ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގައި ފަލަސްތީނަށް ބައިވެރިވެވޭނެ ކަން އދ އިން ހާމަކޮށްފި

އިޒްރޭލާއި އެމެރިކާއިން ދެކޮޅު ހަދަމުން އަންނަނިކޮށް ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓު(އައިސީސީ)ގައި ފަލަސްތީނަށް ބައިވެރިވެވޭނެކަން އދގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން އިއްޔެ ކަށަވަރުކޮށްދެއްވައިފި...

08 Jan 2015 | 03:32

އިޒްރޭލާއި އެމެރިކާއިން ދެކޮޅު ހަދަމުން އަންނަނިކޮށް ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓު(އައިސީސީ)ގައި ފަލަސްތީނަށް ބައިވެރިވެވޭނެކަން އދގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން އިއްޔެ ކަށަވަރުކޮށްދެއްވައިފި އެވެ.

ތާރީހީ މި ނިންމުން ނިންމިކަން ބާން ބަޔާންކޮށްފައިވަނީ ބާންގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައެވެ.

ފަލަސްތީނަކީ ގައުމެއް ނޫން ކަމަށާއި އައިސީސީގައި ފަލަސްތީނަށް ބައިވެރިވެވިގެން ނުވާނެ ކަމަށް އިޒްރޭލާއި އެމެރިކާއިން ބުނަމުންދަނިކޮށް ބާންގެ ނިންމުން މިގޮތަށް ނިންމާފައިވާއިރު އައިސީސީގައި ބައިވެރިވެވުމުން ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ދައުވާކުރުމުގެ ބާރު ފަލަސްތީނަށް ލިބިގެންދާނެ އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން އެމެރިކާ އަދި އިޒްރޭލުން ކަންބޮޑުވަނީ ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ހިންގާފައިވާ ޖަރީމާތަކުގެ ތަހުގީގުތައް އައިސީސީއިން ހިންގަފާނެތީއެވެ. އަދި އައިސީސީއަށް އެމެރިކާއަދި އިޒްރޭލަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެތީއެވެ.

މިދިޔަ އަހަރުގެ ތެރޭގައި މެދުކެނޑުމެއްނެތި 50 ދުވަހު އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ހަމަލާދިނުމަށްފަހު ހަމަލާތައް ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު އެވެ. އޭރު އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2100 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލިއެވެ. އިޒްރޭލުން މަރުވި މީހުންގެ އަދަދު އުޅެނީ 70 އަށްވުރެވެސް ދަށުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް