ތިލަފުށީ ފަޅުގައި ނުނަގާ ގިނަދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމަށް ކޯޓުގެ ހުއްދައެއް އެޗްޑީސީއަށް ބޭނުން ނުވާނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ އެޗްޑީސީ އިން ސިވިލް ކޯޓުގައި ތިލަފުށި ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި ފަޅުތެރެއަށް ފެތިފައިވާ އުޅަނދުތައް ނެގުމަށް މިހާތަނަށް ކުރި އިއުލާނުތަކާ އެއްގޮތަށް، ނަގާފައި ނުވާ އުޅަނދުފަހަރު އެ ސަރަހައްދުން ނަގައި އެތަކެތި ނައްތާލުމުގެ ހުއްދަ އެޗްޑީސީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާތީއެވެ.
އެޗްޑީސީން ބުނީ އެ އުޅަނދުތައް ނުނަގާ ހުރުމުން ފަޅުގެ ބޭނުން ނުކުރެވި އެޗްޑިސީއަށް ދަތިތަކަކާ ކުރިމަތިވާތީ އެތައް ފަހަރަކު އިއުލާން ކޮށްގެން ވެސް އުޅަނދުތަކުގެ ވެރިފަރާތެއް އެނގިފައި ނުވާ ކަމަށެވެ.
އަދި ބައެއް އުޅަނދު ތަކަކީ ނަމެއް އަދި ރަޖިސްޓްރީ ބޯޑެއްވެސް ނެތް އުޅަނދުތަކަކަށް ވެފައި އޭގެ ވެރިފަރާތެއް ހޯދޭނެ ގޮތެއްވެސް ނެތް އުޅަނދު ތަކެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެގޮތުން މިމައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރީ އާންމު ތަންތަނާއި މަގުތަކާއި، ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެއްޗާމެދު ރާއްޖޭގައި އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު، އެފަދަ ތަކެތި ނައްތާލަމުން އަންނަނީ އެކަން ކުރާނެ ގޮތް ކުރީއްސުރެ އާއްމު ކުރުމަށްފަހުގައި ކަމަށެވެ.
އެހެންކަމުން އެޤަވާއިދާ އެއްގޮތަށް އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ ސަރަހައްދުތަކުގައި ބަހައްޓާފައި ނުވަތަ ދޫކޮށްލާފައި ހުންނަ ތަކެއްޗާ މެދު ޢަމަލު ކުރަމުންދާނެ ގޮތުގެ ޤަވައިދު ޤާނޫނީ އިމުގެ ތެރެއިން އެޗްޑީސީއަށް ހެދޭނެ ކަމަށްވެސް ސިވިލްކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މިމައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށާއި އެޗްޑީސީ އިން ނައްތާލަން ބޭނުންވާ އުޅަނދުތައް ނައްތާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށްވެސް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް