ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ އަބުރުގެ ދައުވާ ބަލައިގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.
ޝަރީފާއި ދެކޮޅަށް ނަޝީދު އަބުރުގެ ދަޢުވާ ކުރަން ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ޝަރީފު ކުރެއްވި ޓުވީޓުގައި މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި މަރުގެ ތުހުމަތު މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށް ބުނެ ކުރި ޓްވީޓަކާއި ގުޅިގެންނެވެ.
އަދި އެ އަނިޔާވެރި އަމަލު ހުއްޓުވުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ޤަރާރެއް ފާސްކުރި ކަމަށް ވެސް ޓްވީޓްގައި ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ނަޝީދު 50 މީހުން މަރަން އުޅުއްވީ ނޫސްވެރިންގެ ގޮތުގައި ކުލީ
ސިފައިންގެ ބަޔަކު ރާއްޖެ ގެނެސްގެން އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން ކަމަށް ވެސް ޝަރީފްގެ ޓްވީޓުގައި ތުހުމަތު ކުރައްވާފައިވެއެވެ.
މިގޮތުން ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާގައި ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި އޮތީ އަބުރަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުން ޝަރީފް އަތުން ދިހަ މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
އެހެންކަމުން އެ ދައުވާ ކޯޓުގައި ރަޖިސްޓްރީކުރިކަން އަންގައި ސިވިލް ކޯޓުން ނަޝީދަށް ލިޔުން ފޮނުވީ އިއްޔެއެވެ.
ޝަރީފްގެ ތުހުމަތުތައް ނަޝީދުގެ ފަރާތުން ދޮގުކޮށް އަބުރަށް އަރައިގަތުމުގެ އަމަލެއް ޝަރީފް ހިންގެވިކަން ކަނޑައަޅައިދޭން އެދިފައި ވާއިރު،
އެމްޑީޕީގެ ތެރޭގައި ނަޝީދަށް ތާއީދު ކުރާ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރާ ފެކްޝަންގެ ބޮޑު ކޯޅުމެއް ދަނީ ހިނގަމުންނެވެ. އަދި ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް ރައީސް ނަޝީދަށް ފާޑުވިދާވެ ވާހަކަ ދައްކަވަމުން އަންނަ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް