ޔަންގް ފިޝަރސް ކްލަބްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލްތަކުގައި ފެށުމަށް ރާވާފައިވާ ޔަންގް ފިޝަރސް ކްލަބްގެ ސްޕޮންސަރިންގ ޕާރޓްނަރއެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއި...

08 Jan 2017 | 13:47

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލްތަކުގައި ފެށުމަށް ރާވާފައިވާ ޔަންގް ފިޝަރސް ކްލަބްގެ ސްޕޮންސަރިންގ ޕާރޓްނަރއެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް މާކެޓިންގ އޮފިސަރ އީޒަބެލް ހާޖްރީއެވެ. އަދި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުޙައްމަދެވެ.

ދިރާގުގެ އިޖުތިމާއީ ޒިމްމާގެ ދަށުން ޒުވާނުން ބާރުވެރި ކުރުވާ ޒުވާނުނަން ތަފާތު ގިނަގުނަ ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް ބޮޑަށް އަހަންމިއްޔަތު  ކަމެއް ދޭ ކަންތައްތައް ކަމަށާއި އެގޮތުން ދިރާގުން ޔަންގް ފިޝަރސް ކްލަބުގެ ޑިވެލޮޕްމެންޓް ޕާރޓްނަރެއްގެ ގޮތުން ބައިވެރި ވީ މި ކްލަބު ގެ ދަށުން ރާއްޖޭގެ އެކި ހިސާބު ތަކުގައި ދިރިއުޅޭ ޒުވާނުންނަށް މަސްވެރި ކަމުގެ ދާއިރާއިން ތަފާތު ތައުލީމީ ފުރުސަތުތަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމުގައި ދިރާގުން ހާމަކުރެ އެވެ.

ދިރާގާއިއެކު ކުރެވުނު އެއްބަސްވުމުގެ ދަށުން މި ކްލަބްގެ ފަރާތުން ދަރިވަރުންނަށާއި، ޓީޗަރުންނަށް ހިންގާ ތަފާތު ޙަރަކާތްތައް ހިންގުމުގައި ދިރާގުގެ ފަރާތުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން ކޮމިއުނިކޭޝަން އާއި ޓެކްނޮލޮޖީއާއި ގުޅޭ ތަފާތު ހަރަކާތްތައް ހިންގުމުގައި ދިރާގުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައެވާކަމަށްވެސް ދިރާގުން ހާމަކުރެ އެވެ.

ޔަންގް ފިޝަރސް ކްލަބް އަކީ މަސްވެރިކަމާއި، މަސްވެރިކަމާއި ގުޅުންހުރި ތަފާތު ދާއިރާތަކާއި، ކަނޑުތަކުގެ ތިމާވެށްޓާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކޮށް އެ ދާއިރާތަކުން ބޭނުންވާ ހުނަރާއި ، ތަމްރީން ފޯރުކޮށްދިނުމަށް ސްކޫލްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޚާއްޞާ ކްލަބެކެވެ. އެގޮތުން އެކްލަބްގެ ޙަރަކާތްތަކުގެ ތެރޭގައި، ތިމާވެއްޓާއި، ދެމެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ނިޔަމިކަމާއި، މުވާޞަލާތީ ތަފާތުން ކަންތައްތަކާއިގުޅޭގޮތުން އެކިއެކި ޙަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ޔަންގް ފިޝަރސް ކްލަބްގެ މަޤްޞަދަކީ މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްތަކަކީ ޕްރޮފެޝަނަލް މަސައްކަތްތަކަކަށް ހެދުމަށްޓަކައި އެކަމުގެ ޝައުޤާއި ހުނަރު ސްކޫލްތަކުގެ ދަރިވަރުންނަށް ފޯރުކޮށްދީ ޒުވާނުން މަސްވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް އަހުލުވެރިކޮށް ޝަޢުޤުވެރިކުރުވުމެވެ.

ދިރާގާއި ވެވުނު އެއްބަސްވުމުގައި ސޮއި ކުރައްވަމުން މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުޙައްމަދު ވިދާޅުވީ މަސްވެރިކަމުގެ މުސްތަޤްބަލު ވަނީ ތައުލީމީ ޤާބިލް ޒުވާނުން އެ މަސައްކަތުގައި ބައިވެރިވެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރަން އަހުލުވެރިވުމުގެ މައްޗައް ކަމަށް ވީހިނދު، ޔަންގް ފިޝަރސް ކްލަބް ގެ ހަރަކާތްތަކުގައި ދިރާގު ފަދަ ޓެކްނޮލޮޖީ ގެ ދާއިރާގައި ހަރަކާތްތެރިވާ  ކުންފުންޔެއްގެ އެހީތެރިކަން މި މަސައްކަތުގައި ލިބިގެން ދިޔުމަކީ މި މަސައްކަތް ކާމިޔާބު ކުރުމަށް މި އެސޯސިއޭޝަން އަށް ލިބިގެން ދިޔަ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ރާއްޖޭގެ ފަސް އަތޮޅެއްގެ ފަސް ސްކޫލްގައި ވޭތުވެދިޔަ އަހަރު އިފްތިތާޙްކުރެވުނު މި ކްލަބްގެ ޙަރަކާތްތައް މިއަހަރުގެ ތެރޭގައި ޢަމަލީގޮތުން ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި މިއަހަރު މި ކްލަބްގެ ޙަރަކާތްތައް ހިންގުމަށް ރޭވިފައިވަނީ އައްޑު ސިޓީ މަރަދޫ ސްކޫލާއި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ރ. ދުވާފަރު ސްކޫލްގެ އިތުރުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ކަމުގައިވެސް އެ އެސޯސިއޭޝަނާ ހަވާލާދީ ދިރާގުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް