކަން ނިންމާފައެވެ. އެޗްޑީސީން ބުނީ މި ގޯތިތައް ވިއްކާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
އެޗްޑީސީން މީގެ ކުރިން ބުނީ ހުޅުމާލެއިން ވިއްކަނީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ. އަދި އަގަށް ބަލާއިރު ބީޗް ފްރަންޓު ޕްލޮޓުތަކުގެ އަގު، ކުރިއެކޭ ވެސް އެއްގޮތަށް، ބީޗް ސައިޑްގެ ޕްލޮޓުތަކަށް ވުރެ ބޮޑުކަން ފާހަގަކޮށްލެވެއެެވެ.
މީގެ އިތުރުން ޖީއެސްޓީ ނުހިމަނައި، ބީލަމަށް ހުށަހެޅޭނެ އެންމެ ދަށް އަގުތަކަކީ ބީޗް ފްރަންޓަށް އަކަފޫޓަކަށް -/3900 ރުފިޔާ އަދި ބީޗް ސައިޑަށް އަކަފޫޓަކަށް -/3500 ރުފިޔާއެވެ. މި އަގުން ބަލާ ނަމަ ބީޗް ސައިޑުން 1603 އަކަ ފޫޓުގެ ބިމަކަށް 5.6 މިލިއަން ރުފިޔާ އަދި ބީޗް ފްރޮންޓްގެ އެ ވަރުގެ ބިމަކަށް 6.2 މިލިއަން ރުފިޔާ އަރައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް