ދިވެހިންގެ ތެރެއިން 50 ށްވުރެ ގިނަ މީހުން ހަނގުރާމައަށް ގޮސްފައިވާކަމަށް ބެލެވޭ: ސީޕީ

ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް 50 އަށް ވުރެ ގިނަ ދިވެހިން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ބެލެވޭކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ...

08 Jan 2015 | 14:13

ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް 50 އަށް ވުރެ ގިނަ ދިވެހިން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ބެލެވޭކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮމިޝަނާ އޮސް ޕޮލިސް ވިދާޅުވީ ހަނގުރާމަ ކުރުމަށް ރާއްޖެއިން ބޭރަށްދާ އެފަދަ މީހުންގެ މައުލޫމާތު ހޯދުމަށް ކަމާ ގުޅޭ ފަރާތްތަކާ އިންޓެލިޖެންސް ގުޅިގެން ފުލުހުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން ފުރައިގެން ދަނީ އާންމު އުސޫލުން ކަމަށްވުމުން އެފަދަ މީހުން ފުރައިގެން ދިޔުމުގެ ކުރިން އެދަނީ ހަނގުރާމަކުރަން ކަނޑައަޅަން ފަސޭހައެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް މީހަކު ހަނގުރާމައަށްދާން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާނަމަ، އެމީހަކު ފުރުމުގެ ކުރިން އެ މައުލޫމާތު ފުލުހުންނަށް ހިއްސާކޮށްދިނުމަށް ކޮމިޝަނަރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

"ފުލުހުންނަށް ލިބޭ މައުލޫމާތުގެ މައްޗަށް ބަލައި އެފަދަ ބަޔަކު ފުރަން އުޅޭކަން އެނގޭނަމަ ހުއްޓުވުމުގެ މަސައްކަތްވެސް ކުރެވޭނެ.އެގޮތުން ސްރީލަންކާ މަގުން އެފަދަ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ހަނގުރާމައަށްދާން މަސައްކަތްކުރި ބަޔަކު ސްރީލަންކާ ފުލުހުންގެ އެހީތެރިކަމާ އެކު ހޯދައި ވަނީ ރާއްޖެ ގެނެވިފައި،" ކޮމިޝަނަރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި  ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ އަޑީގައި ހުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. ހިލްޓަން އަޒްލިފް ރައޫފު އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ހޯދުމަށް ކުރާ މަސައްކަތުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ ބައެއް މީހުން ވެސް ހިމެނެއެވެ. އަދި ބައެއް އަތޮޅުތަކުގެ އާއިލާތަކުން ބައެއް މީހުންވެސް ވަނީ ހަނގުރާމައަށް ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް