ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަަށް އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.
އެރަށުގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
އެ ކުންފުނިން މިއަދު މަޢުލޫމާތު ދިން ގޮތުގައި އެ ރަށު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީ ގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެއެވެ. އަދި ސަބްބޭސް މަސައްކަތްތައް މި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ފަށާފައި ކަމުގައި އެމްޓީސީސިން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރަންވަނީ ހަމަޖެހިފައެވެ. އަދި 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމުގައި އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، 17790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމުގައި އެމްޓީސީސިން ބުނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް