ޗައިނާ އިން ރާއްޖެއަށް 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް "ލެނޯވޯ" ބްރޭންޑުގެ 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ. ޗައިނާ ސަރުކާރުން ހަދިޔާކުރި 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕާއި ހަވާލުވުމަށް ދިވެހި ޚާރިޖިއްޔާއާއި ރ...

07 Nov 2024 | 15:58

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް "ލެނޯވޯ" ބްރޭންޑުގެ 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

ޗައިނާ ސަރުކާރުން ހަދިޔާކުރި 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕާއި ހަވާލުވުމަށް ދިވެހި ޚާރިޖިއްޔާއާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޚާރިޖީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޗައިނާއިން ހަދިޔާކުރި އާލާތްތަކުގެ ސަބަބުން ރާއްޖޭގެ ޓެކްނިކަލް ދާއިރާ ކުރިއެރުވުމަށް މަގު ފަހިވާނެ ކަމަށެވެ.

އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކުރުމަށް ޗައިނާއިން ވެދެއްވި އެހީތެރިކަން މުހިންމު ދައުރެއް އަދާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޗައިނާގެ މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ރަމްޒެއްކަމަށާއި ޗައިނާއިން ދަނީ އަބަދުވެސް ރާއްޖެއަށް އެކި ދާއިރާތަކުން އެހީތައް ފޯރުކޮށްދެމުންކަމަށެވެ.

އަދި މިފަދަ އެހީތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ޗައިނާގެ ސަފީރުކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން އުފެދިފައިވަނީ އިޙްތިރާމުގެ މައްޗަށް ކަމަށެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވީ 1000 ސިވިލް ސަރވަންޓުން ޗައިނާއަށް ގެންގޮސް ތަމްރީންކުރަން ހަމަޖެހިފައިވާކަމަށާއި އަދި އެކި ދާއިރާތަކުން މީހުން ޗައިނާއަށް ގެންގޮސް ތަމްރީންކުރަން ވަނީ ހަމަޖެހިފައިކަމަށެވެ. އަދި ރާއްޖޭގައި އެތުލީޓުން ތަމްރީންކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް