ވާހަކަ: ލޯބީގެ ހާދިސާ – ތިންވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އިޒާންގެ ނަޒަރުން:- "ދެން ކޮންމެވެސް ދުވަހަކުން މީހަކާ އިންނަންވާނެތާ... މިހާރު ދެން ރަނގަޅު ވަޒީފާއެއް ލިބުނީ އެކަމާވެސް ވިސްނަންވީ.. " އަހަރެން ބުނީމެވެ. އެހިނދު ނައުރާގެ ތުނ...

08 Jan 2023 | 18:44

ކުރީގެ އަދަދާއި ގުޅޭ...

އިޒާންގެ ނަޒަރުން:-

"ދެން ކޮންމެވެސް ދުވަހަކުން މީހަކާ އިންނަންވާނެތާ... މިހާރު ދެން ރަނގަޅު ވަޒީފާއެއް ލިބުނީ އެކަމާވެސް ވިސްނަންވީ.. " އަހަރެން ބުނީމެވެ. އެހިނދު ނައުރާގެ ތުންފަތްމަތިން ހިނިތުންވެލުމެއް ފާޅުވެލިއެވެ. އެހިނިތުންވުމުގެ ފަހަތުގައިވާ އަސްލު ސަބަބު ދެނެގަންނަން އޭރު އަހަރެންނަށް ނޭނގުނީއެވެ.

**********

އޭގެ ފަހުން ކޮންމެ ދުވަހަކުން ކޮފީއަށް ނޫނީ ލަންޗަށް ދިއުމަށް ނައުރާ އަހަރެންނަށް ދައުވަތު ދެއެވެ. ނައުރާގެ ހެޔޮކަމުގެ ކުރިމަތީގައި އޭނާއަށް ނޫނެކޭ ބުނަން އަހަރެންނަށް ނުކެރެއެވެ. އެދުވަސްތަކުގައި އަހަރެންވެސް ނައުރާ އަކީ ގާތް އެކުވެރިއެއް ކަމުގައި ދެކެވެން ފެށުނެވެ. ކުރިންބައިމަތިން އޭނާ ކެބިންއަށް ގޮސް ވާހަކަ ދައްކަން އިނދެވެއެވެ.

އެއްދުވަހު ކިއުބިކަލްސްތައް ހުރަސްކޮށް އެޗް އާރ ޑިޕާޓްމެންޓަށް ދިޔަ ވަގުތު ދެމުވައްޒަފަކު އަހަރެންގެ ވާހަކަ ދައްކާ އަޑު އިވޭތީ މަޑު ޖެހިލީމެވެ. އެމީހުން ދައްކަމުން ދިޔައީ އަހަރެންނާއި ނައުރާގެ ގުޅުމުގެ ވާހަކައެވެ. އެމީހުން ދެކޭ ގޮތުގައި އަހަރެމެންގެ މެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫނެވެ. އެކަކު ބުނި ވާހަކައަކުން އަހަރެންގެ ލޭ ހޫނު ވެގެން ދިޔައެވެ. އަހަރެން ނައުރާއާ އެކީގައި އުޅެނީ އޭނާގެ ލާރިއަށް ދަހިވެތިވެގެން ކަމުގައި ބުނުމުންނެވެ. އެވަގުތު އެމީހާއަށް ޖަވާބުދޭން ހިތަށް އަރާފައިވެސް އަހަރެން ހިމޭންކަން އިޚްތިޔާރުކުރީ އޮފީހުގައި ހަމަނުޖެހުމެއް ހިންގަން ބޭނުންނުވާތީއެވެ.

އެދުވަހު އަހަރެންގެ އަވަހަށް ގެއަށް ދާން ނިކުތީމެވެ. ނައުރާ އައުމުގެ ކުރިން އަހަރެން ބޭނުންވީ އަވަހަށް އެތަނުން ނިކުންނާށެވެ. ނަމަވެސް އަހަރެންނަށް ރަނގަޅަށް އޮފީހުން ނުނިކުމެވެނިސް ނައުރާ އައިސް އަހަރެންނާ އަރާ ހަމަކޮށްފިއެވެ.

"އިޒާން! އިޒް އެވްރީތިންގް އޯކޭ.. ކީއްވެ އެހާ އަވަހަށް ތިދަނީ.. " ނައުރާ އެހިއެވެ. ކުޑަކޮށް ބޮލުގައި ރިއްސަނީ ކަމަށް ބުނެ އަހަރެން ދޮގު ހެދީމެވެ. އިތުރަށް ނައުރާއަށް ވާހަކަ ދައްކަން ފުރުސަތު ނުދީ އަހަރެން އޮފީހުން ނިކުތީއެވެ.

ގެއަށް ގޮސް ހަމެޖެހި ނުލެވެނިސް ޒޭބާގެ ކޯލެއް އަންނަން ފެށިއެވެ. ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުމެއް ގެނުވި ކަމެއް ކަމުގައި އެކަންވިއެވެ. ލައިގެން ހުރި އެއްޗެއްސާ އެކު އެނދަށް ވެއްޓިގަންނަމުން ފޯނު ނެގުމަށްފަހު ވަރަށް ލޯބިން ޒޭބާއަށް ގޮވައިލީމެވެ. އަހަރެން ގޮވައިލުމުންވެސް ޒޭބާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ނެޓްވޯކް މައްސަލައެއް އުޅެނީ ކަމަށް ބަލާފައި ދެވަނަ ފަހަރަށް ޒޭބާއަށް ގޮވައިލުމުން އެކޮޅުން ހޫމް އަޅުވައިލި އަޑު އިވުނެވެ.

"ކީއްކުރަނީ؟ ކައިފިންތަ؟ " އަހަރެން އަހައިލީމެވެ. މިފަހަރުވެސް ޒޭބާ ހޫމް އަޅުވައިލިއެވެ. އެހިސާބުން ޒޭބާ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރިހެން އަހަރެންނަށް އިހުސާސްވިއެވެ.

"ކަމަކާ ހިތްހަމަނުޖެހިފަތަ؟ " އަހަރެން އަހައިލީމެވެ.

"ކޮންތާކު ތިހިރީ.. އަދިވެސް އޮފީހުގަތަ؟ " އަހަރެންގެ ސުވާލަށ ޖަވާބު ނުދީ ޒޭބާ އެހިއެވެ.

"ނޫން .. ގެއަށް މިއައީ... " އަހަރެން ބުނީމެވެ.

"އެއީ؟ މިއަދު ނައުރާއާ އެކީ ކޮފީއަށް ނުދަނީތަ؟ " ޒޭބާގެ ސުވާލާއެކީ އަހަރެންނަށް ސިހުމެއް ލިބުނެވެ. ނައުރާއާ އެކީ ކޮފީއަށް ދާ ވާހަކަ އަހަރެން ދުވަހަކުވެސް ޒޭބާއާ ހިއްސާ ނުކުރަމެވެ. ޒޭބާ ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ.. ވަގު ފަޅާއެރީމަތަ؟ " ޒޭބާގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ. އެއީ ދުވަހަކުވެސް ޒޭބާ އަހަރެންނާ ވާހަކަ ދެއްކި ގޮތެއް ނޫންކަމުން އަހަރެން ދެރަވިއެވެ.

"ޒޭބް ޕްލީޒް! ކޮން ގޮތަކަށް ތި ވާހަކަ ދައްކަނީ..؟ " އަހަރެން ދެރަވެފައި ބުނީމެވެ.

"ދެން އިޒާން އަހަރެންނަށް ކިތަންމެ ކަމެއް ސިއްރު ކުރިޔަސް އަހަރެން ރީތި ކޮށްތަ ވާހަކަ ދައްކަންވީ..؟ "

"އަހަރެން ޒޭބާއަށް ސިއްރުކުރަން ޖެހޭ ވަރު ކަމެއް ނުކުރަން.. ނައުރާއަކީ އަހަރެންގެ ރަޙުމަތްތެރިއެއް.. އެކަމަކު އެއަށްވުރެ ބޮޑަށް ދެކެނީ ނައުރާ އެއީ އަހަރެންގެ ބޮސް ކަމުގައި.. ނައުރާއަށް ކުރާ އިޚްތިރާމެއްގެ ބޮޑުކަމުން އޭނާ ކޮފީއަށް ދާން ބުނީމެ ނޫނެކޭ ބުނަން ނުކެރެނީ.. " އަހަރެން ބުނީމެވެ.

"ދެރަވަނީ އިޒާން ނައުރާއާ އެކީ ކޮފީއަށް ދާތީއެއް ނޫނޭ އިޒާން.. އަހަރެންނަށް ސިއްރުން ދާތީ.. އިޒާންގެ ބަދަލުގައި އެހެން މީހުންގެ ފަރާތުން އަހަރެންނަށް އެކަން އިނގޭތީ.. އެކަމުން އެނގެނީ އިޒާންގެ ކުރިމަތީގައި އަހަރެންގެ އެއްވެސް އަގެއް ނެތްކަން.. " މިފަހަރު ޒޭބާގެ އަޑުގައިވީ ރިހުމެކެވެ. ޒޭބާ ދެރަވެއްޖެކަން އެނގުމުން އަހަރެން އިންތިހާއަށް ދެރަވިއެވެ. އެތައް ފަހަރެއްގެ މަތިން ޒޭބާ ކައިރިން މާފަށް އެދުނީމެވެ. ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ތަކުރާރު ނުވާނެކަމަށް ބުނެ ހުވާ ކުރީމެވެ.

*******

ދެން އައި ދުވަސްތަކުގައި އަހަރެން އުޅުނީ ނައުރާއާ ދުރުދުރުންނެވެ. ވަގުތު ޖެހުމާއެކު ގެއަށް ދާން ނިކުންނަމެވެ. ގިނަ ދުވަސް ދުވަހު ނައުރާ ގޮވިޔަސް އަޑު ނީވޭ ކަމަށް ހަދާފައި ދަނީއެވެ. ނައުރާއަށްވެސް އަހަރެންގެ ދުރުކަން އިހުސާސްވީ ކަންނޭނގެއެވެ. އޮފީހުގެ ވާހަކަ ނޫން ވާހަކައެއް އަހަރެން ކައިރިއަކު ނުދައްކައެވެ. އެދުރުމިން އަހަރެންނަށް ކަމުދިޔައެވެ. އެހެން ހުއްޓާ އެއް ދުވަހު އަހަރެން ކެބިން އައިސް ވަން އިރު ނައުރާ އިނީ އަހަރެންގެ ގޮނޑީގައެވެ. ދެއަތް އުރާލައިގެން އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން އިންއިރު އެމޫނުމަތިން ވަނީ ކުލަ އޮއްސިފައެވެ.

"ނައުރާ! އިޒް އެވްރީތިންގް އޯކޭ..؟ " މޭޒު ކައިރިއަށް ހުއްޓެމުން އަހަރެން އެހީމެވެ. ބަހެއް ނުބުނެ ނައުރާ އިންތަނުން ތެދުވެގެން އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ.

"އިޒާން ބުނެބަލަ! ހުރިހާ ކަމެއް ރަނގަޅުތަ؟ " ނައުރާ އެހިއެވެ.

"އާނ! ކީއްވެ ތިހެން ތިއެހީ... " އަހަރެން އެހީމެވެ.

"ދޮގު! ހުރިހާ ކަމެއް ރަނގަޅު ނޫންކަން އަހަރެންނަށްވެސް އިޒާންއަށްވެސް ރަނގަޅަށް އެނގޭ.. އިޒާން އަހަރެން އެވޮއިޑް ކުރަނީ ކީއްވެ ކަމެއް ނޭނގޭ.. އެކަމަކު އިޒާން ތިގޮތަށް ކަންތައް ކުރާތީ އަހަރެން ވަރަށް ދެރަވޭ.. " އަހަރެން ބަލަބަލާ ހުއްޓާ ނައުރާގެ ދެލޯ ފެންކަޅިވިއެވެ.

"އިޒާން ތީ އަހަރެންގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ.. ކުޑައިރުއްސުރެން މީހުންގެ ނަޒަރުގައި އަހަރެންނަކީ ނެތް މީހެއް ފަދަ. ސްކޫލްގައިވެސް އަހަރެން އިންނަނީ ބާކީވެފައި. ފުރަތަމަ ފަހަރަށް ރަނގަޅު ރަޙުމަތްތެރިއެއް އަހަރެންނަށް ލިބުނީ އިޒާންގެ ސިފައިގާ.. އިޒާން އަހަރެންނަށް ގެއްލޭކަށް ބޭނުމެއް ނޫން. " ނައުރާއަށް ރޮވުނެވެ. ނައުރާ ދެއްކި ވާހަކައިން އަހަރެންނަށް އޭނާއާ މެދު ޙަމްދަރުދީ ވެވުނެވެ.

"ވަރަށް ބޮޑަށް ސޮރީ ނައުރާ! އަހަރެންނަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރުވީ.. ނައުރާއަށް ނޭނގުނަސް މިއޮފީސް ތެރޭގައި އަހަރެމެންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ އެބަ ދެކެވޭ.. ނައުރާއަކީ މިއޮފީހުގެ ވެރިޔާ.. އަހަރެންނަކީ އާދައިގެ މުވައްޒަފެއް.. ވެއްޓޭނީ އަހަރެންގެ އަގު.. " އަހަރެން ބުނީމެވެ.

"އިޒާން ކީކޭތަ ތިކިޔަނީ.. ކާކު ކީކޭތަ ކީ.. " ނައުރާ ކަންބޮޑުވެފައި އެހިއެވެ. އަހަރެންނަށް އިވުނު ވާހަކަތައް އެވާހަކަތައް ދެއްކި މީހުންގެ ނަމާއެކު ނައުރާއަށް ކިޔައިދިނީމެވެ.

"ސީރިއަސްލީ އިޒާން.. މިއޮއް ފަދަ ޒަމާނުގައި ތިހާ ކަޓު ވިސްނުން ހުރެދާނެ ކަމަށް އަހަރެން ހިޔެއް ނުކުރަން. މީހުންގެ އަނގަޔާ ހެދި ގުޅުން ކަނޑާލަންޏާ ދުނިޔޭގައި ތިބި އެތައް ބައެއްގެ ގުޅުން ކެނޑިގެންދާނެ.. މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކާނެ.. އެފަދަ ކޮންމެ މީހެއްގެ ވާހަކަތަކެއްގެ ސަބަބުން އަހަރެމެން ދެމީހުން ދެމެދުގައި އޮތް ސާފު އެކުވެރިކަމުގެ ގުޅުން ކެނޑިގެން ދަންޏާ އެއީ އިޒާންގެ ނުވިސްނޭކަން.. މިސާލަކަށް އިޒާންގެ އަނތްބެއް ހުރެ މީހަކު އަނބިމީހާއާ އިޒާންގެ ގުޅުމުގެ ވާހަކަ ނޭދެވޭ ގޮތުގައި ދައްކައިފިއްޔާ އިޒާން އަނބިމީހާއާ ވެސް ދުރުވާނަންތަ؟ ތި ބޯދާ ހިޔާލު ދޫކޮށްލާ އިޒާން.. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަން އަހަރެމެންނަށް އެނގެއެއްނު.. ދެން އެހެން މީހަކު ވިސްނާ ވިސްނުމެއް މުހިންމެއް ނޫން. " ނައުރާގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ.

"އެކަމަކު ނައުރާ........... " އަހަރެން ބުނަން އުޅުނީމެވެ. ނަމަވެސް އަތުގެ އިޝާރާތުން ނައުރާ އެކަން މަނާކުރިއެވެ.

"އިޒާން ބޭނުންވާހެން ދެން އިތުރަށް މިއެކުވެރިކަން ކުރިއަށް ގެންދަން އަހަރެން ނޫޅޭނަން.. ރަނގަޅު ހެޔޮއެދޭ އެކުވެރިއެއް ލިބުނީތީ އަހަރެން ހުރީ އިންތިހާއަށް އުފަލުން.. ހިތަށް އެރީ މިއެކުވެރިކަން ދާއިމަށް ދެމިގެންދާނޭ.. ނަމަވެސް އެއީ ކުށްހީއެއްކަން މިއަދު ސާބިތުވެއްޖެ.. ކުރިންވެސް އަހަރެން ދިރިއުޅެމުން އައީ އެކުވެރިއެއް ލިބުމުގެ ނަސީބެއް ނެތި. ދެންވެސް އެގޮތަށް ދިރިއުޅެވޭނެ.. " އެޖުމްލަތައް ކިޔައިލިއިރު ނައުރާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އޭނާ ކެބިން އިން ނިކުމެގެން ދިއުމުން އަހަރެންނަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އަހަރެންނަށް ކަންތައް މިކުރެވުނީ އެންމެ ރަނގަޅަށް ތޯ ވިސްނާލެވުނެވެ. ހުރިހާ ގޮތަކުން ވިސްނުމުންވެސް އަހަރެންނަށް ކުށްވެރި ކުރެވުނީ އަހަރެންގެ އަމިއްލަ ނަފްސެވެ. މީހަކު ދެއްކި ހަޤީޤަތެއް ނެތް ވާހަކަތަކެއްގެ ސަބަބުން އެކުވެރިކަމުގެ ގުޅުން ކަނޑާލެވުމަކީ އަހަރެންގެ މުސްކުޅި ހިޔާލެކެވެ. ދެން އަހަރެން ވިސްނަން ފެށީ ނައުރާ ކައިރިން މައާފަށް އެދޭނެ ގޮތަކާ މެދުގައެވެ.

******

ލަންޗް ގަޑިއާ ދިމާކޮށް އަހަރެން ނައުރާގެ ކެބިންއާ ދިމާލަށް ދިޔައީމެވެ. އެވަގުތު އޮފީސް ތެރޭ ދެކެވެމުން ދިޔަ ވާހަކައެއް އަހަރެންނަށް އަޑު އިވުނެވެ. އަހަރެންނާއި ނައުރާއާ ބެހޭގޮތުން ވާހަކަ ދެއްކި ދެމީހުން ވަޒީފާއިން ކަނޑާލި ވާހަކައެވެ. މިފަހަރު އަހަރެންގެ ހިތުގައި ނައުރާއާ މެދު ޝަކުވާ އުފެދުނެވެ. އެވަރުގެ ކަމަކާ އެދެމީހުން ވަޒީފާއިން ވަކިކުރުމުން އެނގިގެން ދިޔައީ ނައުރާގެ މަތިވެރިކަމާއި އަމިއްލަ މީހާ އަމިއްލައަށް ފެނިފައިވާ މިންވަރެވެ. ނައުރާގެ ފޮނިކަމާއި ކިބުރުވެރިކަމެވެ. އެނބުރި ދާން އުޅެފައި އަހަރެން ހުއްޓުނީމެވެ. އެދެމީހުންގެ ވަޒީފާ ގެއްލުމުގައި އަހަރެންގެ އިހުމާލެއްވެސް ވާތީ ނައުރާއާ ވާހަކަ ދައްކަން ނިންމީމެވެ.

ކެބިންއަށް ވަން އިރު ނައުރާ ފައިލްތަކެއް ހުޅުވާލައިގެން ކޮންމެވެސް ކަމެއް ކުރަން އިނެވެ. އަހަރެންނަށް ނަޒަރެއް ދިނުމަށްފަހު އަނެއްކާވެސް ފައިލްތަކަށް އޭނާގެ ނަޒަރު ހުއްޓާލިއެވެ.

"ކީކޭ އިޒާން.. ބޮޑު ކަމެއް ނޫން ވިއްޔާ ފަހުންއާދެވިދާނެތަ؟ " މިފަހަރު ނައުރާގެ އަޑުގައި އެއްވެސް ގާތްކަމެއް ނެތެވެ. ވާހަކަ ދެއްކީ ބޮޑަކު މުވައްޒަފަކާ ވާހަކަ ދައްކާ އުސޫލުންނެވެ.

"ކިހިނެއް ތިހެދީ ނައުރާ.. އެވަރުގެ ކަމަކާ އެދެމީހުން ވަޒީފާއިން ވަކި ތިކުރީ.. އަހަރެން ކަހަލަ އާދައިގެ މީހަކަށް އެނގޭނީ ވަޒީފާއެއްގެ މުހިންމުކަން.. އަހަރެން ހީނުކުރަން ނައުރާ އަކީ ތިހާ ކިބުރުވެރި ބޮޑާ މީހެއް ކަމަކަށް.. " އަހަރެން ބުނެލީމެވެ. ނައުރާ އަހަރެންނަށް ބަލަހައްޓައިގެން އިނީ ހައިރާންވެފައެވެ.

"އިޒާން ތިކިޔާ އެއްޗެއް އަހަރެންނަކަށް ނޭނގޭ.. " އެހެން  ބުނިއިރު ނައުރާގެ މޫނުމަތިން ފެންނަނީ މައުސޫމުކަމެވެ.

"ބަޔަކު މީހުން ވަޒީފާއިން ކަނޑާލާއިރު ނައުރާއަށް ނޭނގި ހުންނާނެތަ؟ " އަހަރެން ބުނީމެވެ. އެހިނދު ފަހަތުން ނިމާލް އަހަރެންނަށް ގޮވާލައިފިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމެވެ.

"ނައުރާގެ ރަޙުމަތްތެރިއެއް ކަމަކު އޭނާއާ ތިމޭރުމުން ވާހަކައެއް ނުދެއްކޭނެ.. ތީ މިހާރު އިޒާން ނޫން އެހެން މީހެއްނަމަ ވަޒީފާއިން ވަކިކޮށްފީމުސް.. އެދެމީހުން ވަޒީފާއިން ކަނޑާލީ ނައުރާއެއް ނޫން. އަހަރެން.. އެއީ ތިހީކުރާކަހަލަ ކަމެއްގައެއްވެސް ނޫން.. އެއީ މިތަނުން ކުރި ވައްކަމެއްގެ މައްސަލައިގާ.. " އަހަރެން ކައިރިއަށް އައިސް ހުއްޓުމަށްފަހު ދެޖީބަށް އަތް ޖަހައިލަމުން ނިމާލް ބުންޏެވެ.

"އިޒާން މިވަގުތު އިހަށް މިތަނުން ދޭ! އައި ވިލް ޓޯކް ޓު ޔޫ ލޭޓަރ.. " ނައުރާ ބުންޏެވެ. އަހަރެން އެތަނުން ނިކުތީ ހާސްވެ ކަންބޮޑުވެފައި ހުރެއެވެ. ނިމާލްގެ ނުރުހުމުގެ އަޑުގައި ހުންނަނީ ނުރައްކާތެރި ގޮތެކެވެ. އޭނާގެ ދެލޮލުން އަހަރެން ފިއްސާލަފާނެ ކަހަލައެވެ. އަހަރެން ބޮޑަށް ކަންބޮޑުވީ ނައުރާއާ ދޭތެރޭގައި ކަންތައް ކުރެވުނު ގޮތުންނެވެ. އޭނާގެ އެއްވެސް ކުށެއް ނެތި އޭނާއާ ދިމާލަށް ކިޔުނު އެއްޗެހިންނެވެ. ކަންތައްތައް ގޯސްވެފައި ވަނިކޮށް އަހަރެން މިއައީ އިތުރަށް އެކަން ގޯސްކޮށްފައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 10 ޖަނަވަރީ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް