ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއާއި ލޯގޯ ބޭނުންކޮށްގެން ކްރިޕްޓޯ އެކްސްޗޭންޖް ކުރެވޭކަމަށްބުނެ އޮޅޭގޮތަށް ވީޑީއޯއެއް އާންމުކޮށްފައިވާތީ އެކަމާ ހިތާމަކުރާކަމަށް އެ ބޭންކުން ބުނެފިއެވެ.
އެ ބޭންކުން މިހެން ބުނެފައިވަނީ އޮންލައިން ޓްރޭޑްކޮށްގެން ހޯދާ ކްރިޕްޓޯ ކަރަންސީ ބީއެމްއެލްގެ އޭޓީއެމްތަކުން އެކްސްޗޭންޖްކުރެވޭ ކަމަށް ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއާ ގުޅޭގޮތުން އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައެވެ.
ބޭންކްގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އޮންލައިން ޓްރޭޑްކޮށްގެން ހޯދާ ކްރިޕްޓޯ ކަރަންސީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން އެކްސްޗޭންޖްކުރެވޭ ކަމަށް ދޭހަވާގޮތަށް އާންމު ފަރާތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއާ ގުޅިގެން ބައެއް ކަސްޓަމަރުން އެ ބޭންކަށް ސުވާލު ހުށަހަޅަމުން އަންނަކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ޚިދުމަތްދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖްކުރުމުގެ ޚިދުމަތެއް ނުދެމު، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަރކާޑުގެ އިތުރުން އެހެނިހެން އިންޓަރނޭޝަނަލް ބްރޭންޑްތަކުގެ ކާޑުން މުއާމަލާތް ހިންގޭނެއެވެ. މިފަދަ ބައިނަލްއަޤްވާމީ ކާޑުތަކުން، ކަނޑައެޅިފައިވާ ލިމިޓްތަކެއްގައި ބީއެމްއެލް އޭޓީއެމް މެދުވެރިކޮށް މުއާމަލާތް ކުރެވުނު ނަމަވެސް މި ދެންނެވި ވީޑއޯގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓުން 100،000 ޑޮލަރުގެ އަދަދަށްވާ ދިވެހި ފައިސާ އެއްފަހަރާ ނުނެގޭނެ" ބޭންކުން ބުނެފައިވެއެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ ބޭންކުގެ އޭޓީއެމް އާއި ލޯގޯ ބޭނުންކޮށްގެން ކަސްޓަމަރުންނަށާއި އާންމުންނަށް އޮޅޭގޮތަށް ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގައި ބީއެމްއެލް އިން ޝާމިލުވެ އެކަމަށް މަގުފަހިކޮށްދޭކަމަށް ދޭހަވާ ގޮތަށް މިފަދަ ވީޑިއޯއެއް އާންމުކޮށްފައިވާތީ ހިތާމަކުރާކަމަށާއި އަދި އެކަން ކުށްވެރިކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް