އިސްލާމްދީނުގައި ނަމާދުގެ މަޤާމް…

ނަމާދަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އީމާންކަމުގައި ނަމާދުގެ މަޤާމަކީ، ހަށިގަނޑުގައި ބޮލުގެ މަޤާމެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވަނީ، ނަމާދަށް ވަރަށް ބޮޑު އަހަންމިއްޔ...

08 Feb 2022 | 02:30

ނަމާދަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އީމާންކަމުގައި ނަމާދުގެ މަޤާމަކީ، ހަށިގަނޑުގައި ބޮލުގެ މަޤާމެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވަނީ، ނަމާދަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައެވެ. ނަމާދު ކުރުމަށް އަންގަވައި އަމުރުކުރައްވާފައިވަނީ، ވަރަށް ވެސް ގަދަ އަމުރުންނެވެ. މާތްﷲ އަންގަވާފައިވެއެވެ.

إنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا) އައްނިސާ: 103)،

މާނައީ، “ހަމަކަށަވަރުން ނަމާދަކީ، މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމުގައި ވެއެވެ.”

ނަމާދުކުރުމަށް އަންގަވައި، ނަމާދު ނުކުރާ މީހުންނަށް ވަރަށް ވަރުގަދަ އިންޒާރުން އިންޒާރު ދެއްވާފައިވެއެވެ. ފަހެ، ނަމާދަކީ، ދީނުގެ ތަނބެވެ. ދީނުގައި އޭގެ މިސާލަކީ، ފޭލިގެއެއްގެ މެދުގައި ޖަހާފައި ހުންނަ ދަނޑީގެ މިސާލެވެ. އެ ދަނޑި ވައްޓާލައިފިނަމަ، ފޭލިގެ ކޮޅަކަށް ނުހުންނާނެއެވެ. ހަމައެފަދައިން، ނަމާދާއި ނުލައި މީހެއްގެ އިސްލާމްކަން ސީދާ ނުވާނެއެވެ.

އިބްނު ޢުމަރު ރަޟިޔަ ﷲ ޢަންހުމާ ރިވާކުރައްވާފައިވެއެވެ.

أَنَّ النَّبِيَّ صَلَّى الله عَلَيهِ وَسَلَّم قَالَ: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ

މާނައީ، “ހަމަކަށަވަރުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އިސްލާމްދީން ބިނާވެފައިވަނީ ފަސް ކަމެއްގެ މައްޗަށެވެ. (އެ ފަސްކަމަކީ) ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަން ވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ކުޅަދާނަ ވެގެންވާ މީހާ ގެފުޅަށް ގޮސް ޙައްޖުވުމާއި، ރަމަޟާން މަހު ރޯދަ ހިފުމެވެ.”

ނަމާދަކީ އެންމެ ހެޔޮ ޢަމަލެވެ. ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ދުނިޔެއާ ވަކިވެވަޑައިގަތުމުގެ ކުރިން މި އުންމަތަށް ކުރެއްވި އެންމެ ފަހު ވަޞިއްޔަތްޕުޅު ވެސް ކުރައްވާފައިވަނީ ނަމާދުކުރުމުގެ މައްޗަށެވެ. އިތުރު އެކަލޭގެފާނު އެންމެފަހުން ޙަދީޘްކުރައްވަމުން ގެންދެވި ބަސްފުޅަކީ،

الصَّلاَة وَمَا مَلَكَتْ أَيْمَانُكُمْ މިއެވެ.

މާނައީ، “ނަމާދުކުރުން މަތީ ދެމިތިބުމަށް ތިޔަބައިމީހުން ފަރުވާތެރިވާށެވެ! އަދި ނަމާދުކުރުމާމެދު ތިޔަބައިމީހުން ފަރުވާކުޑަނުކުރާށެވެ!”

ޤިޔާމަތްދުވަހު، މީސްތަކުންގެ ޙިސާބު ބައްލަވާއިރު، އެންމެ ފުރަތަމަ ބައްލަވާނީ، ނަމާދުގެ ޙިސާބެވެ. އަބޫހުރައިރަތުގެފާނު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.

(أَوَّلُ مَا يُحَاسَبُ بِهِ الْعَبْدُ صَلاَتُهُ، فَإِنْ كَانَ أَكْمَلَهَا وَإِلَّا قَالَ اللَّهُ عَزَّ وَجَلَّ: انْظُرُوا لِعَبْدِي مِنْ تَطَوُّعٍ فَإِنْ وُجِدَ لَهُ تَطَوُّعٌ، قَالَ: أَكْمِلُوا بِهِ الْفَرِيضَةَ

މާނައީ، “އަޅާގެ މައްޗަށް (ޙިސާބު ބެއްލެވޭއިރު) އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ، އޭނާގެ ނަމާދާމެދުގަ އެވެ. އޭނާ (ފަރުޟު) ނަމާދު ފުރިހަމައަށް ކޮށްފައި ނުވާނަމަ، މާތް ﷲ، ނިދާ އިއްވަވާނެތެވެ. ތިމަންރަސްކަލާނގެ އަޅާ، ތަޠައްވުޢު ނަމާދެއް ކޮށްފައިވޭތޯ ބަލާށެވެ! ފަހެ، އޭނާ ތަޠައްވުޢު ނަމާދެއް ކޮށްފައިވާނަމަ، އެކަލާނގެ ނިދާ އިއްވަވާނެތެވެ. އޭނާގެ ފަރުޟު ނަމާދުތައް އެއިން ފުރިހަމަކުރާށެވެ!”

ނަމާދުކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާވަރު ނިކަން ބައްލަވާށެވެ! ރަށުގައި ޤާއިމުވެ ތިބެގެންނާއި ދަތުރުމަތީގައްޔާއި އަމާންކަމުގައި ތިބޭއިރުގައްޔާއި ބިރުވެރިކަން ކުރިމަތިވެފައިވާ ދަނޑިވަޅުގައި ވެސް ނަމާދުކުރުމަށް ވަނީ މުސްލިމުންނަށް އަމުރުކުރައްވާފައެވެ. މުސްލިމުންނާއި އެބައިމީހުންގެ ޢަދުއްވުން ހަނގުރާމައިގެ މައިދާނުގައި ބައްދަލުވާ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ވެސް ނަމާދުކުރުމަށް ވަނީ އަންގަވާފައެވެ.

މާތްﷲ ޥަޙީކުރައްވާފައި ވެއެވެ.

حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ، فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا فَإِذَا أَمِنْتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُمْ مَا لَمْ تَكُونُوا تَعْلَمُونَ  (އަލްބަޤަރާ: 238، 239)،

މާނައީ، “ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދު ނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު ނަމާދުގައި ޤާއިމުވެ ތިބޭށެވެ! (238) ފަހެ، ތިޔަބައިމީހުންނަށް ބިރުވެރި ކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާ ތިބެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ، ތިޔަބައިމީހުން، ﷲ ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް އުޅުނު ގޮތަށް ނަމާދުކުރާށެވެ!) ތިޔަބައިމީހުންނަށް އެނގިގެން ނުވާ ކަންތައް، އެކަލާނގެ ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވި ފަދައިންނެވެ.”

އަދި އެފަދަ ދަނޑިވަޅުގައި، ޤިބުލައަށް ކުރިމަތިލުމެއްނެތި ނަމާދުކުރުމަށް ވެސް ވަނީ އަންގަވާފައެވެ.

وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ إِنَّ اللَّهَ وَاسِعٌ عَلِيمٌ  (އަލްބަޤަރާ: 115)،

މާނައީ، “މަޝްރިޤާއި މަޣުރިބު މިލްކުވެވޮޑިގެންވަނީ، ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ކޮންމެ ފަރާތަކަށް އެނބުރުނަސް، އެތަނެއްގައި ﷲ ވޮޑިގެން ވެއެވެ. ހަމަކަށަވަރުން ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

މާތް ﷲ ފަރުޟުކުރައްވާފައިވަނީ، ރެޔާއި ދުވާލު ފަސް ނަމާދެވެ. އެއީ، އިންސާނާގެ ހިތަށް ވެރިވާ ޣަފުލަތާއި، އޭނާއަށް ކުރެވޭ ކުށްފާފައިގެ މިލައިން އޭނާ ޠާހިރު ކުރެއްވުމަށްޓަކައެވެ. އަބޫހުރައިރަތުގެފާނު ރިވާކުރައްވާފައިވާ، ޙަދީޘެއްގައި ވެއެވެ.

أَرَأَيْتُمْ لَوْ أَنَّ نَهْرًا بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ؟ قَالُوا لَا يَبْقَى مِنْ دَرَنِهِ شَيْءٌ، قَالَ: فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ يَمْحُو اللَّهُ بِهِنَّ الْخَطَايَا

މާނައީ، “ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގޭ ދޮރުމަތީގައި ކޯރެއް އޮވެފައި، އެކޯރުން އޭނާ ކޮންމެ ދުވަހަކު ފަސްފަހަރު ފެންވަރައި ސާފުތާހިރުވާނަމަ، އޭނާގެ ގައިގައި އެއްވެސް މިލައެއް ވާނެހެއްޔެވެ؟ އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭނާގެ ގައިގައި އެއްވެސް މިލައެއް ނުވާނެއެވެ. އިތުރު އެކަލޭގެފާނު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ފަސް ނަމާދުގެ މިސާލަކީ އެއީއެވެ. ﷲ އެއިން ފާފަތައް ފޮއްސަވައިލައްވައެވެ.”

ނަމާދެއް ފާއިތުވެއްޖެ މީހާ، އެ ނަމާދު ޤަޟާކުރުމަށް، އިސްލާމްދީނުގައި އަމުރުކުރައްވާފައި ވެއެވެ. ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވެ އެވެ.

مَنْ نَسِيَ صَلاَةً فَلْيُصَلِّ إِذَا ذَكَرَهَا، لاَ كَفَّارَةَ لَهَا إِلَّا ذَلِكَ

މާނައީ، “ހަނދާން ނެތިގެން ނަމާދެއް ނުކުރެވިއްޖެ މީހާ، ހަނދާންވި އިރަކުން އެ ނަމާދު ކުރާށެވެ! އެކަން ފިޔަވައި އެހެން ކަމެއް، އޭގެ ކައްފާރާއެއް ކަމުގައި ނުވެއެވެ.”

އަނަސް ބިން މާލިކު ރިވާކުރައްވާފައިވާ، ޙަދީޘެއްގައި ވެއެވެ.

إِذَا رَقَدَ أَحَدُكُمْ عَنِ الصَّلاَةِ أَوْ غَفَلَ عَنْهَا فَلْيُصَلِّهَا إِذَا ذَكَرَهَا فَإِنَّ اللَّهَ يَقُولُ أَقِمِ الصَّلاَةَ لِذِكْرِى

މާނައީ، “ތިޔަބައިމީހުން ކުރެ މީހަކަށް، ނިދީގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދެއް އެޅިއްޖެނަމަ، އެކަން ހަނދާންވީ އިރަކުން އެ ނަމާދު ކުރާށެވެ! ފަހެ، ﷲ ގެ ޥަޙީ ބަސްފުޅުގައިވަނީ، (أَقِمِ الصَّلاَةَ لِذِكْرِى) މިހެންނެވެ.”

أَقِمِ الصَّلاَةَ لِذِكْرِى  ގެ މާނައީ، “ތިމަން ރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި ނަމާދު ޤާއިމުކުރައްވާށެވެ!”

އިސްލާމްދީނުގައި، ނަމާދަކީ ހަމައެކަނި ދުލުން ކިޔާލާ ކަލިމަތަކެއް ނޫނެވެ. އަދި އެއީ، ވިސްނުމެއް، ފިކުރެއް، ޚުޝޫޢަތްތެރިކަމެއް ނެތި ގުނަވަންތަކުން ކޮށްލާ ޙަރަކާތްތަކެއް ވެސް ނޫނެވެ. ނަމާދަކީ، ކުކުޅެއް، ބިންމަތީގައި ތުނބުން ކޮށާލާހެން އަވަސް އަވަހަށް ކުރާ ކަމެއް ނޫނެވެ. އަދި އެއީ، ކާޅެއް، އެއްޗެއް ޖަހައިގަނެގެން ދާހެން ހަލުއިކަމާއެކު ކުރާ ކަމެއް ވެސް ނޫނެވެ. ކީއްތޯއެވެ. މަޤުބޫލު ނަމާދަކީ، އެއާމެދު ވިސްނުމާއި ފިކުރު ހިންގާ ޙާލު، އަޅުކަން ކުރެވޭ ފަރާތުގެ މަތިވެރިކަން ހިތުގައި ބާއްވައިގެން، ޚުޝޫޢަތްތެރިކަމާއެކު ކުރާ އަޅުކަމެކެވެ.

ނަސީބުވެރިކޮށްދޭ ނަމާދަކީ ކޮބައިކަން މާތް ﷲ ބަޔާންކުރައްވާފައިވެއެވެ.

قَدْ أَفْلَحَ الْمُؤْمِنُونَ، الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ  (އަލްމުއުމިނޫން: 1، 2)،

މާނައީ، “މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (1(

އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.(2)

އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. “ނަމާދުގައި ޚުޝޫޢަތްތެރިވުމާއި، ނަމާދުގައި ކިޔަވާ ޤުރުއާނާއި އަދި ކިޔާ ޒިކުރުތަކާމެދު ވިސްނުން ހިންގުމަކީ، މުސްތަޙައްބު ކަމެކެވެ. ނަމާދަށް ހުންނައިރު، ނަމާދުން ބޭރު ކަންކަމާމެދު ވިސްނުން ހިންގުމާ ދުރުހެލިވާން ވާނެއެވެ. ނަމާދަށް ހުރެ، ނަމާދުން ބޭރު ކަމަކާމެދު ކިތަންމެ ވަރަކަށް ވިސްނުން ހިންގުނު ނަމަވެސް، ނަމާދު ބާޠިލެއް ނުވާނެއެވެ. އެ ގޮތުން ވިސްނާ ވިސްނުމަކީ، ހުއްދަ ކަމަކާމެދު ވިސްނާ ވިސްނުން ކަމަށް ވިޔަސް އަދި އެއީ ބަނގުރާ ބުއިން ފަދަ ޙަރާމް ވިސްނުމެއް ކަމަށް ވިޔަސް، އެއީ މަކުރޫހަ ކަމެކެވެ.”

އިސްލާމްދީން އަމުރުކުރައްވާފައިވަނީ، ދަރީންނަށް ހަތް އަހަރުވުމުން، ނަމާދު ކުރުމަށް، އެކުދިންގެ ބައްޕަ އެކުދިންނަށް އަމުރު ކުރުމަށެވެ. އަދި ޢުމުރުން ދިހަ އަހަރު ވާއިރު، އެކުދިން ނަމާދު ނުކުރާނަމަ، އެއީ ވަރަށް ބޮޑު ކުށެއްކަން އަންގައި ދިނުމުގެ ގޮތުން، ހާނީއްކަ ނުވާނެހެން އެކުދިންނަށް އަދަބު ދިނުމަށެވެ. ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘެއްގައި ވެއެވެ.

مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ

މާނައީ، “ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރު ވުމުން، ނަމާދު ކުރުމަށް އެ ކުދިންނަށް އަމުރުކުރާށެވެ! އަދި އެކުދިން ނަމާދު ނުކުރާނަމަ، އެކުދިންގެ ޢުމުރުން ދިހަ އަހަރު ވުމުން އަދަބު ދޭށެވެ!”

ނަމާދު އަޅައިފި މީހާގެ ޙުކުމް

އިސްވެ ބަޔާންވެ ދިޔައީ އިސްލާމްދީނުގައި ނަމާދަށް ދެއްވާފައިވާ މަތިވެރި މަޤާމެވެ. އެހައި މަތިވެރި މަޤާމެއް ނަމާދަށް ދެއްވާފައި ވާއިރުވެސް، ވަރަށް ގިނަ މީހުން ނަމާދު އެޅުމުގެ ފާފަ ކުރެއެވެ. އެބައިމީހުން ނަމާދު އަޅަނީ، އަންނަނިވި ދެގޮތުން ކުރެ ގޮތެއްގައެވެ.

1. ނަމާދާމެދު އިންކާރު ކުރުމުގެ ގޮތުން ނަމާދު އެޅުން.

2. ނަމާދާމެދު ފަރުވާކުޑަކުރުމުގެ ސަބަބުން ނަމާދު އެޅުން.

މި ދެ ގޮތުން ކުރެ ކޮންމެ ގޮތަކަށް ވަކި ޙުކުމެއް ވެއެވެ. އަންނަނިވި ފޮޅުވަތްތަކުގައި މިބަޔާންކުރަނީ، އެ ޙުކުމެވެ.

1. ނަމާދާމެދު އިންކާރު ކުރުމުގެ ގޮތުން ނަމާދު އެޅުން

ނަމާދު އަޅާ މީހާއީ، ނަމާދު ވާޖިބުވުމާމެދު އިންކާރުކުރާ މީހެއް ކަމުގައި ވަނީނަމަ، އޭނާއަކީ އިސްލާމްދީނުން ބޭރުވެފައިވާ ކާފިރެއް ކަމަށް އެންމެހައި މުސްލިމުން ވަނީ އިޖުމާޢުވެފައެވެ. އެހެނީ، ނަމާދު ކުރުމަކީ، އަދާކުރަން ޖެހޭ ވާޖިބެއް ކަމުގައި ޤަބޫލުކުރަން ޖެހެއެވެ. އަދި އެކަން ޤަބޫލުކުރުމަކީ، ދީނުން ކޮންމެހެން އެނގެން ޖެހޭ ކަމެއް ކަމުގައި މުސްލިމުން ވަނީ، އިޖުމާޢުވެފައެވެ. މިއިން އިސްތިސްނާ ވަނީ، އަލަށް އިސްލާމް ދީނަށް ވަންނަ މީހުންގެ ތެރެއިން ނަމާދު ކުރުމަކީ، ވާޖިބެއް ކަން އެނގިފައި ނުވާ މީހުންނެވެ. އަލަށް އިސްލާމްދީނަށް ވަންނަ މީހާ، މުސްލިމުންނާއެކު އެކަށީގެންވާ މުއްދަތެއް ފާއިތުވަންދެން ނޫޅޭނަމަ، އޭނާއަށް އެކަން ނޭނގި އޮތުމަކީ ފަހަރެއްގައި ވެދާނެ ކަމެކެވެ.

އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ.

“ނަމާދު ކުރުމަކީ، ވާޖިބެއް ކަމާމެދު އިންކާރުކޮށް ނަމާދު އަޅައިފި މީހާ، ނުވަތަ ނަމާދު ކުރުމަކީ ވާޖިބެއް ކަމާމެދު އިންކާރުކުރާ ޙާލު ނަމާދުކުރާ މީހާއީ، މުރުތައްދު ވެފައިވާ ކާފިރެއް ކަމަށް މުސްލިމުން ވަނީ އިޖުމާޢުވެފައެވެ. އޭނާ އިސްލާމް ނުވެއްޖެނަމަ، މުރުތައްދުވާ މީހާއަށް ދޭން ޖެހޭ އަދަބު، އޭނާއަށް ދޭން ޖެހޭނެއެވެ. މި އަދަބު އޭނާއަށް ދޭނީ މުސްލިމުންގެ އިމާމެވެ. އޭނާ އިސްލާމް ނުވެއްޖެނަމަ، މުރުތައްދު ވެފައިވާ މީހެއްގެ މައްޗަށް ހިނގާ ހުރިހައި ޙުކުމެއް، އޭނާގެ މައްޗަށް ހިނގާނެއެވެ. އޭނާއަކީ ފިރިހެނެއް ކަމުގައި ވިޔަސް، އަދި އަންހެނެއް ކަމުގައި ވިޔަސް، އޭނާއަކީ، މުސްލިމުންގެ ތެރޭގައި ދިރިއުޅެ ބޮޑުވެފައިވާ މީހެއް ނަމަ، ކަން އޮތީ މިގޮތަށެވެ. މިއާ ޚިލާފަށް، އޭނާއަކީ، އަލަށް އިސްލާމްވި މީހެއް ކަމަށް ވަނީނަމަ، ނުވަތަ އޭނާ ދިރިއުޅެނީ މުސްލިމުންނާ ދުރު ހިސާބެއްގައި ކަމަށް ވަނީނަމަ، ނަމާދު ކުރުމަކީ އަދާކުރަން ޖެހޭ ވާޖިބެއް ކަން އޭނާއަށް ނޭނގި އޮވެދާނެއެވެ. މި ޙާލަތުގައި، އޭނާ ނަމާދާމެދު އިންކާރުކުރިޔަސް، އޭނާއަކީ ކާފިރެއް ކަމުގައި ނުބުނެވޭނެއެވެ. މި ޙާލަތުގައި އަޅުގަނޑުމެން ޖެހޭނީ އޭނާއަށް އޮޅުން ފިލުވައި ދޭށެވެ. ނަމާދުކުރުމަކީ، އަދާކުރަން ޖެހޭ ވާޖިބެއްކަން އޭނާއަށް ރަނގަޅަށް އޮޅުން ފިލުވައި ދިނުމަށްފަހު، އޭނާ އެކަމާމެދު އިންކާރުކޮށްފިނަމަ، އޭނާ ވާނީ މުރުތައްދު ވެފައިވާ މީހަކަށެވެ.

2. ނަމާދާމެދު ފަރުވާކުޑަކުރުމުގެ ސަބަބުން ނަމާދު އެޅުން

ނަމާދު ކުރުމަކީ، ވާޖިބެއް ކަމުގައި ޤަބޫލުކުރާ ޙާލު، ފަރުވާ ކުޑަކަމުން ނަމާދު އަޅާ މީހާއާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. ފަރުވާ ކުޑަކަމުން ނަމާދު އަޅާ މީހުން، މުސްލިމުންގެ ތެރޭގައި ވަރަށް ގިނައެވ.

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، ފަރުވާކުޑަކަމުން ނަމާދު އަޅާ މީހާ ކާފިރުވާނެ ކަމަށެވެ. އެބޭކަލުންގެ މި ވިދާޅުވުމަކީ، ޢަލީގެފާނުގެ އަރިހުން ރިވާވެފައިވާ ރައުޔެކެވެ. އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، ނަމާދު އަޅައިފި މީހާ ކާފިރު ނުވާނެ ކަމަށެވެ. ނަމާދު އަޅައިފި މީހާއާމެދު އިމާމު އަޙުމަދުގެ އަރިހުން ވާރިދުވެފައިވާ ދެ ރައުޔުންކުރެ، ޞައްޙަ ރައުޔުގައި ވަނީ، ނަމާދު އަޅައިފި މީހާ ކާފިރު ނުވާނެ ކަމަށެވެ. ޝާފިޢީ މަޛުހަބުގެ ބައެއް ބޭކަލުން ބުރަވެވަޑައިގަންނަވަނީ އިމާމު އަޙުމަދުގެ ޞައްޙަ ރައުޔަށެވެ. އަދި އަންނަނިވި އާޔަތުން އެ ބޭކަލުން ދަލީލު ދައްކަވަ އެވެ.

فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ) އައްތައުބާ: 11)،

މާނައީ، “ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފިނަމަ، ފަހެ، އެއުރެންނީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ.”

މި އާޔަތުން ދަލީލު ލިބޭ ގޮތުގައި، މުސްލިމުންނާއި މުޝްރިކުންނާ ދެމެދުގައި، އުޚުއްވަތްތެރިކަން ސާބިތުވަނީ، (މުޝްރިކުން ޝިރުކު ކުރުން ދޫކޮށް) ނަމާދު ޤާއިމުކުރުމުންނެވެ. ނަމާދު ޤާއިމު ނުކުރާ މީހުންނީ، ދީނީ ގޮތުން ބަލާއިރު، މުސްލިމުންގެ އަޚުން ކަމުގައި ނުވެއެވެ.

މި ރައުޔުގެ ޢިލްމުވެރިން ދަލީލު ދައްކަވާ ޙަދީޘެއްގައި ވެއެވެ.

بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ

މާނައީ، “މީހާއާ، ޝިރުކާއި ކުފުރާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ.”

މި ޙަދީޘުން އެނގޭ ގޮތުގައި، އިސްލާމްދީނުގައި ހުރުމާއި ކުފުރުވުމާއި ދެމެދުގައިވާ އިން ފާހަގަކޮށްދޭ ނިޝާނަކީ ނަމާދެވެ. ނަމާދު އަޅައިފި މީހާ، އިސްލާމް ދީނުން ބޭރުވެ ކާފިރުކަމުގެ ތެރެއަށް ހިނގައްޖެއެވެ.

އިމާމު މާލިކާއި އިމާމު ޝާފިޢީ އާއި ސަލަފީންނާއި ޚަލަފީންގެ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ، ކަންނެތްކަމުން ނަމާދު އަޅައިފި މީހާ، ކާފިރަކު ކަމުގައި ނުވާނެ ކަމަށެވެ. އެކަމަކު އޭނާ ވާނީ ފާސިޤަކު ކަމަށެވެ. މި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އޭނާއަށް ތައުބާވުމަށް އިރުޝާދު ދީ ނަސޭހަތްތެރިވާން ޖެހޭނެއެވެ. އޭނާ ތައުބާ ނުވެއްޖެނަމަ، ޒިނޭކުރާ މުޙުޞަނަކު ފަދައިން އޭނާގެ މައްޗަށް ޙައްދު ޤާއިމްކުރުމުގެ ގޮތުން އޭނާ ޤަތުލުކުރެވޭނެއެވެ. އެކަމަކު، ޒިނޭކުރާ މުޙުޞަނާ ޚިލާފަށް، އޭނާ ޤަތުލުކުރެވޭނީ ކަނޑިންނެވެ.

އިމާމު އަބޫ ޙަނީފާ އާއި، ކޫފާގެ ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެފައިވަނީ، ކަންނެތްކަމާއި ފަރުވާކުޑަކަމުން ނަމާދު އަޅައިފި މީހާ ކާފިރު ނުވާނެ ކަމަށެވެ. އަދި އޭނާ ޤަތުލުކުރަން ނުޖެހޭނެ ކަމަށެވެ. އެކަމަކު، އޭނާއަށް އޮތް އަދަބަކީ ތަޢުޒީރުކުރުމާއި ބަންދުކުރުމެވެ. އޭނާ ނަމާދު ކޮށްފުމަށް ދާންދެން ބަންދުގައި ބަހައްޓަން ވާނެއެވެ. މި ގޮތަށް ވިދާޅުވާ ބޭކަލުންގެ ދަލީލަކީ، މާތް ﷲ ގެ އަންނަނިވި ވަޙީ ބަސްފުޅެވެ. އެއީ،

إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ) މިއެވެ. (އައްނިސާ: 48)،

މާނައީ، “ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ.”

މި އާޔަތުގައި ބަޔާންކުރައްވާފައި މިވަނީ، މާތް ﷲ، ނުފުއްސަވާނެ ހަމައެކަނި ފާފައަކީ، އެކަލާނގެއަށް ޝަރީކުކުރުން ކަމެވެ. އެނޫން ހުރިހައި ފާފައެއް އެކަލާނގެ ފުއްސަވައެވެ. ނަމާދު ކުރުމާމެދު އިދިކޮޅު ހެދުމެއް ނެތި، ކަންނެތްކަމާއި ފަރުވާކުޑަކަމުން ނަމާދު އެޅުމަކީ، މާތް ﷲ އަށް ޝަރީކުކުރުމަށްވުރެ ކުޑަ ފާފައެކެވެ.

ކަންނެތްކަމާއި ފަރުވާކުޑަކަމުން ނަމާދު އަޅައިފި މީހާ ކާފިރު ނުވާނެ ކަމަށް ދަލީލު ލިބޭ ޙަދީޘެއްގައި ވެއެވެ.

خَمْسُ صَلَوَاتٍ كَتَبَهُنَّ اللَّهُ عَلَى الْعِبَادِ فَمَنْ جَاءَ بِهِنَّ لَمْ يُضَيِّعْ مِنْهُنَّ شَيْئًا اسْتِخْفَافًا بِحَقِّهِنَّ، كَانَ لَهُ عِنْدَ اللَّهِ عَهْدٌ أَنْ يُدْخِلَهُ الْجَنَّةَ، وَمَنْ لَمْ يَأْتِ بِهِنَّ فَلَيْسَ لَهُ عِنْدَ اللَّهِ عَهْدٌ إِنْ شَاءَ عَذَّبَهُ وَإِنْ شَاءَ أَدْخَلَهُ الْجَنَّةَ

މާނައީ، “އަޅުތަކުންގެ މައްޗަށް، ﷲ ފަސްނަމާދު ފަރުޟުކުރައްވާފައި ވެއެވެ. އެއިން ނަމާދަކާމެދު ފަރުވާކުޑަކުރުމެއްނެތި، ރަނގަޅުގޮތުގައި އެ ނަމާދުތައް އަދާކޮށްފި މީހާއަށް ﷲ ގެ ޙަޟުރަތުގައި ޢަހުދެއް ވެއެވެ. އެއީ އޭނާ ސުވަރުގެ ވައްދަވާނެ ކަމުގެ ޢަހުދެވެ. އަދި އެ ނަމާދުތައް އަދާ ނުކޮށްފި މީހާއަށް އެކަލާނގެ ޙަޟުރަތުގައި ޢަހުދެއް ނެތެވެ. އެކަލާނގެ އެދިވޮޑިގެންފިނަމަ، އޭނާއަށް ޢަޛާބު ދެއްވައިފާނެތެވެ. އަދި އެކަލާނގެ އެދިވޮޑިގެންފިނަމަ، އޭނާ ސުވަރުގެ ވައްދަވައިފާނެތެވެ.”

ނަމާދު ނުކުރާ މީހާއާމެދު ގޮތެއް ނިންމެވުން އޮތީ މާތް ﷲ ގެ ޙަޟުރަތަށްކަން، މި ޙަދީޘުން އެނގެއެވެ. އަދި މި ޙަދީޘަކީ، އޭނާ ކާފިރު ނުވާ ކަމުގެ ދަލީލެކެވެ.

އެހެންވެ، މުސްލިމުން ދެމިތިބީ، ނަމާދު އަޅައިފި މީހާގެ ކިބައިން ވާރުތަވުމާއި އޭނާއަށް ވާރުތަކުރުން މަތީގައެވެ. އޭނާއަކީ، އޭނާގެ ފާފަ ނުފުއްސަވާނެ ކާފިރެއް ކަމުގައިވީނަމަ، ވާރުތަކުރުމާއި ވާރުތަވުން އޭނާއަކަށް ނޯންނާނެއެވެ.

އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. “ނަމާދުކުރުމާމެދު ދެކޮޅު ވެރިވުމެއް ނެތި، ނަމާދު އަޅާ މީހުން ބެހިގެން ވަނީ ދެބަޔަކަށެވެ.

އޭގެތެރެއިން އެއް ބަޔަކީ، ނިދުމާއި ހަނދާން ނެތުން ފަދަ ކަމެއް ދިމާވެގެން ނަމާދު އަޅާ މީހުންނެވެ. މިބައިމީހުންނަށް އޮތީ ފާއިތުވި ނަމާދު ޤަޟާކުރުން އެކަންޏެވެ. އެކަން ކުރުމުގެ ވަގުތުވަނީ ތަނަވަސްވެގެންނެވެ. މިބައިމީހުންގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ.

އަނެއް ބަޔަކީ، އެއްވެސް ޢުޒުރެއްނެތި، ކަންނެތްކަމާއި ފަރުވާކުޑަކަމުން، ނަމާދު އަޅާ މީހުންނެވެ. މިބައިމީހުން ފާފަވެރިވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިބައިގައި ހިމެނޭ މީހަކު، ނަމާދުކުރުމަކީ، ވާޖިބެއް ކަމާމެދު އިންކާރުކޮށްފިނަމަ، އޭނާ ޤަތުލުކުރުން ވާޖިބުވާނެއެވެ. މި ޙާލަތުގައި އޭނާ ކާފިރުވާނެތޯއެވެ؟ މި ސުއާލަށް ދެ ޖަވާބު ދޭ، ދެ ރައުޔު އެބައޮތެވެ.

އޭގެ ތެރެއިން ފުރަތަމަ ރައުޔުގައިވަނީ، އޭނާއަކީ، ކާފިރެއް ކަމުގައި ބަލަން ޖެހޭކަމަށެވެ. ދެވަނަ ރައުޔުގައިވަނީ، އޭނާއަކީ، ކާފިރެއް ކަމުގައި ބަލަން ނުޖެހޭނެ ކަމަށެވެ. ޢިލްމުވެރިންގެ ޖުމްހޫރުގެ ރައުޔަކީ މީގެ ތެރެއިން ޞައްޙަ ރައުޔު ކަމުގައިވާ ދެވަނަ ރައުޔެވެ.

އަންނަނިވި އާޔަތް، އިސްވެ ބަޔާންވެފައި ވާނެ އެވެ. މި އާޔަތުގެ މައްޗަށް ޢިލްމުވެރިން ދެ ގޮތަކަށް ނަޒަރު ހިންގަވާފައި ވެއެވެ.

فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ މިއެވެ. (އައްތައުބާ: 11)،

މާނައީ، “ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފިނަމަ، ފަހެ، އެއުރެންނީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ.”

ފުތަރަމަ ނަޒަރު

އިމާމު އިބްނު ޢަޠިއްޔާ ވިދާޅުވެފައިވެއެވެ.

މި އާޔަތުގައިވާ (تَابُوا) މާނައީ، “އެއުރެން ތައުބާވެ” މިއެވެ. މ ި ބަސްފުޅުގެ މާނައީ، އެބައިމީހުން ތިބި ނޭދެވޭ ޙާލަތުން، ރަނގަޅު ޙާލަތަކަށް ބަދަލުވުމެވެ. އެބައިމީހުން ވާންޖެހޭ ތައުބާގައި އީމާންކަން ހިމެނެއެވެ. ނަމާދު ޤާއިމުކުރުމުގެ ކުރިން ޝަރުޠުކުރައްވާފައި އެވަނީ، ތައުބާވުމެވެ. އޭގައި އީމާންކަން ހިމެނެއެވެ. އެހެނީ، ނަމާދާއި ޒަކާތް ބަޔާންކުރެއްވުމުގެ ކުރިން، މާތް ﷲ ބަޔާންކުރައްވާފައި އެވަނީ، ތައުބާއެވެ. އެހެންވީމާ، ދީނުގައި އަޚުން ކަމަށް ޙުކުމްކުރުމުގެ ހަމައިގެ އަޞްލަކީ، ތައުބާއެވެ.

އައްޠަބަރީ ވިދާޅުވެފައި ވެއެވެ.

އަބޫޖަޢުފަރު ވިދާޅުވިއެވެ. މި އާޔަތުގައި މާތް ﷲ އަންގަވާފައިވާ ބަސްފުޅުގެ ދޭހައަކީ: ތިމަންރަސްކަލާނގެ އެބައިމީހުން ޤަތުލުކުރުމަށް ތިޔަބައިމީހުންނަށް އެންގެވި މުޝްރިކުން، އެއުރެންގެ ކުފުރާއި ޝިރުކުން އެއްކިބާވެ، އެކަންތައްތައް ދޫކޮށްލައި، ތިމަންރަސްކަލާނގެއަށާއި ތިމަންރަސްކަލާނގެ ރަސޫލާއަށް އީމާންވެއްޖެނަމަ، އަދި އިތުރު އެކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކޮށް ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ޤާއިމުކޮށް ޒަކާތް ދޭން ކަނޑައަޅުއްވާފައިވާ މީހުންނަށް ޒަކާތް ދީފިނަމަ، އެއުރެންނީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ. އެ ދީނަކީ، އެ ދީނަށް އުޅުމަށް ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވި ދީނެވެ. އެއީ އިސްލާމްދީނެވެ.

އައްޝައުކާނީ ވިދާޅުވެފައިވެއެވެ.

فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ

މި އާޔަތުގައިވަނީ، ޝިރުކުކުރުމުން ތައުބާވާ ވާހަކައެވެ. ޤަތުލުކުރަން ޖެހޭ ސަބަބަކީ، ޝިރުކުކުރުމެވެ. އެމީހުން ތައުބާވި ކަން ސާބިތުކޮށް ދޭންވާނީ، އިސްލާމްދީނުގެ އެންމެ މަތިވެރި ރުކުން ކަމުގައިވާ ނަމާދު ޤާއިމްކުރުމުންނެވެ. ތައުބާވުމުގައި ހަށިގަނޑާ ގުޅިފައިވާ ބައި، މި ރުކުން އަދާކުރުމުން ފުދޭނެއެވެ. އަދި މުދަލާ ގުޅިފައިވާ ރުކުންކަމުގައިވާ ޒަކާތްދިނުމުން ތައުބާވެއްޖެކަން އެނގޭނެއެވެ. އެހެނީ، މުދަލާ ގުޅިފައިވާ އަޅުކަންތައް ވަނީ ޒަކާތް ދިނުމުގައެވެ. އެއީ، އެބާވަތުގެ އަޅުކަމުގެ ތެރެއިން އެންމެ މަތިވެރި އަޅުކަމެވެ.

ދެވަނަ ނަޒަރު

އާޔަތުގައި އެވަނީ، ނަމާދާއެކު ޒަކާތް ބަޔާންކުރައްވާފައެވެ. މިތަނުގައި އުފެދޭ ސުއާލަކީ، އެއުރެންގެ ތެރެއިން މީހަކު ތައުބާވެ، ނަމާދުކުރާ ކަމުގައި ވާ ޙާލު، ޒަކާތް ނުދީފިނަމަ، އޭނާއަކީ، މުސްލިމުންނަށް ލިބިގެންވާ ޙައްޤުތައް ލިބިގެންވާ އަދި މުސްލިމުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ، ދީނީގޮތުން މުސްލިމުންގެ އަޚެއްކަމުގައި ނުވާނެތޯއެވެ؟ މި ސުއާލުގެ ޖަވާބުގައި އޭނާއަކީ، ދީނީ ގޮތުން މުސްލިމުންގެ އަޚެއް ކަމުގައި މީހަކު ބުނެފިނަމަ، އަޅުގަނޑުމެން ބުނާނީ މިފަދައިންނެވެ. އާޔަތުގައި ނަމާދާއި ޒަކާތް ބަޔާންކުރައްވާފައި އެވަނީ އެކުއެކީގައި، ތައުބާއަށްފަހު، ތަރުތީބުންނެވެ. އާޔަތުގައި ނަމާދާއި ޒަކާތް ވަކިކުރައްވައިފައިވާ ކަމުގެ ދަލީލަކީ ކޮބައިތޯއެވެ؟ އަދި އޭނާއަކީ، ދީނުގައި އަޚެއް ނޫން ކަމަށް މީހަކު ބުނެފިނަމަ، އަޅުގަނޑުމެން ބުނާނީ މިފަދައިންނެވެ. ތިޔައީ ބާޠިލު ބަހެއްކަން ޔަޤީނެވެ. ތިޔަ ކަން ސާބިތުކޮށްދޭ އެއްވެސް ދަލީލެއް ނެތެވެ.

އިސްވެ ދިޔަ ޙަދީޘެއްގެ މާނަތައް

އަންނަނިވި ޙަދީޘް ވާނީ އިސްވެ ބަޔާންވެފައެވެ. އެ ޙަދީޘުން، ޢިލްމުވެރިން އެތައް މާނަތަކެއް ނެރުއްވާފައި ވެއެވެ. އެ ޙަދީޘަކީ،

بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ މިއެވެ.

މާނައީ، “މީހާއާ، ޝިރުކާއި ކުފުރާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ.”

މި ޙަދީޘުން ދޭހަވާ މާނައީ:

1. ނަމާދު އަޅައިފި މީހާގެ މައްޗަށް ކާފިރުވުމުގެ ޢުޤޫބާތް ޙައްޤުވުމެވެ. އެ ޢުޤޫބާތަކީ، ޤަތުލުކުރުމެވެ.

2. ނުވަތަ އޭނާ އެ ޢުޤޫބާތް ޙައްޤުވާ މީހަކާ އެއްފަދަ ވެއްޖެއެވެ.

3. ނުވަތަ އޭނާ ނަމާދު އެޅުމުގެ ސަބަބުން ކާފިރު ކަމުގެ ތެރެއަށް ހިނގައިދާނެއެވެ.

4. ނުވަތަ އޭނާގެ އެ ޢަމަލަކީ، ކާފިރުންގެ ޢަމަލެކެވެ.

އިބްނު ޙިއްބާން ވިދާޅުވެފައި ވެއެވެ. މާތްﷲ ރުއްސުންލެއްވި، އަބޫ ޙާތިމް ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ނަމާދު އަޅައިފި މީހާ އަށް ކާފިރުކަމުގެ ނަން ދެއްވާފައިވަނީ، ނަމާދު އެޅުމަކީ، ކާފިރުވުމުގެ ފެށުން ކަމަށްވާތީއެވެ. އެހެނީ، މީހަކު ނަމާދު އެޅުން އާދަކޮށްފިނަމަ، އެއާ ވިދިގެން ދީނުގައިވާ އެހެން ފަރުޟުތައް އަދާކުރުން ހުއްޓާލާނެއެވެ. ފަރުޟުތައް އަދާކުރުން ހުއްޓާލައިފި މީހާ، އެއާމެދު އިންކާރުކުރާ ދަރަޖައަށް ހިނގައިދާނެއެވެ. ކަން މިހެން އޮތުމާއެކު، ކާފިރުވުމަށް ގެންގޮސްދޭ ފުރަތަމަ މަރުޙަލާ ކަމުގައިވާ ނަމާދު އެޅުމަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ދެއްވާފައި އެވަނީ، އޭގެ އެންމެ ފަހު މަރުޙަލާގެ ނަމެވެ. މިއީ ޢަރަބި ބަހުގައި އޮންނަ ހަމައެކެވެ. ކަމެއް ކުރުމުން ވާޞިލުވާ ނަތީޖާގެ ނަމުން، އެކަމުގެ ކުރީކޮޅަށް ނަން ދިނުމަކީ، ޢަރަބި ބަހުގެ ޤަވާޢިދު ތަންދޭ ކަމެކެވެ.

ޚާތިމާ

މިކަންތައްތައް މިހެން ހުރުމާއެކު، ދީނީ ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދަރިވަރުންނާއި، އެނޫން މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ، ނަމާދު އަޅާ މީހާއާމެދު ގޮތެއް ނިންމުމުގައި އަވަސްވެ ނުގަތުމެވެ. އޭނާ ކާފިރުވެއްޖެ ކަމަށާއި، އޭނާ މުރުތައްދު ވެއްޖެ ކަމަށް ބުނެ، އޭނާގެ މައްޗަށް އެންމެ ހަރުކަށި ބަހުން ބަސް ބުނުމަކީ، އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ، މީހަކު އިސްލާމް ދީނަށް ވަދެއްޖެ ކަމަށާއި، މީހަކު އިސްލާމް ދީނުން ބޭރުވެއްޖެ ކަމަށް ބުނުން ޙައްޤުވެގެންވަނީ، ދުވާލުގެ އިރަށްވުރެ ބޮޑަށް ބަޔާންވެގެންވާ ދަލީލަކާއެކުގައެވެ.

ޞައްޙަ ސަނަދުން ސާބިތުވެފައިވާ ގޮތުގައި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

أَيُّمَا رَجُلٍ قَالَ لأَخِيهِ يَا كَافِرُ، فَقَدْ بَاءَ بِهَا أَحَدُهُمَا

މާނައީ، “މީހަކު އެބަހީ: މުސްލިމަކު އޭނާގެ އަޚާއާ ދިމާއަށް އެބަހީ: އެހެން މުސްލިމަކާ ދިމާއަށް “އޭ ކާފިރޭ” އެބަހީ: މިފަދަ ޢިބާރާތެއް ބުނެފިނަމަ، ފަހެ، ހަމަކަށަވަރުން އެ ދެ މީހުންކުރެ އެކަކު ވާނީ ކާފިރުވެފައެވެ.”

ފަހެ، ނަމާދާމެދު އިންކާރުކުރާ ޙާލު، ނަމާދު އަޅައިފި މީހާ ވާނީ، އިސްލާމް ދީނުގެ މިއްލަތުން ބޭރުވެފައެވެ. ކަންނެތް ކަމާއި ފަރުވާ ކުޑަ ކަމުން ނަމާދު އަޅައިފި މީހާ ވާނީ، ވަރަށް ބޮޑު ނުރައްކަލެއްގެ މަތީގައެވެ. އޭނާ އެ ކުރީ، ބޮޑު ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި އެއީ އޭނާގެ ދީން، އޭނާގެ އަތުން ބީވެގެން ހިނގައިދާ ވަރުގެ ކަމެކެވެ. އަޅުގަނޑުމެން މާތް ﷲ ގެ ޙަޟުރަތުގައި އެދެންވާނީ، އޭނާ، އެ ނުރައްކަލުން ސަލާމަތް ކުރެއްވުމަށާއި އޭނާއަށް ކުރެވުނު ކުށަށް ޢަފޫކުރައްވައި އޭނާގެ ފާފަ ފުއްސެވުމަށެވެ.

މައުޟޫމާތް: ބަހުރު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް