އައު އަހަރުގެ ކިޔެވުން ފެށުމާއެކު ހާއްސަ ގޮތެއްގައި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ފުލުހުން ފަށައިފިއެވެ. އެގ...

08 Jan 2017 | 11:54

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ފުލުހުން ފަށައިފިއެވެ.

އެގޮތުން މާލޭގެ ސްކޫލްތަކުގެ ތެރެއިން ޓްރެފިކް ކާރޫބާރު ބޮޑު ސަރަހައްދުތައް ފާހަގަކޮށް އެސަރަހައްދުތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިއާއި ދިމާކޮށް ކަނޑައެޅޭ ވަކި ގަނޑިތަކަކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭނެ ގޮތަށް ބައެއް ސަރަހައްދުތަކުގެ މަގުތައް ބަންދުކުރުމަށް ވަނީ ހަމަޖެހިފައި ކަމުގައި ފުލުހުން ބުނެ އެވެ.

މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގެ ޓްރެފިކް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމުގައި ޓްރެފިކް ފުލުހުންވެސް ހަރަކާތްތެރިވަމުންދާނެ ކަމުގައިވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެހެންކަމުން މަގުތައް ބޭނުންކުރާ އެންމެހައި ފަރާތްތަކުން ސްކޫލް ހިމެނޭ ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ޚާއްސަ ގޮތެއްގައި އެއްގަމު އުޅަނދުތަކުގައި ސްކޫލަށް ވަޑައިގަންނަވާ ބޭފުޅުން އުޅަނދުތައް ތަރުތީބުން ޕާރކްކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދަރިވަރުން ގޮވައިގެން ސްކޫލްތަކަށް ވަޑައިގަންނަވާ ބެލެނިވެރިންވެސް އުޅަނދުތައް ސީދާ ސްކޫލްތަކުގެ ގޭޓް ކުރިމައްޗަށް ހުއްޓުމުގެ ބަދަލުގައި ޓްރެފިކަށް ދަތިނުވާ ގޮތަށް މަގުގެ އެއްކައިރިއަކަށް މަޑުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށާއި ހަމައެއާއެކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް މަގުތައް ބޭނުންކުރާ ހުރި ފަރާތްތަކުންވެސް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް