މިއަދު ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އެންމެ ފުޅާކޮށް އެބައޮތްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްލާއީލް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭން 2022-2026 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ އެކަން އެހެންއޮތްނަމަވެސް ރައްޔިތުންގެ އިތުބާރު އެންމެ އެދެވޭ ގޮތެއްގައި އަދި ލިބިފައި ނެތްކަމަށެވެ.
އެހެންކަމުން މިފަދަ ޕްލޭނެއްގެ ތެރެއިން އެންމެ އިސްކަމެއް ދޭންވީ، ރާއްޖޭގެ ނޫސްވެރިކަމަށް އާންމުންގެ އިތުބާރު ހޯދުމާއި، ޕްރޮފެޝަނަލް ނޫސްވެރިން ބިނާކުރުންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި "ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް" އެއްގެ މުހިންމުކަމުގެ މައްޗަށް ވެސް މިނިސްޓަރ ވަނީ އަލިއަޅުވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް، ސަހުބާން ފަހުމީ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭން ވެގެންދާނީ ރާއްޖޭގެ ހަލުވި ދުވެލީގައި ކުރިއަރަމުންމިދާ މީޑިއާގެ މާޙައުލުގައި އިންސްޓިޓިއުޝަނަލް އިފެކްޓިވްނަސް އަދި އެފިޝަންސީ ރަނގަޅުކުރުމަށް ކުރަހައިދޭ މަގުޗާޓެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ.
"މި ޕްލޭން ރަނގަޅަށް ތަންފީޛު ކުރުމުގެ ސަބަބުން، މީޑިއާގެ ދާއިރާއަކީ ޕްރޮފެޝަނަލް ދާއިރާއަކަށްވެ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭގޮތަށް، މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް މަގުފަހިވެގެންދާނެ. އަދި މި ޕްލޭނަކީ އެމް.އެމް.ސީގެ 13 އަހަރުގެ މާޒީގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ސްޓެރެޓެޖިކް ޕްލޭން. މި ޕްލޭން އެކުލަވައިލެއްވުމުގައި ކައުންސިލްގެ މެންބަރުންނާއި، އިދާރީ މުވައްޒަފުން ކުރެއްވި މަސައްކަތަށް ޝުކުރުއަދާކުރަން. އަދި މި ރަސްމިއްޔާތުގައި ބައިވެރިވިވެވަޑައިގެންނެވީތީ މިނިސްޓަރަށާއި، ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާ އިދާރީ މުވައްޒަފުނަށް ޝުކުރު ދަންނަވަން.: ޝަހުބާން ވިދާޅުވިއެވެ.
އިފްތިތާހު ކުރެވުނު ސްޓްރެޓެޖިކް ޕްލޭންއަކީ 2022-2026 ގައި މިކައުންސިލުން ހާސިލުކުރުމަށް ބޭނުންވާ މުހިންމު ލަނޑުދަނޑިތަކާއި، ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތްތަކަށް ގެންގޮސް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތްވާ ޕްރޮފެޝަނަލް މިންގަނޑަށް ފެތޭ ނޫސްވެރިކަމެއް ބިނާކުރެވިގެންދާނޭފަދަ، މުހިއްމު މަސައްކަތްތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލޭންއެކެވެ.
މި ޕްލޭންގެ މުއްދަތުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ނަތީޖާ ހާސިލުކުރުމަށް އަމާޒުހިފާނެ މައިގަނޑު 7 "ކީ ރިޒަލްޓްސް އޭރިއާ" އެއް ވަރަށް ތަފްސީލުކޮށް ހިމަނާފައިވެއެވެ.
އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންޑަސްޓްރީގެ އިތުބާރު ހޯދުމާއި، މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމާއި، ވަކި ފަރާތަކަށް ނުޖެހޭ ޑިސްޕިއުޓް ރިޒޮލިއުޝަން މެކާނިޒަމްއެއް ގާއިމް ކުރުން ހިމެނެއެވެ. އަދި މާލީ މިނިވަންކަން އިތުރުކުރުމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ރާއްޖޭގައި ޕްރޮފެޝަނަލް މީޑިއާ ޑިވެލޮޕްމަންޓް ކުރިއެރުވުން އަދި މުޖްތަމައުގެ އެންގޭޖްމަންޓް އިތުރުކުރުން ހިމެނެއެވެ.
މީގެ އިތުރުން މި ކަންކަން ހާސިލުކުރެވޭ މިންވަރު އަހަރުން އަހަރަށް މިންކުރެވޭނެ މެކޭނިޒަމެއްވެސް މި ޕްލޭންގައިވަނީ ހިމަނައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް