އުރަަމަތީގެ ކެންސަރަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗުުުގައި ހުޅުވައިފި އެވެ.
މިއަދު ރަސްމީކޮށް އެ ކްލިނިކް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތްމަތު އިބްރާހީމެވެ.
މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗުގެ ޑިޕާޓްމަންޓު އޮފް ޜޭޑިއޮލޮޖީއިން ނެވެ. އެ ތަނުން އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމަށްފަހު ކެންސަރުގެ އަލާމާތެއް އުޅޭނަމަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެ.
މި ޑިޕާޓްމަންޓުގައި ހިދުމަތް ދޭން ތިއްބަވަނީ އަންހެން ޑޮކްޓަރުން އެކަންޏެވެ. ޑިޕާޓްމަންޓުގެ ހެޑް، ސީނިއާ ކޮންސަލްޓެންޓް އިން ރޭޑިއޮލޮޖީ ޑރ. އާމިނަތު ނަޒީރު ވިދާޅުވީ އެންމެ ބޮޑަށް އެދެނީ އުމުރުން 40 އަހަރުން މަތީގެ މީހުން އުރަމަތީގެ ކެންސަރަށް ސްކީން ކުރަން ދިއުމަށް ކަމަށެވެ. އޭނާ ވިދާޅުވީ 40 އަހަރުން ދަށުގެ އަންހެނުންގެ ތެރެއިން އުރަމަތީގެ ކެންސަރު ހުރިތޯ ބަލަން ދިއުން އެންމެ ރަނގަޅީ އާއިލީ ގުޅުން ހުރި މީހަކަށް އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުން ކަމަށެވެ.
މި ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ބަންދު ނޫން ކޮންމެ އަންގާރަ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުުރު 12:00 އަށެވެ. އަދި ސްކްރީން ކުރުމަށްފަހު ސާޖަންއެއްގެ އިރުޝާދު ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ބަންދު ނޫން ކޮންމެ ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:00 އިން މެންދުުރު 14:00 އަށެވެ.
އައިޖީއެމްއެޗުން ބުނީ މި ހިދުމަތް ހޯދުމަށް ކޮންމެ މީހަކުވެސް ރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.
މިއަދު އެ ކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމާއި، އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް