ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އިންޓަ މިލާނުން އާސެނަލް ބަލިކޮށްފި އެވެ.
އިންޓަ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު އިންޓަ އިން ކާމިޔާބުކުރީ0-1 ގެ ނަތީޖާއިންނެވެ.
މި މޮޅާއެކު އިންޓަ މިހާރު އޮތީ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގު ބުރުގެ ފަސްވަނައިގަ އެވެ. އާސެނަލް އޮތީ ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.
މި މެޗުގައި އިންޓަ އިން ކާމިޔާބު ކުރި ހަމައެކަނި ގޯލަކީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ހަކަން ޗަނޮނޮގްލޫ ކާމިޔާބު ކުރި ގޯލެކެވެ. މި ޕެނަލްޓީ އިންޓަ އަށް ލިބުނީ އާސެނަލްގެ މިޑްފީލްޑަރު މިކޭލް މެރީނޯގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.
މެޗުގެ ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން އާސެނަލުން ކުޅުނު އިރު، މި ހާފުގައި އާސެނަލްގެ ކައި ހަވަޓްޒް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އިންޓަގެ ގޯލަށް ފޮނުވާލާފަ އެވެ. އެގޮތުން ހަވަޓްޒް އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާ އިންޓަގެ ގޯލްކީޕަރު ޔާން ސޮމާ ދިފާއުކުރިއިރު، އިންޓަގެ އޭރިއާ ތެރޭ ހުރެ ހަވެޓްޒް ފޮނުވާލި ހަމަލާ ދިފާއުކުރީ އިންޓަގެ ޒުވާން ޑިފެންޑަރު ޔާން ބިސެކް އެވެ.
މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އާސެނަލް ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބަޔާން މިއުނިކުން ވަނީ 1-0 އިން ބެންފީކާ ބަލިކޮށްފަ އެވެ. އަދި ބާސެލޯނާ އިން 5-2 އިން ރެޑްސްޓާ ބެލްގްރޭޑްގެ މައްޗަށް ކުރި ހޯދިއިރު، އެތްލެޓިކޯ މެޑްރިޑުން ވަނީ 2-1 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް