އިބްރާހިމް ރަޝީދު (އަސްލު ނަމެއް ނޫން) އަކީ ގަވައިދުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އިއުލާންކުރާ ނީލަންތައް ބަލާމީހެކެވެ.
ދޭތެރެއަކުން ނީލަންތަކުގައި ބައިވެރިވެ، މުދާ ހޯދި ނަމަވެސް، އަމިއްލަ މަސައްކަތްތައް ހުންނަ ގޮތުން، ކޮންމެ ފަހަރަކު ނީލަމުގައި ބައިވެރިވުމަކީ އޭނާ އަށް ވެސް އުނދަގޫކަމެކެވެ. އެހެންކަމުން، ގިނަ ފަހަރު ނީލަމުގައި ރަނގަޅު މުދާތަކެއް ލިބެންހުރި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރަށް ކޮންމެ ފަހަރަކު ގޮސް، ނީލަން މުދާ ބަލައި، ނީލަމުގައި ބައިވެރިވުމަކީ އޭނާ އަށް ދަތިތަކެމެކެވެ.
އެހެން ނަމަވެސް، އިބްރާހިމް ކަހަލަ ފަރާތްތަކަށް އެމް.ޕީ.އެލް އިން ވަނީ ނީލަންތަކުގައި ބައިވެރިވުމަށް ފަސޭހަ މަގެއް ކޮށައިދީފައެވެ. ނީލަން ކިއުން ޑިޖިޓަލްކޮށް، "އޯކްޝަން ޕޯޓަލް"ގެ ނަމުގައި އެމްޕީއެލް އިން ތައާރަފްކުރި އެޕާއެކު، ނީލަންތަކުގައި ބައިވެރިވުމަކީ މިހާރު ވަރަށް ފަސޭހަކަމެކެވެ.
"ދޭތެރައަކުން ހުރޭ ވަރަށް ރަނގަޅު މުދާ ނީލަމަށް ލާފައި. އެކަމަކު ގިނަ ފަހަރު މަސައްކަތްތައް ހުންނަ ގޮތުން އެތަނަށް (މާލޭ ވިޔަފާރި ބަނދަރު) ދާނެ ވަގުތެއް ނުވޭ،" އަމިއްލަ ރީޓެއިލް ވިޔަފާރިއެއް ކުރަމުންދާ އިބްރާހިމް ބުންޏެވެ. "އެކަމަކު ތި ގޮތަށް އެޕުން ވަންޏާ ވަރަށް ފަސޭހަ. މިހާރު އެތަނަށް ގޮސްގެން އެ ހޭދަވާ ވަގުތުތައް ސަލާމަތްވާނެ."
ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ ތެރެއިން، ކްލިއަރނުކޮށް ގިނަ ދުވަސްވެފައިވާ މުދާ އެމް.ޕީ.އެލް އިން ދޭތެރެއަކުން ނީލަންކިޔައެވެ. ގޭތެރޭގައި ހިފާ ގެންގުޅޭ ސަމާމުން ފެށިގެން، ހާޑްވެއާގެ ސަމާނުތަކާއި ދުއްވާ އުޅަނދު ފަހަރާއި ކާބޯތަކެއްޗަކީ އާންމުނުކޮށް އެމް.ޕީ.އެލް އިން ކުރާ ނީލަމުގެ އިއުލާންތަކުގައި ފެންނަ މުދަލެވެ.
ކުރިން، ނީލަން ކިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުން، ނީލަމުގައި ބައިވެރިވެވެނީ މާލޭ ވިޔަފާރި ބަނދަރަށް ހާޒިރުވެެގެނެވެ. މުދާ ބެލުން ވެސް އޮންނަނީ އެގޮތަށެވެ. އެހެންކަމުން، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ދަތިތައް ކުރިމަތިވެއެވެ.
ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ހިޔާލާއެކު، ވީހާ ވެސް ގިނަ ބަޔަކަށް ނީލަމުގައި ބައިވެރިވުމުގެ ދޮރު ހުޅުވާލުމުގެ ގޮތުން، އެމްޕީއެލް އިން ވަނީ ދާދި ފަހުން "އޯކްޝަން ޕޯޓަލް"ގެ ނަމުގައި އެޕެއް ތައާރަފްކޮށްފައެވެ.
މި ޕޯޓަލް ބޭނުންކުރަން ފެށުމާއެކު، ނީލަމުގައި ބައިވެރިވުމާއި މުދާ ބެލުމަށް ކޮންމެހެން މާލޭ ވިޔަރާފި ބަނދަރަށް އަންނާކަށް ނުޖެހެވެ. މި ޕޯޓަލް ބޭނުންކުރަން ފެށުމުން، އެމްޕީއެލްގެ ނީލަންތަކުގައި މިހާރަށްވުރެ ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ދޮރު ހުޅުވިގެންދާނެއެވެ.
މި ޕޯޓަލް މެދުވެރިކޮށް، ކުރިއަށް އޮތް ނީލަންތަކުގެ މަޢުލޫމާތު ބެލުމާއި މުދަލަށް އަގު ހުށަހެޅުމާއި އަގު ހުށަހަޅާފައިވާ މުދަލުގެ ސްޓޭޓަސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. މީގެ އިތުރުން، މި ޕޯޓަލްގައި ރަޖިސްޓްރީވާ ކަސްޓަމަރުންނަށް އެސް.އެމް.އެސް މެދުވެރިކޮށް، ކުރިއަށް ހުރި ނީލަންތަކުގެ މަޢުލޫމާތު ގަވައިދުން ލިބޭނެއެވެ.
އަދި ނީލަމުގައި ބިޑް ކާމިޔާބުކުރާ ފަރާތްތަކަށް އެ ފަރާތުން ނެގި މުދަލަށް "އޯކްޝަން ކާގޯ ޑެލިވަރީ އޯޑަރ"އެއް ތައްޔާރުކޮށް، މިހާރު ކޮންމެ ފަރާތަކަށް ވަކިން ފޮނުވަންޖެހެއެވެ. އެކަމަކު، މިހާރު ޕޯޓަލް މެދުވެރިކޮށް އެ ލިޔުން ޑައުންލޯޑްކުރެވޭނެވެ.
މި ޕޯޓަލް ބޭނުންކުރަން ފެށުމުގެ މި ކުންފުނިން ބާއްވާ ނީލަންތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވެ، ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުން މިހާރަށްވުރެ އަވަހަށް ހުސްކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.
"އޯކްޝަން ޕޯޓަލް ބޭނުންކުރަން ފެށުމުން މި ކުންފުނިން ބާއްވާ ނީލަންތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވެ، ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މިހާރަށްވުރެ އަވަހަށް މާލޭ ވިޔަފާރި ބަނދަރުން ހުސްކުރެވޭނެ،" އެމް.ޕީ.އެލްގެ ޑެޕިއުޓީ ޖެނެރަލް މޭނޭޖަރ އަދި ކާގޯ ކްލިއަރަންސްގެ ހެޑް ތޮލްޢަތު ސައީދު ވިދާޅުވިއެވެ.
"މި ޕޯޓަލް އިން މެދުވެރިކޮށް ލިބޭ އެންމެ މުހިންމު އެއް ފައިދާއަކީ ކުރިއަށް އޮތް ނީލަންތަކުގެ މަޢުލޫމާތު ބެލުމާއި، މުދަލަށް އަގު ހުށަހެޅުމާއި އަދި އަގު ހުށަހަޅާފައިވާ މުދަަލުގެ ސްޓޭޓަސްގެ ފަސޭހަކަމާއެކު ޕޯޓަލް އިން ލިބުން."
އެމް.ޕީ.އެލް އަކީ ޙިދުމަތްތައް ޒަމާނީކުރުމުގައި ލާމަސީލު ކުންފުންޏެކެވެ. އެމް.ޕީ.އެލް އިން މިހާރު ފޯރުކޮށްދޭ ގިނަ ޙިދުމަތްތަކަކީ އޮންލައިންކޮށް ދެވޭ ޙިދުމަތްތަކެެވެ. އެމްޕީއެލް އިން ފެށި "ޕޯޓް ޑިޖިޓަލްކޮށް" ކެމްޕެއިންގެ ދަށުން މީގެ ކުރިން އެމްޕީއެލްގެ ގިނަ ޙިދުމަތްތަކެއް ވަނީ އޮންލައިންކޮށް ފޯރުކޮށްދޭން ފަށައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް