ބައިނަލްއަޤްވާމީ ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ފެޝަން ވީކަަކީ ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ، ފެޝަން ވީކެކެވެ.
މި ރަސްމިއްޔާތު އޮތީ ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެޝަން ޑިޒައިނަރުން ބައިވެރިވާ ބައިނަލްއަޤްވާމީ ތިންވަނަ ތައި ފެޝަން ވީކް މި އަހަރު ކުރިޔަށް ދަނީ ޑިސެމްބަރު 6 އިން 11 އަށެވެ.
އަދި، ޑިސެމްބަރު 7 ވަނަ ދުވަހު މި ޙަރަކާތުގައި ރާއްޖެއިން ބައިވެރިވާ ފެޝަން ޑިޒައިނަރ ޖާދުﷲ އިސްމާޢީލް ހުށައަޅައިދޭ ތައި ސިލްކް ޑިޒަިންގެ ހެދުންތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވައިލައްވާނެއެވެ.
ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތައިލެންޑަށް ވަޑައިގެންނެވީ، އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗަރ ޕްރޮމޯޝަންސްގެ ދަޢުވަތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް