މަދުން ނޫނީ ދުނިޔެއިން ނުފެންނަ ބައްޔެއް ކަމަށްވާ "ޓްރީ މޭން ސިންޑްރޯމް" ޖެހުނު ފުރަތަމަ އަންހެން ކުއްޖާގެ މޫނު މަތީގައި ނެގި އެއްޗެހިތައް އޮޕަރޭޝަންކޮށް ނަގައިފި އެވެ.
ފުރަތަމަ "ޓްރީ ގާލް" ގެ ނަމުން ނަން ދެވިފައިވާ ބަންގްލަދޭޝަްގެ ސަހާނާ ކަތުލް އެ ބަލިން ސަލާމަތް ކުރުމަށް ޑާކާގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ކާމިޔާށް އޮޕަރޭޝަނެއް ކޮށްފައި އެވެ. އޮޕަރޭޝަނަށް ފަހު ޑޮކްޓަރުންގެ ޓީމުން ބުނީ ސަހާނާގެ ކަންފަތާއި ނޭފަތުގެ އިތުރުން ދަތްދޮޅިން ފަޅާފައިހުރި ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެހިތައް އޮޕަރޭޝަން ކޮށް ނަގާފައިވާއިރު، މަދުވެގެން ހަފްތާއެއްގެ ތެރޭގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެއެވެ.
އަދި ދެން އިތުރު ފަރުވާއެއް ދޭން ނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ޑޮކްޓަރުން ބުނެފައިވަނީ އެހާ ފަސޭހައިން ސަހާނާއަށް ފަރުވާދީ އެއެއްޗެހިތައް ނެގުނީ އޭނާގެ މޫނު މަތިން އެއްޗެހި ނަގަން ފެށިތާ ގިނަ ދުވަސް ނުވާތީ ކަމަށެވެ.
ސަހާނާގެ ބައްޕަ ބުނީ ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެހިތައް ނަގަން ފެށީ ހަތަރު މަހެއްހާ ދުވަސް ކުރިން ކަމަށެވެ.
ހަމައެކަނި ފިރިހެނުންގެ ގައިން މީގެ ކުރިން ފެނިފައިވާ ޖެނެޓިކް ބައްޔެއް ކަމަށްވާ "ޓްރީ މޭން ސިންޑްރޯމް" ނުވަތަ އެޕިޑެމޮޑިސްޕްލޭޝިއާ ވެރަޝިފޯމިސް ޖެހުމުން، ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެއް ހަށިގަނޑުގައި ފަޅައެވެ.
ބަންގްލަދޭޝްގައި “ޓްރީ މޭން” ގެ ނަމުން ނަންދެވިފައިވާ އަބުލް ބަޖަންދަރު ދަނީ މިހާރުވެސް މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭނާގެ ދެ އަތް އޮޕަރޭޝަން ކޮށްފައިވާއިރު ޑޮކްޓަރުން ބުނީ 16 ފަހަރު އޮޕަރޭޝަންކޮށް އަތުން ނެގި ކޮންމެ ބައެއްގައި ފަސް ކިލޯގްރާމް ހުރި ކަމަށެވެ.
އުމުރުން 27 އަހަރުގެ އަބުލް ބަޖަންދަރަށް އެ ބަލި ޖެހުނީ މީގެ 10 އަހަރު ކުރިންނެވެ. އޭނާ އަށް ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
މި ބަލި ޖެހިފައިވާ މީހުންގެ ވާހަކަތައް ނޫސްތަކުގައި ޖަހަން ފެށުމުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ މި ބަލިޖެހިފައިވާ ކޮންމެ މީހަކަށް ސަރުކާރުން ހިލޭ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި އެވެ.
ބަންގްލަދޭޝްއަކީ މިފަދަ ތަފާތު ގޮތް ނޭނގޭ ބަލިތައް ގިނަ ގައުމެކެވެ. އެގޮތުން ހަ ލައްކައަށް ވުރެ ގިނަ މީޙުން ގޮތް ނޭނގޭ ބަލިތަކުގެ ޝިކާރައަށްވެފައި އެބަތިބި ކަމަށް ރެކޯޑުކުރެވިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް