ސިވިލް ސަރވިސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ސިވިލް ސަރވިސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގެ މައިގަނޑު މަޤްސަދަކީ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެއް ފަރ...

07 Dec 2022 | 18:32

ސިވިލް ސަރވިސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްސަދަކީ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތައް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި މި އެއްބަސްވުމުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ ބެލުމުގެ ދަށުގައި ހިމެނޭ މުވައްޒަފުންނާ ގުޅޭގޮތުން ނުވަތަ އެފަދަ ފަރާތެއް ހިމެނޭގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި ތަހުގީގުކުރާ މައްސަލަތަކާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަން މެދުވެރިކޮށް ހޯދުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންއިން އެދޭ މައުލޫމާތު ހޯދުމުގައި އެހީތެރިވެދީ އެފަދަ މައުލޫމާތުތަކަށް ފަސޭހައިން ވާސިލްވެވޭނެ މަގު ފަހިކުރުން ހިމެނެއެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ އަމަލުތައް ހިނގިޔަނުދިނުމާއި ނަޒާހަތްތެރިކަން އިތުރުކޮށް، ހަރުދަނާކުރެވޭނެ ގޮތަކަށް ނިޒާމުތަކާއި، އުސޫލުތައް އިސްލާހުކުރުމާއި، މި ދެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ބެލެނޭ ނިޒާމެއް ގާއިމުކުރުމާއި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ މުގައްރަރުގައި ނަޒާހާތްތެރިކަން ކުރިއެރުވުމާއި ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުން ތަމްރީނުކުރުމަކީވެސް މި ފަހުމުނާމާގެ ދަށުން ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭކަމެއް ކަމުގައިވެސް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކުރެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މުހައްމަދު ނާސިހް އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް