މީހަކަށް ބިރުދައްކައި ވަޅިން ހަމަލާ ދިން މީހަކު 4 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ޙުކުމްކޮށްފައިވަނީ މާލެ، ގ. ކަންނެލި، މުޙައްމަދު ޝަމްޢާން އިބްރާހީމް ޚާލިދު (22އ) މައްޗަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާ އެވެ. އެ ދަޢުވާ ދަޢުލަތުން އުފުލާފައިވަނީ، އޭނާ 2012 ޖޫން 26 ވަނަ ދުވަހުގެ ރޭ ގ. ލާމިހިޔާ 1 ވަނަ ފަންގިފިލާގައި ހުންނަ “އަސްޕަރަގަސް ބިއުޓީ ކެއާރ” ހިނގި އެޕާރޓްމަންޓަށް އިތުރު ބަޔަކާއެކު ގޮސް، އެވަގުތު އެ އެޕާރޓްމަންޓްގައި ތިބި މީހުންގެ ތެރެއިން މީހަކަށް ވަޅިން ބިރުދައްކައި، އެ މިހާގެ ވޮލެޓާއި ފޯނު ދިނުމަށް ބުނުމުން، އެމީހާ އެ ކަމަށް އިންކާރުކުރުމުން، އެ މީހާއަށް ވަޅިން ހަމަލާދީފައިވާ މައްސަލައާ ގުޅިގެންނެވެ.
ދަޢުލަތުން މުޙައްމަދު ޝަމްޢާން އިބްރާހީމް ޚާލިދުގެ މައްޗަށް ކުޅަ މި ދަޢުވާ ބެލުމަށްފަހު، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުންނާއި، ގުޅިފައިވާ ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، މީހަކަށް ގެއްލުންދިނުމުގެ ކުށުން މުޙައްމަދު ޝަމްޢާން އިބްރާހީމް ޚާލިދު ކުށްވެރިވާކަމަށެވެ.
އެހެންކަމުން، މިއީ މުޙައްމަދު ޝަމްޢާން އިބްރާހީމް ޚާލިދު ގެ މައްޗަށް މިބާވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވި ފުރަތަމަފަހަރު ކަމަށްވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަމްބަރު 17/2010 ގެ 2 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން 3 އަހަރުދުވަސް، އަދި އޭނާ މި ޢަމަލު ހިންގާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށްވާތީ، ބުނެވިދިޔަ މާއްދާގެ (ޅ) ގެ ދަށުން 1 އަހަރު ދުވަސް، އެކު ޖުމްލަ 4 އަހަރު ދުވަހުގެ މުއްދަތަށް މުޙައްމަދު ޝަމްޢާން އިބްރާހީމް ޚާލިދު ޖަލަށް ލުމަށް ޙުކުމްކުރާ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް