މާތްވެގެންވާ ކައުބަތުﷲ ގެފުޅު ކުރިމަތީގައި، އަމިއްލަ ގައިގާ ރޯކޮށްލަން މަސައްކަތް ކުރި މީހަކު ހުއްޓުވައި އެމީހާ ހައްޔަރު ކޮށްފި އެވެ.
މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަގޮތުގައި އެމީހާގެ ގަޔަށް ދިޔާ އެއްޗެއް އަޅާތީ ފެނެ އެވެ. އަދި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން އައިސް އެމީހާ ހައްޔަރުކޮށް ގެންދާ މަންޒަރު ފެނެ އެވެ.
ކައުބަތުﷲ ގެފުޅުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންގެ ތަރުޖަމާނު ސާމިހް އަލް ސިލްމީ ބުނެފައިވަނީ އެމީހާ ގަޔަށް އެޅީ ޕެޓްރޯލް ކަމަށާއި ގަޔަށް ޕެޓްރޯލް އަޅާ ރޯކޮށްލަން އުޅޭކަން ސެކިއުރިޓީންނަށް އެނގިގެން އޭނާ ހުއްޓުވައި ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަމުގައި ބެލެވޭކަމަށްވެސް ސާމިހް އަލް ސިލްމީ ބުނެފައި ވެ އެވެ.
މި ހަބަރު އެއްމެ ފުރަތަމަ ފެތުރިގެން ގޮސްފައިވަނީ ކައުބަތުﷲ ގެފުޅުގައި މީހަކު ރޯކޮށްލަން މަސައްކަތް ކޮށްފި ކަމަށް ބުނެ އެވެ. ނަމަވެސް ސާމިހް އަލް ސިލްމީ ވަނީ މިކަން ދޮގުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ހައްޔަރުކޮށްފައިވާ، އުމުރުން 40 އަހަރުގެ މީހާ އުޅުނީ އަމިއްލަ ގައިގާ ރޯކޮށްލަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް