އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު، އޭގެ ހެއްކަކީ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ދިނުން: ރައީސް ނަޝީދު

އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ކަމަށާއި އޭގެ އެންމެ ބޮޑު ހެއްކަކީ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ދީ ސަރުކާރު ހިންގުމުގެ ފުރުސަތު ދިނުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖ...

08 Jan 2022 | 04:53

އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ކަމަށާއި އޭގެ އެންމެ ބޮޑު ހެއްކަކީ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ދީ ސަރުކާރު ހިންގުމުގެ ފުރުސަތު ދިނުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާއަށް ފޮނުއްވި އޯޑިއޯ މެސެޖުގައެވެ.

އެ މެސެޖުގައި ރައީސް ނަޝިދު ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ބިކަ ކުރުމަކީ އެމްޑީޕީގެ އަމާޒެއް ނޫން ކަމަށާއި ރާއްޖެއަކީ ބިކަ ތަނެއްގެ ގޮތުގައި ދުވަހަކު ވެސް އެމްޑީޕީން ސިފަ ނުކުރާ ކަމަށެވެ.

"އެމްޑީޕީގެ މަގުސަދަކީ ރައްޔިތުންނަށް ވިޔަފާރި ކުރެވޭނެ މަގު ފަހިކޮށްދިނުން. އެމްޑީޕީއަކީ ޖަޒީރާ ދިިރިއުޅުމަކަށް ލޯބިކުރާ، ލާމަރުކަޒީ ސިޔާސަތު ގެންގުޅޭ ޕާޓީއެއް. ރާއްޖެ ތަރައްގީކުރުމަށް އެމްޑީޕީއަކީ މުހިންމު ވަސީލަތެއް." ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް މިހާރުކުރައްވާ ކުރީގެ ރައީސް ނަޝިދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމްޑީޕީ ނޫނީ ވޯޓު ދިނުން އައުލާކަން ބޮޑު ޕާޓީއެއް އަދިވެސް ނެތް ކަމަށާއި އެކަން ކަށަވަރު ކޮށްދޭންވީ އަނެއްކާ ވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ ސިޔާސަތެއް ވެސް ހުންނާނީ ރައްޔިތުންނަށް މަންފާވާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ގިނަ އަހަރުތަކަކު އެމްޑީޕީން ވެރިކަން ކުރަމުން ދިއުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތް ކަމަށާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ އެމްޑީޕީން ބޭނުންވެގެން ކުރިމަތިލާން ޖެހުނު އިންތިޚާއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

" މި އިންތިޚާބުގައި އެމްޑީޕީން ވާދަކުރަނީ، ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ހުސައިން ކުރެއްވި މަސައްކަތް ކުރެއްވުމަށާއި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް