ދިވެހި ބަހުގެ އެކަޑެމީއިން މުވައްޒަފުންތަކަކާމެދު ގަވާއިދާ ޚިލާފަށް ފިޔަވަޅު އަޅާފައިވާކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފާހަގަކޮށްފިއެވެ.
އެ ކޮމިޝަނުން މިކަން ފާހަގަކޮށްފައިވަނީ ދިވެހި ބަހުގެ އެކަޑެމީ އާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ސްޕޮޓް ޗެކް ރިޕޯޓެއްގައެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ ދިވެހި ބަހުގެ އެކަޑެމީގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނާމެދު ހާޒިރީއާ ގުޅިގެން މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައިނުވާކަމެވެ.
އެގޮތުން 10 ޖަނަވަރީ 2023 އިން 30 ސެޕްޓެމްބަރ 2024 އިދާރާގެ އެއްވެސް މުވައްޒަފަކަށް އެއްވެސް ކަމަކާ ގުޅިގެން އިސްލާހީ ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކޮށްފައިވާއިރު އެ މުއްދަތުގައި ބައެއް މުވައްޒަފުން ތަކުރާރުކޮށް ގަޑިޖެހިގެން އޮފީހަށް ހާޒިރުވެފައިވާކަމާއި ބައެއް މުވައްޒަފުންނަކީ އާދަވެ ގަޑިޖެހުމުގެ ސަބަބުން އިސްލާހީ ފިޔަވަޅު އެޅުމަށް ސީއެސްސީގެ ގަވާއިދު 2014ގައި ބަޔާންކުރާ ދަރަޖައަށް ފެތޭ މުވައްޒަފުން ކަމުގައިވީނަމަވެސް، އިސްލާހީ ފިޔަވަޅު އަޅާފައިނުވާކަން ސީއެސްސީއިން ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓްގައި މައިގަނޑު ތިން ކަމެއް އިސްލާހު ކުރުމަށް ލަފާ ދީފައިވެއެވެ.
އޭގެ ތެރެއިން އެއް ކަމަކީ އިސްލާހީ ފިޔަވަޅު އެޅުމުގައި ސީއެސްސީ ގަވާއިދު 2014ގެ 273 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފު ކޮށްފައިވާ ކުށުގެ ދަރަޖައަށް ރިއާޔަތްކޮށް އިސްލާހީ ފިޔަވަޅު އެޅުމުގައި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖަދުވަލުތަކުގައިވާ ނަމޫނާ ބޭނުން ކުރުމެވެ.
ލަފާ ދީފައިވާ ދެވަނަ ކަމަކީ އިސްލާހީ ފިޔަވަޅު އެޅުމުގައި މުވައްޒަފު ކުރާ ކުށްތަކަށް ބަލައި، ސީއެސްސީގެ ގަވާއިދު 2014ގެ ޗެޕްޓަރ 28ގައި އެ ކުށެއް ހިމެނޭ ދަރަޖައެއްގައި އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅު އެޅުމެވެ.
ތިންވަނަ ލަފާގައި ބުނެފައިވަނީ ސީއެސްސީ ގަވާއިދު 2014 އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 22 އޮގަސްޓް 2023 ގައި ސަރުކާރުގެ ގެޒެޓުގައި ސާއިއުކުރެވިފައިވާއިރު، އެ ގަވާއިދުން 28 ވަނަ ޗެޕްޓަރގައި ބަޔާންކުރާ ބައެއް އިޖުރާއަތްތަކަށް ބަދަލު އައިސްފައިވާތީ، ހާޒިރީއާ ގުޅިގެން މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގައްޔާއި، މުވައްޒަފުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގައި ސަމާލުކަން ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް