ސީ އެކްސްޕްލޮރާސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް ގެ އޮފީހުގެ ދޮރުގެ ތަޅު ހަލާކުކޮށްލި މީހަކު 4 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ޙުކުމް ކޮށްފައިވަނީ މާލެ، މމޚ. ދަފްތަރު 856، މުޙައްމަދު ޔާމީން (22އ) ގެ މައްޗަށެވެ.
މި މައްސަލައާ ގުޅިގެން ދަޢުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއެވެ. ދަޢުލަތުން މި ދަޢުވާ އުފުލާފައިވަނީ، އޭނާ 2010 ސެޕްޓެމްބަރު 07 ވަނަ ދުވަހު ހ. އަސްފާމްގޭގައި ހުންނަ ”ސީ އެކްސްޕްލޮރާސް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް” ގެ އޮފީހުގެ ދޮރުގެ ތަޅު ހަލާކުކޮށްލާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ދަޢުވާ ކްރިމިނަލް ކޯޓުން ބެލުމަށް ފަހު ކޮށްފައިވާ ޙުކުމުގައި ބުނަނީ، މުޙައްމަދު ޔާމީންގެ އިޢުތިރާފުން ޝަރީޢަތަށް މި ދަޢުވާ ސާބިތުވާ ކަމަށެވެ.
އެހެންކަމުން، އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުން މުޙައްމަދު ޔާމީން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މި ބާވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވާ 2 ވަނަ ފަހަރުކަމަށް ވާތީ، މި ކުށުގެ ޢޫޤޫބާތެއްގެ ގޮތުން ޤާނުނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން މުޙައްމަދު ޔާމީން 4 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރާ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް