އިޖުތިމާއީ ދުޅަހެޔޮކަން އަންނާނީ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ބ. ގޮއިދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެއަށް ވިސްނައި ފިކުރު ހިންގައިލާއިރު ރާއްޖޭގެ ރަށްރަށުގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"މީގެ އެތައް އަހަރެއް ކުރިން ރާއްޖެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާ ކަމުގައިވާ މަސްތުވާތަކެތީގެ އަސަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް ވަނީ ކޮށްފަ. އެކަމުގެ ފަހަތުގައި ތިބި ނުރައްކާތެރި މީހުން އެ ކުރާ މަސައްކަތަކީ، އެކަމަށް ވިސްނައިގެން ފުލުހުންގެ ޚިދުމަތް ބައްޓަންކުރަންޖެހޭ މަސައްކަތެއް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ މެދުކެނޑުމެއްނެތި ކޮންމެދުވަހަކު މަސްތުވާތަކެތީގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިނގަމުންދާ ކަމަށާއި އޭގެ ފަހަތުން އަންނަ ބޮޑެތި ކުށްތަކުގެ ނަތީޖާއިން މުޅި މުޖުތަމައު އަބާއްޖަވެރިވެ، ނުތަނަވަސްވެ ހިތްހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެންދާ ކަމަށެވެ.
ހޯމް މިނިސްޓަރ ޝައިޚް އިމްރާން ވިދާޅުވީ މި ހާލަތު ބަދަލުކުރުމުގައި ރައްޔިތުންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން އެއީ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރުމުގައި ފޫހިކަމެއްނެތި ފުލުހުން ދެމިތިބޭނެ ކަމަށެވެ.
ގޮއިދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި، ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ އާއި، ބ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ނައީމް އާއި ބ. އަތޮޅު ކައުންސިލްގެ ރައީސް އާއި ގޮއިދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލް މެމްބަރުންނާއި އެ ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް