ފަނޑިޔާރުންނަށް ލިބޭ އިނާޔަތާއި އެއްހަމައެއްގައި އިންސާފުލިބޭ ކަމުގެ އިޙްސާސް ރައްޔިތުންނަށް ވާން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ ބަހުސްގައި މެންބަރު އަހުމަދު ޒާހިރު ވިދާޅުވީ ފަނޑިޔާރުންނަށް އިނާޔަތާއި އިތުރު ހިމާޔަތް ފޯރުކޮށްދިނުމަށް މަޖިލީހުން ދެކޮޅުނޫން ކަމަށެވެ.
ނަމަވެސް އެލިބޭ އިނާޔަތާ އެއް ހަމައެއްގައި އިންސާފުލިބޭ ކަމުގެ އިޙްސާސް ރައްޔިތުންނަށް ވާން ޖެހޭނެކަމަށް ޒާހިރު ވިދާޅުވިއެވެ.
މީގެ އިތުރުން މައްސަލައެއްގައި އަަކުރަކާ ފިއްޔަކާހެދި މުޅި މައްސަލަ ފުރޮޅިގެން ދިއުމަކީ ޤަބޫލުކުރަށްވާ ކަމެއްނޫން ކަމަށާއި އެކަމާމެދު ޖޭއެސްސީންވެސް ފާރަވެރިވާން ޖެހޭނެ ކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި އެ ކަންކަމާއި މެދު ރައްޔިތުން ސުވާލުކުރާކަން ފާހަގަކުރައްވާ ޒާހިރު ވިދާޅުވީ، ކައިފިކަން، ނަގައިފިކަން އެންމެންނަށް އެނގޭ އިރުވެސް އިންނަ ނަންބަރަކާއިި ހެދި އިންސާފު ނުލިބޭ ކަމަށާއި އެއީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްޤު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށެވެެ. އެގޮތުން ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށް އިސްލާޙުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް