ފުރަތަމަ 10 ކަސްޓަމަރުންނަށް ހަދިޔާގެ ގޮތުގައި 100 ޑޮލަރާއެކު ބީއެމްއެލްއިން އެއާޕޯޓުން ޑޮލަރު ދޫކުރަން ފަށައިފި

ބީއެމްއެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުވެރިންނަށް ޑޮލަރު ދޫކުރަން ފަށައިފި އެވެ. މި ހިދުމަތް ދޭންފެށުމަށްފަހު ބީއެމްއެލްއިން ބުނެފައިވަނީ ކިޔޫގައި މަޑުކުރަން ނުޖެހޭ އޮންލައިން ޑޮލަރު ...

08 Jan 2017 | 11:38

ބީއެމްއެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުވެރިންނަށް ޑޮލަރު ދޫކުރަން ފަށައިފި އެވެ.

މި ހިދުމަތް ދޭންފެށުމަށްފަހު ބީއެމްއެލްއިން ބުނެފައިވަނީ ކިޔޫގައި މަޑުކުރަން ނުޖެހޭ އޮންލައިން ޑޮލަރު ބުކިންގ ނިޒާމަށް ރަނގަޅު ތަރުހީބެއް ދަނީ ލިބެމުން ކަމަށެވެ. މިއަދުން ފެށިގެން ދަތުރުވެރިން ޑޮލަރު ގަތުމަށް ބީއެމްއެލްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. އަދި ފުރުމުގެ ކުރިން އެއަރޕޯޓުން ޑޮލަރު ނެގޭނެ ކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ.

"އާ ނިޒާމަށް އަމަލުކުރަން ފެށުން ފާހަގަކުރުމަށް މިއަދު ހެނދުނު އެއަރޕޯޓްގައި ބޭއްވި ހަފްލާއެއްގައި ބޭންކުން ވަނީ މި ނިޒާމް ބޭނުންކޮށްގެން ޑޮލަރު ނަގާ ފުރަތަމަ ދިހަ ކަސްޓަމަރުންނަށް ބޯނަސް ގިފްޓެއްގެ ގޮތުގައި ކޮންމެ ދަތުރުވެރިޔަކަށް 100 ޑޮލަރު ދޭނެކަން އިއުލާންކޮށްފައި، އަދި ބޭންކުން ވަނީ ދަތުރުވެރިންނަށް ޑޮލަރު ދޫކުރުމަށް އެއަރޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ވެފައިވާ ތައްޔާރީތަކާއި ބެހޭ ވީޑިއޯއެއް  ދައްކާލާފައި، މިވީޑިއޯގައި ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވާ ދަތުރުވެރިންނަށް ލަސްނުވެ ޑޮލަރު ދޫކުރުމަށް ޚާއްސަކޮށްގެން ޑިޕާޗާ ގޭޓް 4 ގެ ކުރިމަތީގައި ގާއިމްކޮށްފައިވާ ކައުންޓަރުތައް ދައްކާލާފައިވޭ" ބީއެމްއެލްއިން ބުނެ އެވެ.

ބޭންކުން އަލަށް ތައާރަފްކުރި ނިޒާމަށް ބަދަލުވުމުގެ މަރުހަލާ ފަސޭހަކުރުމަށްޓަކައި އެމްއެމްއޭ އިން މިއަދާއި މާދަމާވެސް ޑޮލަރު ވިއްކަމުން ގެންދާނެއެވެ. އޭގެ ފަހުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަމުންދާނީ ހަމައެކަނި ބީއެމްއެލްއިންނެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިންގ ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށާއި އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެވޭނެ ކަމުގައި ބީއެމްއެލް އިން ބުނެ އެވެ.

ޑޮލަރު ވިއްކުމަށް ގެނައި ބަދަލާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި އެމްއެމްއޭ ގުޅިގެން ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގައި ދަނީ މައުލޫމާތު ދެމުންނެވެ. މިގޮތުން، ޑޮލަރު ބޭނުންވާ ދަތުރުވެރިން ތިރީގައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބޭންކުން އިލްތިމާސްކުރެއެވެ.

  • ފުރަން ހަމަޖެހިފައިވާ ދުވަހުގެ ފަސް ދުވަސް (120ގަޑިއިރު) ކުރިން ފެށިގެން ޑޮލަރު ގަތުމަށް ބުކިންގ ހެދުމުގެ ފުރުސަތު ހުޅުވޭނެއެވެ. އަދި ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ އަށް ގަޑިއިރު ކުރިން ބުކިންގ ހަދާ ނިންމަންވާނެއެވެ.
  • އެއާޕޯޓުން ޑޮލަރު ދޫކުރާ ގަޑީގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ބުކިންގ ހަދާގަޑީގައި ދޭ މައުލޫމާތަކީ ރަގަޅު މައުލޫމާތުކަން ޔަގީން ކުރަންވާނެއެވެ.
  • ކޮންފާމްކޮށްފައިވާ ބުކިންގ އަކަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންނަމަ ނުވަތަ މިކަމާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ، ބޭންކްގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އަށް ގުޅުއްވާށެވެ.

އެއަރޕޯޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ، އެންޑްރޫ ހީލީ ވިދާޅުވީ މިއީ އަދި މިކަމުގެ ފުރަތަމަ ދުވަސްކޮޅު ނަމަވެސް އަޅުގަނޑުމެންގެ އޮންލައިން ބުކިންގ ނިޒާމަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބާ މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ހަފްތާ ބަންދުގައި މި ސިސްޓަމް ލައިވްވެ، ފުރަތަމަ ބުކިންގ ހެއްދި ދަތުރުވެރިން މިއަދު ފުރާނެ ކަމަށެވެ. ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ މުވައްޒަފުން ތިބޭނީ ގޭޓް ހަތަރެއް ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ހާއްސަކޮށް ގާއިމްކޮށްފައިވާ ކައުންޓަރުތަކުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރަށް ކަމަށެވެ.

"ދަތުރުވެރިންނަށްޓަކައި އޮމާންކަމާ އެކު އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ އަޒުމުކަނޑައަޅައިގެން.މިފުރުސަތުގައި އެމްއެމްއޭ އިން ދެއްވާ އެއްބާރުލަމަށާއި، އަޅުގަނޑުމެންގެ އާ ނިޒާމަށް އަމަލުކުރަން ފެށުމުގެ މަރުހަލާ އޮމާންކަމާ އެކު ގެންދިޔުމަށް އަދި ކަސްޓަމަރުންނަށް ދަތިނުވެ ޑޮލަރު ލިބޭނެކަން ޔަގީންކުރުމަށް މިއަދާއި މާދަމާ ޑޮލަރު ވިއްކަމުން ގެންދާތީވެ އެމްއެމްއޭ އަށް ޚާއްސަ ޝުކުރެއް ދަންނަވަން".  ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.

ބޭންކުން އިތުރަށް ބުނެފައިވަނީ ބޭންކްގެ ވެބްސައިޓް www.bankofmaldives.com.mv     މެދުވެރިކޮށް ބީއެމްލްގެ އޮންލައިން ޑޮލަރު ބުކިންގ ޕޯޓަލްއަށް ވަދެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް