އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރު ބޭއްވި މޭޑޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ.
އިސްތިއުނާފު އަޑުއެހުންތައް ނިންމާލިތާ 10 މަސް ފަހުން މިއަދު ހެނދުނު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފައި ވަނިކޮށް އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު ކެންސަލްކުރި ސަބަބެއް އަދި އެ އަޑުއެހުން ދެން ބާއްވާނެ ދުވަހެއް ކޯޓުން ހާމައެއްނުކުރެ އެވެ.
އެންމެ ފަހުން ބޭއްވި އިސްތިއުނާފު ޝަރީއަތުގައި އަޑުއެހުންތައް ނިންމާލާފައި ވީނަމަވެސް ދެން ބާއްވާ އަޑު އެހުމުގައި ހުކުމް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވާ ފަނޑިޔާރު ޝުޖާއު އުސްމާނު ހައިކޯޓު ދެކުނު ގޮތްޕަށް ބަދަލު ކުރުމުންނެވެ. އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، ފަނޑިޔާރުންގެ ބެންޗަށް ބަދަލެއް އަތުވެއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.
އިމްރާން ޖަލަށްލާން ހުކުމް ކުރިޔަސް ޖަލުގެ މަރާމާތުތަކެއް ކުރަމުންދާތީ، މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން އޭނާ ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް