ފާއިތުވި އަހަރު ޕޮލިސް މިއުޒިއަމްއަށް 10000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވޭ

ފާއިތުވި 2016 ވަނަ އަހަރުގެ ޖެނުއަރީން ޑިސެމްބަރު މަހުގެ ނިޔަލަށް ޕޮލިސް މިއުޒިއަމްއަށް 10،000 ވުރެ ގިނަ މީހުން ޒިޔާރަތްކޮށް ފުލުހުންގެ ތާރީޚާއި ގުޅޭ މަޢުލޫމާތު ހޯދާފައިވާކަމުގައި ފުލުހުން ބުނެފި އެވެ...

08 Jan 2017 | 04:17

ފާއިތުވި 2016 ވަނަ އަހަރުގެ ޖެނުއަރީން ޑިސެމްބަރު މަހުގެ ނިޔަލަށް ޕޮލިސް މިއުޒިއަމްއަށް 10،000 ވުރެ ގިނަ މީހުން ޒިޔާރަތްކޮށް ފުލުހުންގެ ތާރީޚާއި ގުޅޭ މަޢުލޫމާތު ހޯދާފައިވާކަމުގައި ފުލުހުން ބުނެފި އެވެ.

އެގޮތުން ފާއިތުވި އަހަރު ޕޮލިސް މިއުޒިޒިޔާރަތްކޮށްފައިވަނީ 10409 މީހުން ކަމަށާއި މިއީ 2015 ވަނަ އަހަރާއި އަޅާބަލާއިރު 2491 މީހުންގެ އިތުރުވުމެއް ކަން ފުލުހުން ފާހަގަކުރެ އެވެ. އަދި  ޕޮލިސް މިއުޒިއަމްއަށް 2016 ވަނަ އަހަރު ޒިޔާރަތްކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 5589 ފަތުރުވެރިންނާއި 1402 ދިވެހިންނާއި 3134 ސްކޫލު ދަރިވަރުންނާއި 284 އިއްޒަތްތެރިންކަމުގައިވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ފާއިތުވި އަހަރު ޕޮލިސް މިއުޒިއަމްއަށްވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި މާލޭ ހިމެނޭ ސަރަޙައްދުގެ އެކި ސްކޫލުތަކުންނާއި އަތޮޅުތަކުގެ ބައެއް ސްކޫލުތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ރާއްޖޭގެ އެކި ކޮލެޖް އަދި ޔުނިވަރސިޓީގެ ދަރިވަރުންނާއި ދަޢުލަތު އިއްޒަތްތެރިންނާއި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބޭރު ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރާ އިސްބޭބޭފުޅުންގެ އެހެން ޤައުމުތަކުގެ ސިފައިންނާއި ފުލުހުންވެސް ޒިޔާރަތްކޮށްފައިވާކަމަށެވެ.  އަދި ބޭރުގެ ބައެއް ޤައުމުތަކުން ރިސާޗް މަސައްކަތްތައް ކުރާ ފަރާތްތައްވެސް ޕޮލިސް މިއުޒިއަމް އަށް ޒިޔާރަތްކޮށް ފުލުހުންގެ ތާރީޚާއި ގުޅޭ މަޢުލޫމާތު ހޯދާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެއިތުރުން ފާއިތުވި އަހަރުވަނީ ޕޮލިސް މިއުޒިއަމްއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން  ހާއްޞަކޮށް ސްކޫލްތަކާއި ކޮލެޖްތަކުން ޒިޔާރަތްކުރާ ދަރިވަރުންނަށާއި  ދިވެހިންނަށް އަމާޒުކޮށްގެން ކްރައިމް ޕްރިވެންޝަން ޔުނިޓާއި ޕޮލިސް ހެރިޓޭޖް ސެންޓަރ ގުޅިގެން މުޖުތަމަޢުގައި ހިނގާ ކުށްތައް މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން އެފަދަ ކަންކަމުން ރައްކާތެރި ވާނެ ގޮތްތަކާއި ބެހޭ މަޢުލޫމާތު ހިމެނޭ ލީފުލެޓްތައްވެސް ހަދިޔާކޮށްފައިކަމުގައިވެސް ފުލުހުން ބުނެ އެވެ.

ހަމައެއާއެކު ޕޮލިސް މިއުޒިއަމް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފާއިތުވި އަހަރުގެ ތެރޭގައި ކޮށްފައިވެއެވެ. އެގޮތުން ފުލުހުންގެ އަރުޝީފް ރައްކާތެރިކަމާއެކު ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި ސޮފްޓްވެއަރއެއް ޤާއިމްކުރުމުގެ މަސައްކަތާއި ފުލުހުންގެ ތާރީޚް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމުގެ ގޮތުން ފުލުހުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތާއި ފުލުހުންނާ ގުޅުންހުރި ތާރީޚީ ތަކެތި ހޯދައި ދިރާސާ ކުރުމުގެ މަސައްކަތުގެ އިތުރުން ފުލުހުންގެ ސަޤާފަތާއު އާދަކާދަތައް ދިރުވައި އާލާކޮށް ފުލުހުންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަށް މަސައްކަތްތަކެއް ކޮށްފައިވާނޭ ކަމުގައިވެސް ފުލުހުން ބުނެ އެވެ.

ޕޮލިސް މިއުޒިއަމްއަކީ ފުލުހުންގެ ތާރީޚް ރައްކާތެރިކޮށް ބެލެހެއްޓުމާއި ފުލުހުންގެ ތާރީޚް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމުގެ ގޮތުން 2013 ވަނަ އަހަރުގެ މާޗު މަހުގެ 29 ވަނަ ހުޅުވާފައިވާ ތަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް