ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަގުމަތީ ބާޒާރު ހުއްޓުވުމުން ވިޔަފާރިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.
ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ދިނުމަށް ފަހު، އެ ނިންމުން ބަދަލުކޮށް ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ ދީފައިނުވަނީ މާލެ ސަރަހައްދުގައި ކޮވިޑު ފެތުރުން އިތުރުވަމުން އަންނާތީއެވެ.
މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް ވަރަށްބޮޑަށް ދަށްވުމަށް ފަހު، މިފަހަަކަށް އައިސް އަންނަނީ ކޭސްތައް އިތުރުވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ދެތިން ދުވަހުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ ދުއިސައްތައިން މަތީގައެވެ. އަދި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މިންވަރު ވެސް އިތުރުވެ، ކޮންމެ ދުވަހަކު ވެސް ސަތޭއިން މަތީގެ ޢަދަދުތައް މާލެ ސަރަހައްދުން ދަނީ ޕޮޒިޓިވް ވަމުންނެވެ.
ވިޔަފާރިވެރިން ނުވަތަ ނައިޓް މާކެޓުގެ ސްޓޯލްތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކުން މި މުޒާހަރާ ފަށާފައިވަނީ މިއަދު ހަވީރު ރަސްފަންނު ސަރަހައްދުގައެވެ. މުޒާހަރާގެ ބައިވެރިން ތިބީ އެމީހުންގެ ކަންބޮޑުވުންތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެންނެވެ.
އެޗްޕީއޭ އިން ރޭ ބުނެފައިވަނީ ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުމަށްފަހު ބާތިލް ކޮށްފައި ވަނީ އިންސްޕެކްޝަނަށް ފަހު ކަމަށެވެ. އަދި އެތަން އިންތިޒާމުކޮށްފައިވާގޮތުން ގައުދުރުކަމާއި އެޗްޕީއޭގެ ގައިޑްލައިންތަކަށް ނުފެތޭތީ ކަމަށެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަަކަށް ބަލާލާއިރު މި މަހުގެ 6 ވަަނަ ދުވަހު އެކަނި ވެސް 304 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް