ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.
ރޭ ފަތިސްވާން ގާތްވެފައިވަނިކޮށް ރޯވެފައިވަނީ ހުޅުމާލޭ ދެވަނަފިޔަވަހީގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އާއި ކޯސްޓްގާޑުގެ މަސައްކަތުން މިހާރު އެ ސަފާރީގައި ރޯވި އަލިފާން ވަނީ ކޮންޓްރޯލްކޮށްފައެވެ.
މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެ ވެމްކޯ ޖެޓީ ސަރަހައްދުގައި ސަފާރީތައް އަޅާ ސަރަހައްދުގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 03:42 ހާއިރު ކަމަށެވެ.
"އެ ސަފާރީގައި ތިބި 12 ފަޅުވެރިން ވަނީ ކައިރީގައި އޮތް ޑައިވިން ދޯންޏަށް އަރާފައި، އެއީ ފަސް ބިދޭސީންނާއި ހަތް ދިވެހިން" އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ބެލެވޭގޮތުގައި އެ ސަފާރީގެ ހަލް ހަދާފައިވަނީ ދަގަނޑުންނެވެ. އެހެންކަމުން ރޯވި އަލިފާނުގެ ސަބަބުން ސަފާރީގެ ގެގަނޑު ރޯވެ އަނދާ ހުލިވިނަމަވެސް ސަފާރީގެ ހަލްއަށް މާބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ނުބެލެވެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ އަލިފާން ރޯވިއިރު އޭގައި ހުރީ ޑައިވިން ކުރުމަށް ބޭޏުންކުރާ ސާމާނުކަމަށް ކެޕްޓަން މައުލޫމާތު ދީފައިވާކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް