މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިސްކިތްތަކުގެ މަރާމާތަށް ފަންޑުހޯދުމަށްޓަކައި "ޗާލު މިސްކިތް" ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުން ހަތް ލައްކަ ރުފިޔާ ލިބިއްޖެއެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ 1 މިލިއަން ރުފިޔާގެ ބަޖެޓް އަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް އެ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ހަރަކާތުން 744713.90 ރުފިޔާ ލިބިފައިވާ ކަމަށެވެ.
މި ހަރަކާތް 2 ދުވަހެއްގެ މައްޗަށް ބަހާލައިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
ސިޓީ ކައުންސިލުން ބުނީ މި ހަރަކާތުގެ ފުރަތަމަ ދުވަހު 313397.90 ރުފިޔާ ވަނީ ލިބިފައި ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ އެ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާއި ނުލާ ކަމަށް ވުމުން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުގެ މީޑީއާ ގްރޫޕުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން މޭޔަރު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.
ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި އެ 9 މިލިއަން ހަރަދު ވާނީ ކޮންކޮން މަރާމާތްތަކަކަށް ކަން މޭޔަރު ވަނީ ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.
މި ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ޑޮނޭޝަން ލިންކް ބޭނުންކުރެވިދާނެ ކަމަށާއި އޮންލައިންކޮށް ޓްރާންސްފަރ ކުރައްވަން ބޭނުންފުޅު ނަމަ 7730000467623 އަށް ރިމާކްސްގައި "މިސްތްތަކަށް ވާ އެހީ" މިހެން ޖެއްސެވުމަށްފަހު ޓްރާންސްފަރކުރެއްވުމަށްފަހު ސްލިޕް 7265050 އަށް ވައިބަރ ކުރެއްވުމަށް ސިޓީ ކައުންސިލުން އެދެއެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑޮނޭޝަން ލިންކް:
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް