އެޗްޑީސީ މުވައްޒަފުންގެ ފަރާތުން "ފިޔަވަތި ފަން ޑޭ" ކުރިއަށްގެންގޮސްފި

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން މި އަހަރުގެ "ފިޔަވަތި ފަން ޑޭ" ކުރިއަށް ގެންގޮސްފިއެވެ. "ފިޔަވަތި ފަން ޑޭ" އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން...

07 Dec 2024 | 16:55

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން މި އަހަރުގެ "ފިޔަވަތި ފަން ޑޭ" ކުރިއަށް ގެންގޮސްފިއެވެ.

"ފިޔަވަތި ފަން ޑޭ" އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން، މުނިފޫހި ފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި، ހަދިޔާ ދިނުމާއެކު އެކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

އެޗްޑީސީން މިފަހަރުގެ އިވެންޓް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގެ ފަރުކޮޅުފުށީގައެވެ. މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ހަރަކާތްތައް ފެށީ ހެނދުނު 8:30 ގައި ހެނދުނުގެ ސައިންނެވެ. އެއަށްފަހު، ޕިކްނިކާއެކު ބީޗް ގޭމްސްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ އެންޓަރޓެއިންމަންޓާއި  ޕޫލް ޕާޓީއެއް ވަނީ ބާއްވާފައެވެ. އެއަށްފަހު ހަވީރުގެ ސަޔާއެކު "ފަން ޑޭ" ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ވަނީ ބާއްވާފައެވެ. މި ޕާޓީގައި ފިޔަވަތީގެ ކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އަދި އެޗްޑީސީގެ އެމްޑީ، ފަޒުލް ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެން، ފިޔަވަތި ކުދިންނާއެކު ވަގުތު ހޭދަކުރައްވައި އެކުދިންގެ ހާލު ބައްލަވާފައެވެ. އަދި މެޑަމް ސާޖިދާ ވަނީ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވައި، އެކުދިންނާއެކު ކޭކު ފެޅުމުގައި ބައިވެރިވެލައްވާފައެވެ.

މި އަހަރުގެ މި އިވެންޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިންގ ރޫމް ހަދިޔާ ކުރުމެވެ. އެގޮތުން  އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވަނީ ފިޔަވަތީގައި މި ގޭމިން ރޫމްތައް ތަރައްގީ ކުރުމަށް 240،000ރ. ގެ ފަންޑު ރެއިޒްކޮށްފައެވެ. އަދި "ފިޔަވަތި ފަންޑޭ" ނިންމާލުމުގެ ގޮތުން އެޗްޑީސީން ވަނީ މި  ޑޮނޭޝަން ފިޔަވައްޗާ ހަވާލުކޮށްފައެވެ.

އެޗްޑީސީގެ ފަރާތުން ގޭމިންގ ރޫމްތައް ހަވާލުކުރެއްވީ އެމްޑީ ފަޒުލް ރަޝީދެވެ. އަދި ފިޔަވަތީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ފިޔަވަތި ހިންގުމާ ހަވާލުވެހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސްމާ ހަސަން މަނިކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް