ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމަަށް ރައީސް ސޯލިހުގެ ޝުކުރު

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގައާއި، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗަ...

08 Jan 2022 | 15:13

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގައާއި، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ޝުކުރު އަދާކުރެއްވީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ ވާންގް ޔީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. އަދި މިއަހަރު މީ ރާއްޖޭއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަން ހާމަކުރައްވާފައެވެ.

މި ގުޅުން އިތުރަށް ‌‏ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ އެކަމާ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި އަހަރު މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރުފުރޭ އަހަރުކަމުގައި ވިޔަސް، ސިލްކް ރޯޑްގެ ސަބަބުން ދެ ޤައުމުގެ ގުޅުން 600 އަހަރު ކުރިޔަށް ޖެހޭކަމުގައި ވިދާޅުވެފައެވެ. އަދި، ޗައިނާގެ ފޮރިން މިނިސްޓަރ ވަނީ އެ ޤައުމުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި، އެއްބައިވަންތަކަމާއި، އެހެން ޤައުމުތަކުގެ ސިޔާދަތައް ކުރާ އިޚްތިރާމްގެ މައްޗަށްކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރާއްޖެ ހިމެނޭހެން ތަރައްޤީވަމުން އަންނަ ހުރިހާ ޤައުމެއްގެ ކުރިއެރުމުގައި ޗައިނާއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގައާއި، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަރުކާރަށް މިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ ރާއްޖޭގެ ކޮވިޑް ދިފާޢު ވެކްސިން ކެމްޕެއިނަށް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ ސައިނޯފާމް ވެކްސިން ޝިޕްމަންޓް ހަދިޔާކުރެއްވިކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން ބަދަހިވާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވަމުން، މިއަދު ދެޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި، ޗައިނާގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާ ހިމެނޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ގުޅިގެން އެކުގައި މަސައްކަތްކުރާނެކަމުގައި ތަކުރާރުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޫބަރު 1972 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް