މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މިއަދު ބުނީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނާއި ހިއްސާކޮށް މަސްވެރިކަމުގެ ސިނާޢަތާއި މެދު ސްކޫލުކުދިންގެ މެދުގައި ޝަޢުޤުވެރިކަން އުފެއްދުމަށްޓަކައި "މިފްކޯ ކުޑަކުދިންގެ ހަވީރު" ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއިން ގުޅިގެން އިންތިޒާމްކުރާ މި ހަވީރުގެ ހޮސްޓިންގް ޕާޓްނަރަކީ އަރބަންކޯ އެވެ.
މި ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 8 ޑިސެމްބަރ 2023 (މާދަމާ) ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާރކުގައެވެ.
އެގޮތުން މި ހަވީރުގައި ހުނަރުވެރި، ހޭލުންތެރި އަދި ޝައުގުވެރިކަމާއިއެކު ކުދިންނަށް ހޭދަކޮށްލެވޭ ވަގުތުކޮޅަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި އިވެންޓަށް ވަންނަ މަގު ހާއްސަކުރެވިފައި ވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ ވޯކްވޭއެއް ގޮތަށް ކަމަށެވެ.
މަސްވެރިކަމާއި ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް މި ހަވީރުގެ ތެރެއިން ފެނިގެން ދާނެކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
މަސްކެނޑުމުގެ ހުނަރު ދައްކާލުމާއި ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާއެއްޗެތި ތައްޔާރު ކުރުމުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުންތައް ދައްކާލެވޭނެ ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި މުބާރާތެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން މި މުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް ޚާއްސަ އިނާމްތަކެއް ހަދިޔާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މަސްވެރިކަމާއި ގުޅޭ ހަރަކާތްތަކުގެ އިތުރުން، އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ކުދިން ޝައުޤުވެރިވާ ފަދަ ތަފާތު ކުޅިވަރުތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ގޭމްތަކެއްވެސް މި އިވެންޓްގެތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް