ގދ. ފިޔޮރީ ސްކޫލްގެ އިމާރާތެއްގައި މިއަދު ރޯވި އަލިފާން ގަނޑު ނިވާލެވުނު އިރު އެ އިމާރާތް އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ހަދިސާގެ ރިޕޯޓު ކުރީ ހަވީރު ކަމަށެވެ. ގދ. ތިނަދޫގައި ތިބޭ އެމްއެންޑީއެފް ފަޔާ ޓީމަށް އެ ރަށަށް ދެވުނު އިރު އިރުއޮއްސި 6:58 ވެއްޖެ އެވެ.
ސިފައިން ދިޔަ އިރު އާންމުންނާއި ފުލުހުން ކުރި މަސައްކަތުން އަލިފާން ވަނީ ކޮންޓްރޯލްކޮށްފައި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ހާދިސާ ހިނގީ ސްކޫލްގެ ސެޝަންތައް ނިމުނު ފަހުން ކަަމަށްވާތީ އެއްވެސް މީހަކު ސްކޫލްގައި ނެތެވެ.
އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އަލިފާން ރޯވެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، އެއްބައި ޓިނުތަކާއި ފާރުން ބައެއް ވެއްޓިފައިވާ ކަމަށެވެ. އެހެންވެ އިމާރާތް މުޅިން ބަންދުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނުހޯދޭނެ ކަމަށެވެ. އެކަމަކު ސްކޫލާއި ހަވާލާދީ ވިދާޅުވީ އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފާން ރޯވީ އެ ސްކޫލްގެ ހޯލު އިމާރާތުގައި ކަމަށެވެ. އެ އިމާރާތުގައި ޕާޓީޝަން ޖަހައިގެން ހަދާފައިވާ ފަސް ކްލާސްރޫމް ހުރެ އެވެ. މިނިސްޓްރީން ބުނީ އޭގެ ތެރެއިން ކިޔަވައިދެނީ ތިން ކްލާސްރޫމުގައި ކަމަށެވެ.
މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ސްކޫލް މެނޭޖްމެންޓާއި ގުޅިގެން މެދުކެނޑުމެއް ނެތި އެ ސްކޫލްގައި ކިޔަވައިދެވޭނެ ގޮތެއް ހަމަޖެއްސުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް