ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ގޮންކާލޯ ރާމޯސް ހެދި ހެޓްރިކާއިއެކު ސްވިޒަލެންޑް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފި އެވެ.
ރޭގެ މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 1-6 އިންނެވެ.
ލުސައިލް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުސަތު ދީފައި ނުވާއިރު، ރޭގެ މެޗުގައި ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރުވީ އުމުރުން 21 އަހަރުގެ ޒުވާން ފޯވަޑް ގޮންކާލޯ ރާމޯސް އެވެ.
މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ފުރަތަމަ ލަނޑު ޖަހައި ޕޯޗުގަލް އިން ލީޑު ނެގި އެވެ. މި ލަނޑު ޖަހައިދިނީ ރޮނާލްޑޯގެ ބަދަލުގައި މި މެޗަށް ކުޅެން އެރުވި ޒުވާން ފޯވާޑް ރާމޯސް އެވެ. ޖާއޯ ފެލިކްސް ދިން ޕާސް ކޮންޓްރޯލްކޮށްލުމަށްފަހު ރާމޯސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ޕޯޗުގަލް ގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 33 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ނަގައިދިން ކޯނަރުން ޑިފެންޑަރު ޕެޕޭ އެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު ކުރީގައި އޮވެގެން ޕޯޗުގަލް އިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ޕޯޗުގަލްގެ ތިން ވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ޖަހައިދިނީ ރާމޯސްއެވެ. އޭނާ މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ޕޯޗުގަލް އިން ހަތަރުވަނަ ލަނޑު ޖެހި އެވެ. މި ލަނޑ ޖަހައިދިނީ ރަފައެލް ގަރޭރޯ އެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ސްވިޒަލެންޑުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެނުއެލް އަކަންޖީ އެވެ. ލިބުނު ކޯނަރަކުން ނެގި ބޯޅަ ހުރަސްވެގެން ގޮސް ލިބުނީ ދުރު ކަނުގައި ހުސްކޮށްހުރި އަކަންޖީ އަށެވެ. އޭނާ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ހުސްކޮށް ހުރެއެވެ. ސްވިޒަލެންޑުގެ މި ލަނޑަށް ފަހު ރާމޯސް ވަނީ ޕޯޗުގަލްގެ ފަސްވަނަ ލަނޑު ޖަހާ މި މެޗުގައި އޭނާގެ ހެޓްރިކަ ފުރިހަމަކޮށްފައެވެ. މިއީ މިއަހަރުގެ ވޯލްޑްކަޕްގައި ފެނުނު ފުރަތަމަ ހެޓްރިކެވެ.
ޕޯޗުގަލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރަފައެލް ލިއާއޯ އެވެ. އޭރިއާ ކަނުގައި ހުރެފައި ލިއާއޯ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ.
ޕޯޗުގަލް އަދި ސްވިޒަލެންޑުގެ މެޗާއި އެކު ދެވަނަ ބުރުގެ މެޗުތަކުގެ ކުޅުން ނިމިފައިވާއިރު، މުބަރާތުގެ ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. ރާއްޖޭ ގަޑިން 20:00 ގައި ފުރަތަމަ ކުޅޭނީ ކްރޮއޭޝިއާ އާއި ބްރެޒިލް ވާދަކުރާ މެޗެވެ. އޭގެ ފަހުން އެރޭ ދަންވަރު 12:00 ގައިި ނެދަލެންޑްސް އާއި އާޖެންޓީނާ ވާދަކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް