ކޯވިޑައި ގުޅިގެން ބަންދުކޮށްފައި އޮންނަތާ ތިން އަހަރު ފަހުން ޗައިނާގެ ބޯޑަރުތައް ހުޅުވާލައިފި އެވެ.
އެގައުމުގެ ވޫހާން ސިޓީން ފެނުނު ކޯވިޑް-19 އާއި ގުޅިގެން ޗައިނާގެ ވަޔާއި ކަނޑު އަދި އެއްގަމު ބޯޑަރުތައް ބަންދު ކުރީ 2020 ވަނަ އަހަރުގެ މާޗް މަހު އެވެ.
ކޯވިޑްގެ ހަރުކަށި ފިޔަވަޅުތަކަށް ޗައިނާގައި ލުއިދޭން ފެށި މިދިޔަ މަހު އެވެ. އެއީ އެ ފިޔަވަޅުތަކާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް ކުރަންފެށި ވަރުގަދަ މުޒާހަރާތަކެއްގެ ސަބަބުން ނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޗައިނާއަށް އެތެރެވާ މީހުން ކަރަންޓީންވާކަށް ނުޖެހޭނެ އެވެ. އެކަމަކު 48 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް ޗައިނާއަށް ދަތުރު ކުރާ މީހުންގެ އަތުގައި އޮންނަން ޖެހޭނެ އެވެ.
ބޯޑަރުތައް އަލުން ހުޅުވާލާފައިވާއިރު ކުރިޔަށް އޮތީ ޗައިނާގެ އާ އަހަރު ފެށޭ ދުވަހެވެ. ރިޕޯޓުތައް ބުނާގޮތުގައި މިމަހުގެ 22 ވަނަ ދުވަހު ފެށޭ އެ ދުވަސް ފާހަގަ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ ބިލިއަނަށްވުރެ ގިނަ މީހުން ޗައިނާއަށް ދަތުރު ކުރާނެ އެވެ. އޭގެ ތެރޭގައި ގިނަވާނީ އެ ގައުމުގެ މީހުންނެވެ.
އަބަދު ކޯވިޑް ޓެސްޓު ކުރަން ޖެހުމާއި ސިޓީތަކާއި ޓައުންތައް ލޮކްޑައުންކޮށް، ކޯވިޑް ޖެހޭ މީހުން ކަރަންޓީން ކުރުމުގެ ހަރުކަށި ގަވައިދު ތަކާއި ހެދު ޗައިނާ މީހުން ވަނީ އެ ގައުމުގެ ސަރުކާރާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ. އެ ގައުމުގެ ރައްޔިތުން ބުނީ ކޯވިޑައިގެން ކުރިޔަށް ދިއުމަށް ފިޔަވަޅުތަކަށް ލުއި ދޭން ޖެހޭ ކަމަށެވެ.
އެއީ ބޯޑަރުތައް ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފެކްޓްރީތައް ބަންދުކުރަން ޖެހުމުން އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީއަށް އަސަރުކޮށްފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް