ކަޒަކިސްތާނުގެ އަވަށެއް ކަމަށްވާ ކަލާޗީ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް އާދަޔާ ހިލާފަށް ނިދާ ބަލި ޖެހޭތީ އެ އަވަށުން މީހުން ހުސްކުރަން ފަށާފައިވާކަމަށް ރަޝީޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ އަވަށުގައި އުޅޭ މީހުންނަށް މި ބަލި ޖެހޭތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ. މިހާތަނަށް 100 އަށްވުރެ ގިނަ މީހަކަށް މި ބަލި ޖެހިފައިވާއިރު މި ބަލި ޖެހޭ މީހުން ހިނގަ ހިނގާ ތިއްބާވެސް ނިދިގެން ވެއްޓޭ ކަމަށާއި އަދި ނިދާފައި ތިން ހަތަރު ދުވަހު ތިބޭ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކަލާޗީ އަވަށާ ޖެހިގެން އޮންނަ އެސިލް އަވަށުގެ އިސްވެރިޔާ ސައުލޭ އަގީމް ބަޔޭވާ ބުނެފައިވަނީ މިހާތަނަށް 582 މީހަކު ކަލާޗީ އަވަށުން އެސިލް އަވަށަށް ބަދަލުވާނެ ބޭނުންވާކަން ހާމަކޮށްފައިވާކަމަށާއި މީހުން ބަދަލު ކުރުމުގައި ކުޑަކުދިން ގެންގުޅޭ އާއިލާތަކަށް އިސްކަން ދޭނެ ކަމަށެވެ.
ރަޝިޔާގެ މީޑިއާތަކުގައި އިތުރަށް ބުނެފައިވަނީ މިކަމުގެ އަސްލު ސަބަބު ހޯދަން ޑޮކްޓަރުންގެ ޓީމަކުން މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މި ބަލި ޖެހެނީ މީގެ ދެ ގަރުނު ކުރިން ނައްތާލާފައިވާ ޔުރޭނިއަމް މައިންތަކެއްގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނާކަމަށްވެސް ރަޝިޔާގެ މީޑިއާތަކުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް