ކުރިމަތީގައި ހެވިފައި އެހެރީ ނާޝިދެވެ. ހުމޭދާގެ ހިތުގެ ވިންދު އެތައް ގުނައަކަށް އަވަސްވެގެން ދިޔައެވެ. ރަތްކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި، ކަޅުކުލައިގެ ޖިންސެއްގައި ހުރި ނާޝިދު ކުރިއަށްވުރެވެސް ރީތީހެން ހުމޭދާއަށް ހީވިއެވެ. ހުމޭދާއަށް ކުއްލިއަކަށް ގޮނޑިން ތެދުވެވުނެވެ.
"ނާ... ނާޝިދު...!" ހުމޭދާ އަޅައަޅައި ގަންނަމުން ޙައިރާންވެފައި ބުނެލިއެވެ.
ނާޝިދު ކުޑަކޮށްހެވިފައި ބޯޖަހާލަމުން ހުމޭދާ ކައިރިއަށް އަންނަން ހިނގައިތެވެ.
"ކޮންއިރަކު މިކޮޅަށް ތިއައީ... ކިހިނެތް މިގެ އެނގުނީ...." ހުމޭދާ ޙައިރާންވެފައިހުރެ ދެސުވާލު އެއްފަހަރާ ކޮށްލިއެވެ.
"މިކޮޅަށް އައިތާ ދެތިން ދުވަސް ވެއްޖެ.... ކުރީދުވަހަކުވެސް މިގެއަށް އައިމޭ..... " ނާޝިދު ހުމޭދާގެ ދެއަތުގައި ހިފާލުމަށްފަހު ހީނލާފައި ބުނެލިއެވެ.
"އެކަމަކު ކިހިނެތް....؟ ކިހިނެތް މިގެއަށްވަނީ.... ؟ މީހަކަށް ފެނިދާނެތީ ބިރެއް ނުގަނޭތަ...؟ އޮފީސް ކިހިނެތް ހަދާފައި ތިޔައީ....؟ ހުމޭދާ އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ.
"ހުރިހާ ސުވާލެއްގެ ޖަވާބު ދޭންވީ ދޯ.... ފުރަތަމަ ސުވާލުގެ ޖަވާބު އިނގޭ... ހުމޭއައި ނުލާ ނާޝިދަށް އުޅެން އުނދަގޫވީމަ މިއައީ.... އަބަދުވެސް މިހެން ބުނަމެއްނު..... ދެވަނަ ސުވާލުގެ ޖަވާބު... ގޭގެ ދޮރު ހުޅުވާފައޭ ހުރީ... މިގޭގެ މިވަގުތު އިތުރު މީހަކު ނެތެއްނު.... ދެންބުނީ އޮފީސް ވާހަކަދޯ.... ބޮސް ކައިރީ ބުނީމަ ޓޫ ވީކްސްގެ ނޯޕޭލީވް އެއް ދިނީ..... ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެތަ....؟" ނާޝިދު ހެވިފައިހުރެ ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ.
"އެކަމަކު މީހަކަށް ފެނުންނަމަޔޯ....؟ ބިރެއްވެސް ނުގަނޭތަ....؟ ކިހިނެތް އިނގުނީ މީހަކު ނެތްކަމަށް....؟ އެހެންނޫނަސް ކިހިނެތްތަ މިގެ އެނގުނީ....؟ އަނެއްކާވެސް ހުމޭދާ ސުވާލުތަކެއް ކޮށްލިއެވެ.
"ސާބަސް ހުމޭ، ބިރުނުގަނެބަލަ.... މިގެއަށް އަންނަން ހުމޭގެ ބޭބެ އޮތީ ނާޝިދަށް އިންވައިޓް ކޮށްފައޭ..... ބޭބެ ސެޓްކޮށްފީމޭ މިހާރު.... ވާރޭ ވެހޭތީ ހޮސްޕިޓަލުން ގެއަށް ނާދެވިފައި ހުއްޓާ ދެދުވަހަކު ކާރުގައި ބޭބެމެން ގެއަށްވެސް ގެނެސްދީފިން.... ދެންމެވެސް މިއައީ މަންމައާއި ބޭބެއާއި މިކޮޅުގައި ދިވެހީން ތިބޭ ގެއަކަށް ލާފައި.... މަންމަވެސް ނާޝިދާ ވަރަށް ވާހަކަ ދެއްކި.... ނާޝިދު ހީކުރީ ހުމޭގެ މަންމައަށް ނާޝިދު އެނގޭނެ ކަމަށް.... އެކަމަކު ނޭގުނު.... ބޭބެ ބުނި ދަންނަ ކުއްޖެއް ފާޑު ޖަހައޭ.... " ހުމޭ ބައިންދަމުން ނާޝިދު ވާހަކަ ދެއްކިއެވެ.
"ކިހިނެތް ބޭބެމެންނާ ދިމާވީ....." ހުމޭދާ އަނެއްކާވެސް ސުވާލު ކޮށްލިއެވެ.
"ހޮސްޕިޓަލުން ގެއަށް ނާދެވިފައި ތިއްބަ ފެނިގެން ޗާންސްގެ ބޭނުންކޮށްލީނު.... " ހުމޭދާ ކައިރީ ކުޑަކަކޫ ޖަހާލައިގެން އިށީންނަމުން ނާޝިދު ބުނެލިއެވެ.
"އެކަމަކު ނޯޕޭލީވެއް ނަގައިގެން ކީއްކުރަން އެވަރުން މިކޮޅަށް ތިޔައައީ... އިރާދަކުރެއްވިއްޔާ ހުމޭ ރަނގަޅު ވެގެން ވަރަށް އަވަހަށް ރާއްޖެ ދެވޭނެއޭ...." ނާޝިދުގެ މޫނަށް ބަލަން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.
"ހުމޭއާއި ގުޅޭނެ ގޮތެއް އޮތީކީނޫން.... ހުމޭއަކަށް ނޭނގޭނެ ނާޝިދު ހުމޭދެކެ ވާ ލޯތްބެއް.... ހުމޭއަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ނާޝިދު މިހިރީ ތައްޔާރަށް.... ހުމޭއަކަށް ނޭނގޭނެ، ހުމޭ ޙާޞިލް ކުރުމަށް ނާޝިދު ހާދަމަސައްކަތެއް އެބަކުރަމޭ.... ދުރުގައި ނުހުރެވިގެން ހަމަ މިއައީ.... ބޭބެމެން ގޮވައިގެން ކާރުގައި ފުރަތަމަ މިގެއަށް އައި ދުވަހުވެސް ހުމޭ ފެނުނޭ.... އެކަމަކު އެދުވަހު ދުރުގައި ހުރެގެން ހަމައެކަނި ހުމޭއަށް ބަލާލާފައި ދިޔައީ..... މިކަހަލަ ޗާންސެއް ލިބޭނެ ވަގުތަކަށް ބަލަމުން މިދިޔައީ.... މަންމަމެން ކައިރީގައި ބުނެފަ މިއައީ ގެއަށް އަންނަންވީމާ ގުޅާލާށޭ.... ބަލާދާނަމޭ...." ހުމޭދާގެ އަތުގައި ހިފާލައިގެން ހުމޭދާގެ ލޮލަށް ބަލަން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.
"ނާޞިރުބޭ މެންގެ ދަރިފުޅު، އަޒާން ގޭގައި އެބައުޅެޔޭ..... ވާހަކަ ދައްކާ އަޑަށް މިފަރާތަށް ނިކުމެދާނެ....." ދޮރާ ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"އެހެން ވިއްޔާ ހިނގާ ކާރު ދުއްވާލަން ދަމާ....." ނާޝިދު ތެދުވެލަމުން ބުނެލިއެވެ.
"ނޫނޭ.... އިރުއޮއްސޭވަގުތު ބޭރަށް ނުދާން މިކޮޅުން ދެއްކި ރުގުޔާކުރާމީހާވެސް ބުނެފައޭ އޮތީ..... އެހެންވީމާ މިގަޑީގައި ބޭރަށް ނިކުތީމަ ކަމަކު ނުދާނެއެއް...." ނާޝިދުގެ މޫނަށް ބަލަހައްޓައިގެންހުރެ ހުމޭދާ ބުނެލިއެވެ.
"ކާރުގައޭ ދާނީ.... ކާރުގެ އެތެރޭގައި ހުމޭ އިނީމަ، އެއީ ބޭރަށް ނިކުތުން ކަމަކަށްނުވާނެ އެއްނު.... ނާޝިދު އެހާވަރުން މިކޮޅަށް އައިމަ ދެން ތިހެން ނަހަދާ ހިނގާ... ޕްލީސް...." ނާޝިދު ހުމޭދާ ކޮނޑުގައި އަތްބާއްވާލަމުން އަސަރާއެކު ބުނެލިއެވެ.
ނާޝިދު އަސަރާއެކު އެހެން ބުނުމުން ހުމޭދާއަށްވެސް އަސަރުތަކެއް ކުރިއެވެ. ނާޝިދު އެއައީ ހުމޭދާއަށްޓަކައެވެ. ހުމޭދާ ދެކެ ލޯބިވާތީއެވެ. އެހެންވީމާ ހުމޭދާވެސް ގަސްދުކުރީ ނާޝިދުއާއެކު ކާރު ދުއްވާލަން ދިޔުމަށެވެ. ނާޝިދުއާއެކު ހުމޭދާ ގޭތެރެއަށް ވަދެގެން ގޮސް ގެއިން ބޭރަށް ނިކުތްއިރު ގޭގައި އެއްވެސް މީހަކު ނެތެވެ. ކާރުގެ ދޮރު ހުޅުވައިދިނީ ނާޝިދެވެ. ހުމޭދާ ކާރުގެ ކުރީސީޓަށް އަރާ ހަމަޖެހިލިއެވެ. ނާޝިދު ކާރުދުއްވަން ފެށިއެވެ.
"ދާނީ މިމަގުންދޯ..... މިމަގު ހަނިވިޔަސް މިހެންގޮސް މާއަވަހަށް ބޮޑުމަގަށް ނިކުމެވޭނެ....." ކުރިމަތިން ފެންނަން އޮތް ހަނިމަގު ދައްކާލަމުން ނާޝިދު ބުނެލިއެވެ.
"އެކަމަކު އެތާނގައި އެއްވެސް ލައިޓެއްވެސް ނެތެއްނު..... ހާދަ އަނދިރިމަގެގޭ.... ހުސްގަސްތައް އެއޮތީ..... މަގާދިމާއަށް ބަލަން އިނދެ ހުމޭދާ ބުނެލިއެވެ.
"އެ އޯކޭ ވާނެ.... ކާރުގައެއްނު މިތިބީ.... އެހެން ނޫނަސް ނާޝިދު މިހިރީއެއްނު.... ނާޝިދު ހުއްޓަ ހުމޭއަށް އެއްވެސް ކަމެއް ނުވާނެއެއްނު..... ނާޝިދަކީ ކޮންމެ ކަމަކުންވެސް ހުމޭ ސަލާމަތް ކުރެވޭވަރުގެ ބާރުގަދަ މީހެކޭ...." އަދިވެސް ހުމޭ އަކަށް ޤަބޫލެއް ނުކުރެވޭ ދޯ...." ހިނިތުންވެލުމަށްފަހު ހުމޭގެ އަތުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.
ނާޝިދު އެމަގުން ކާރު ދުއްވަން ފެށިއެވެ. އެއްވެސް އަލިކަމެއް ފެންނާކަށް ނެތެވެ. ވަށައިގެން ހެދިފައިވަނީ ބޮޑެތި ބިޔަ ގަސްތަކެވެ. ކުޑައިރުކޮޅަކު ދުއްވާލިތަނާއި ކުއްލިއަކަށް ކާރު ހުއްޓުނެވެ. ކާރު ސްޓާޓް ކުރެވޭތޯ ދެތިން ފަހަރު ނާޝިދު މަސައްކަތް ކުރިއެވެ.
"އިންޖީނު މައްސަލައެއް ޖެހުނީ ކަންނޭގެ....." ކާރު ސްޓާޓް ކުރުމަށް މަސައްކަތް ކުރަމުން ނާޝިދު ބުނެލިއެވެ.
"ކިހނެތް ހަދާނީ...." ހުމޭދާ ހާސްވެފައި ބުނެލިއެވެ.
"ނާޝިދު ފައިބާފައި ބަލާލާނަން.... ހުމޭ މަޑުކުރޭ ކާރުތެރޭގައި...." ނާޝިދު ކާރުގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ.
ނާޝިދު ކާރުން ފޭބުމުން ހުމޭދާ މަގުގެ ދެފަރާތުން ފެންނަ ގަސްތަކަށް ބަލާލިއެވެ. ގަސްތަކުގެ ތެރެއިން އެއްފަރާތުން ފެންނަން އޮތީ ގަބުރުސްތާނެއް ކަހަލަ ތަނެކެވެ. އެހެންނަމަވެސް އަނދިރި ކަމުން ޔަޤީނެއް ނޫނެވެ. ހުމޭދާ ވަރަށް ބިރުގަތެވެ. އެމަގުގައި އެކާރު ނޫން އިތުރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އަނެއް ފަރާތަށް ބަލާލިއިރު ފެންނަން ހުރީ ފަޅުވެގެން ވީރާނާވެފައިވާ ދެތިން ޢިމާރާތެކެވެ. ބޭކާރު ވަހުމުތަކާއި ފިކުރުތަކުން ހުމޭދާގެ ސިކުނޑި ތޮއްޖެހެން ފެށިއެވެ. ކަނާތްފަރާތު ގަސްތަކުގެ ތެރެއިން މަހާނަގާތަކެއް ފެންނަން ހުރިހެން ހީވާތީ އެދިމާއަށް ނުބަލަން އުޅުނަސް ހައްތަހާ ބެލެނީ އެދިމާއަށެވެ. އެވަގުތު ހުމޭދާގެ ހިތަށް ވެރިވެގެން ދިޔައީ ކުޑައިރު އަޑުއިވިފައި ހުރި ބިރުވެރި ވާހަކަ ތަކެވެ. ގަބުރުސްތާނުގައި ރޫޙު އުޅޭނެއެވެ. އަދި ބައެއް ފަހަރު އެތަކެތި އިންސާނުންގެ ލޮލަށްވެސް ފެންނާނެއެވެ. އަނެއްކާވެސް ހުމޭދާއަށް ބަލާލެވުނީ އެދިމާއަށެވެ. އެވަގުތު ހުދު ހެދުމެއްގައި ހުރި ފިރިހެނަކު ހިނގާފައި އެ ގަބުރުސްތާނާއި ދިމާއަށް ދަނިކޮށް ފުރަގަހުން ހުމޭދާއަށް ފެނުނެވެ. ހަމަ އެވަގުތު ކައިރީގައި ހުރި ބޮޑުގަހަކުން ވާލެއް ހޭރިގަތްއަޑު އިވުނެވެ. ސިއްސައިގެން ގޮއްސައި ހުމޭދާ އެދިމާއަށްވެސް ބަލާލުމަށްފަހު، ހުމޭދާ ވަރަށް ބާރަށް ނާޝިދަށް ގޮވާލިއެވެ. ނާޝިދު ކާރުގެ މަތިގަނޑު ލެއްޕުމަށްފަހު ދުވެފައި ކަހަލަ ގޮތަށް އައިސް ކާރަށް އެރިއެވެ.
"ކިހިނެތްވީ.....؟ " ނާޝިދު ހުމޭދާގެ ކޮނޑުގައި ހިފާލުމަށްފަހު ބުނެލިއެވެ.
"ނާޝިދު.... ނާޝިދު... ބަލާބަލަ... އެދިމާ ބަލާބަލަ....." ހުމޭދާ އިނގިލި ދިއްކޮލަށްމުން ބުނެލިއެވެ.
ނާޝިދު އެދިމައަށް ބަލާލިއެވެ. އެހެން ނަމަވެސް އެ ސަރަޙައްދުން ކުރިންވެސް ފެންނަންއޮތް ފަޅުކަން ފިޔަވާ އިތުރު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 09 ނޮވެމްބަރު، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް