ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ޗައިނާއަކީ ރާއްޖެއާ އެންމެގާތް އެކުވެރިޔާއެވެ. ރާއްޖޭގެ ހުރިހައި ކަމެއް ވެސް ބަލަމުން އަންނަނީ ނުވަތަ މަދަދުވެރިއަކީ ޗައިނާ ކަމުގައި ވަނީ ވެފައެވެ.
ނަމަވެސް އެމްޑީޕީ ގެ ސަރުކާރުގައި އެންމެގާތް އެކުވެރިއަކީ އަވަށްޓެރި އިންޑިއާއެވެ. ބޮޑަށް ގުޅުން ބަދަހިކުރަނީ ވެސް އިންޑިއާ އާއެވެ. މަލްޓި ޕާޓީ ސިސްޓަމަށް ރާއްޖޭގައި ވެރިކަން ކުރަން އެންމެފުރަތަމަ ލިބުނު ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށްވާއިރު، އިންޑިއާއަށް ވަނީ ގިނަ މަޝްރޫޢުތަކެއް ދީފައެވެ. އެގޮތުން ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ މިހާރުގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަން ޙަވާޅުކުރީ ވެސް އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެވެ.
އެހެންކަމުން އިދިކޮޅު ފަރާތްތަކުން އޭރުވެސް އައީ ފާޑުކިޔަމުންނެވެ. އެމްޑީޕީގެ ވެރިކަމުގެ ވަކި ހިސާބަކުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން، ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން ވެރިކަމަށް ވަޑައިގެން ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލެއްވިއެވެ.
އެއަށްފަހު، އެ ދައުރު ނިމި ޕީޕީއެމް އަށް ރާއްޖޭގެ ވެރިކަން ލިބި، ރައީސްގެ މަގާމަށް ޢަބްދުﷲ ޔާމީން ވަޑައިގަތުމާއެކު ޗައިނާ އާ ގުޅުން ބަދަހިކޮށް، އެންމެގާތް މިތުރަކީ ޗައިނާ ކަމުގައި ހެދިއެވެ. ބޮޑެތި މަޝްރޫޢުތައް އެ ގައުމަށް ދޭން ފެށިއެވެ. އަދި އެފަދަ ބޮޑެތި މަޝްރޫޢުތަކުގެ ފައިދާ ވެސް ދިވެހީންނަށް ކުރަން ފެށިއެވެ. އޭގެ ހެއްކަކީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ނުވަތަ ސިނަމާލެ ބްރިޖެވެ. ދަތުރުފަތުރުގެ ނިޒާމަށް ނުހަނު ފަސޭހަވެ، ހުޅުލެއަށާއި ހުޅުމާލެއަށް ކަނޑުމަގުން ކުރަމުންދިޔަ ދިގު ދަތުރުތަކަށް އަވަސްކަމެއް ގެނުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމި، އަނެއްކާ ވެސް އެމްޑީޕީ އާ ރާއްޖޭގެ ހުންގާނު ހަވާލުވުމުން އިންޑިއާ ދެމެދު ހީނަރުވެފައި އޮތް ގުޅުން އަލުން ބަދަހިކޮށް، ރާއްޖޭގައި ހިންގާ ބައެއް މަޝްރޫޢުތައް އިންޑިއާގެ ކުންފުނިތަކަށް ދޭން ފެށިއެވެ. ނަތީޖާއަކަށް ވީ، އިދިކޮޅި ކޯލިޝަން ކަމަށްވާ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފެށިއެވެ. ޚާއްސަަކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިގައުމުން ބޭލުމަށް ކޮންމެދުވަހަކު ވެސް އަންނަނީ ގޮވަމުންނެވެ.
"އިންޑިއާ އައުޓް" ހަރަކާތް އިދިކޮޅުން ހިންގަމުން އަންނަނިކޮށް ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ ވާންގް ޔީ، ރާއްޖެއަށް ވަޑައިގެން މިވަނީ ފަސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިއީ އިދިކޮޅުގެ ހަރަކާތްތަކަށް ސިހުން ގެނުވާނެ ކަމެއްކަން ޔަގީނެވެ.
އަދުގެ ސަރުކާރަކީ ވަކި ގައުމަކަށް ނުވަތަ ވަކި ބަޔަކަށް ތަފާތު ނުކުރާނެ އަދި ވަކި ގައުމަކަށް ވީތީ، ގުޅުން އިތުރަށް ބަދަހި ނުކުރާނެ ކަމުގެ ހެއްކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް