ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ޕީޕީއެމް އިން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އެއްވުމުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ބަންދު ކުރި ދެމީހުން ޝަރުތުތަކަކާއި އެކު ކޯޓުން ދޫކޮށްލައިފިއެވެ.
ޕީޕީއެމް އާއި ޕީއެންސީގެ އޮފީސް ކުރިމަތިން އިއްޔެ ހަވީރު ފެށި މުޒާހަރާގައި ބައިވެރިވި އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލާފައެވެ.
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބުނެ، އެ ހަރަކާތުގެ ތެރެއިން އިއްޔެ 29 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތު ކުރެވޭ ދެމީހަކު ފިޔަވާ ދެންތިބި މީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައި ވެއެވެ.
ފުލުހުންގެ ދެންމެ ވިދާޅުވީ ބަންދުގައި ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމުގައެވެ.
ނަމަވެސް އެ މީހުންނަށް ކޮށްފައިވާ ޝަރުތުތަކެއް ހާމަކޮށްފައެެއް ނުވެއެވެ.
އެ މީހުންގެ މައްޗައް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމާއި، ފުލުހުންގެ ވެހިކަލަށް ގެއްލުން ދިނުމާއި، ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުން ހިމެނެއެވެ.
"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ފޯރިއާއި އެކު ކުރިއަށް ގެންދާ މި ހަރަކާތަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ދަނީ ފާޑުކިޔަމުންނެވެ. މިހާތަނަށް "އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދު ނުކުރާކަން ހާމަ ކުރި ސިޔާސީ ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް، އެމްއެންޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް