ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު (އެފްސީޕީޑީ) ގައި މަސައްކަތްކުރާ މުވައްޒަފުން ހުޅުމާލޭގައި ހުންނަ “ފިޔަވަތި” އަށް ޒިޔާރަތްކޮށްފިއެވެ.
ފުލުހުން ބުނީ އިޖްތިމާޢީ ޒިންމާއަށް މުވައްޒަފުން ޝަޢުޤުވެރި ކުރުވުމާއި، ފިޔަވަތީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާއި އެފް.ސީ.ޕީ.ޑީ ގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކުރި މިޒިޔާރަތަކީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އެލައިޑް އިންސްއަރެންސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޒިޔާރަތެއް ކަމަށެވެ.
މި ޒިޔާރަތުގައި އެފްސީޕީޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން މިދިޔަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ޝަލަބީ އިބްރާހިމް ބައިވެރިވެފައިވާއިރު މި ޒިޔާރަތުގައި ޝަލަބީވަނީ ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަށް ލަވަ ހުށަހަޅައިދިނުމުގެ އިތުރުން ފިޔަވަތީގައި އުޅެމުންދާ ކުދިންވަނީ ޝަލަބީގެ އެހީތެރިކަމާއެކު ލަވަ ހުށަހަޅައިދީފައި ކަމަށާއި މީގެއިތުރުން އެފްސީޕީޑީގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައި ކަމުގައި ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ޒިޔާރަތުގައި އެފްސީޕީޑީގައި މަސައްކަތްކުރާ މުވައްޒަފުންވަނީ ފިޔަވަތީގައި ހުރި ދަތިތައް ދެނެގަނެ އެކަމުގައި ވެދެވެން ހުރި އެހީތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހޯދާފައި ކަމަށެވެ. އަދި މި ޒިޔާރަތުގައި ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަށް ހަދިޔާ ދީފައިވާކަމަށެވެ.
މި ޒިޔާރަތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ބަޝީރް އާއި ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޝަރީފްގެ އިތުރުން ޝަލަބީ އާއި އެފްސީޕީޑީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ބައިވެރިވެފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް