ޢައްޒާގެ ހާލަތު: 32 ވަނަ ދުވަސް – އަދާހަމަތައް

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް މިއަދު 32 ދުވަސް ފުރޭނެއެވެ. މި 32 ދުވަހުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި އަދަދު އިއްޔެ ވަނީ 10 ހާސް ހުރަ...

07 Nov 2023 | 04:36

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް މިއަދު 32 ދުވަސް ފުރޭނެއެވެ. މި 32 ދުވަހުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި އަދަދު އިއްޔެ ވަނީ 10 ހާސް ހުރަސްކޮށްފައެވެ. ޒަޚަމްވި އަދަދު ވަނީ 27 ހާސް ހުރަސްކޮށްފައެވެ.

ދުވަހުގެ މި ލިޔުމުގައި މި ބަލައިލަނީ ފާއިތުވި 24 ގަޑިއިރު އިސްރާއީލު-ފަލަސްތީނު މަސްރަހުގައި ހިނގާދިޔަ މުހިންމު ކަންކަމަށެވެ.

އޭގެ ކުރީ ދުވަހު ޣައްޒާއަށް އިރު އޮއްސުނީވެސް އަދި އިއްޔެ އިރު އެރީވެސް މުވާސަލާތީ ޚިދުމަތް މެދުކެނޑިފައިވާ ހާލަތުގައެވެ. އދ ގެ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާ ޔޫ.އެން.އާރް.ޑަބްލިއު.އޭ (އުންރްވާ) އިންވެސް އިއްޔެ އެންމެ ފުރަތަމަ ގެނެސްދިން އަދާހަމައަކީ އެ ޖަމިއްޔާގެ ޓީމްތަކާއި ޣައްޒާގެ އެކި ކަންކޮޅުތަކުގައި އެ ޖަމިއްޔާގެ ފަރާތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭމުސާރީންނާއި ދަރުމަވެރީންނާއި ގުޅުން ކެނޑުނު ވާހަކައިގެންނެވެ.

އިސްރާއީލުން ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް އުންރްވާގެ 88 މުވައްޒަފެއްގެ ފުރާނަ ގެއްލިފައިވާކަންވެސް އެ ޖަމިއްޔާއިން އިއްޔެ ފާހަގަކުރިއެވެ. އެ ޖަމިއްޔާއިން ފާހަގަކުރިގޮތުގައި މިއީ މިހާތަނަށް ހަނގުރާމައެއްގައި އެ ޖަމިއްޔާގެ މުވައްޒަފުން އެންމެ ގިނައިން މަރުވި ފަހަރެވެ.

ހަމަ އެހެންމެ ޣައްޒާގައި ސިއްހީ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ 175 މީހެއްގެ ފުރާނަ މިހާތަނަށް ގެއްލިފައިވާކަން ފަލަސްތީނުގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކުރިއެވެ.

އެ ވުޒާރާއިން ހާމަކުރި އިތުރު ބައެއް އަދަދުތަކަށް ބަލައިލާއިރު ސިވިލް ޑިފެންސްގެ 34 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް، 72 ކްލިނިކްގެ ތެރެއިން 51 ކްލިނިކެއްގެ ހިދުމަތް ވަނީ އެކުގައި ހުއްޓިފައެވެ.

ހަމަލާތަކަށް އިއްޔެ 30 ދުވަސް ވެފައިވާއިރު އދ ގެ 18 ޖަމިއްޔާއަކުން ގުޅިގެން ބޮޑު ބަޔާނެއް އިއްޔެ ނެރުނެވެ. އެ 18 ޖަމިއްޔާއިންވެސް ގޮވާލާފައިވަނީ ވަގުތުން ވަގުތަށް ހަނގުރާމަ މެދުކަނޑާލުމަށެވެ.

އަޔަން ޑޯމް ފެއިލްވުމާއި މުޖާހިދުންގެ ހަމަލާތައް

ހަމާސް، ހިސްބުﷲ އަދި ލީބިޔާގެ ފަޅިން ހޫތީންގެ ހަމަލާތައް އިއްޔެވެސް ދޭތެރެ ދޭތެރެއިން އިސްރާއީލަށް އަމާޒުވަމުން ދިޔައެވެ. މައިގަނޑު ގޮތެއްގައި އެ ހަމަލާތަކަކީ ބަރޭޖް ރޮކެޓްގެ ހަމަލާތަކެވެ. އެ ހަމަލާތައް މައިގަނޑުގޮތެއްގައި އަމާޒުވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށެވެ. އަދި ހަމަ އެހެންމެ އެ ހަމަލާތަކުން ދިފާއުވުމުގައި އިސްރާއީލުގެ ވަރުގަދަ އަޔަން ޑޯމް އިއްޔެ ފެއިލްވި ވަގުތެއްވެސް ދިޔައެވެ. އަޔަން ޑޯމަށް ފަންނީ މައްސަލައެއް ދިމާވެ އިސްރާއީލުގެ އަމިއްލަ ދިފާއީ ހަމަލާތައް އެ ގައުމުގެ ބައެއް އިމާރާތްތަކަށް އަރާފައިވާކަމަށް އެ ގައުމުން ހާމަކޮށްފައިވެއެވެ.

ހުޅަނގު އައްސޭރީގެ އޮޕަރޭޝަންތައް ކުރިއަށް

އިސްރާއީލުން ގަދަކަމުން ވަޒަންވެރި ކުރުވުމުން އަންނަ ހުޅަނގު އައްސޭރީގެ މަސްރަހު އެހެން ދުވަސްތަކެކޭ އެއްގޮތަށް އިއްޔެވެސް ދިޔައީ ހޫނުކޮށެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ފައުޖުތައް އެތައް އޮޕަރޭޝަނެއް ހިންގިއެވެ. ފަލަސްތީނުގެ އެތައް ރައްޔިތަކު ހައްޔަރުކުރަމުން ގެންދިޔައެވެ.

އެގޮތުން ހައްޔަރުކުރި އެކަކީ ފަލަސްތީނުގެ ނުފޫޒު ގަދަ އެކްޓިވިސްޓެއް ކަމުގައިވާ އަހަދު ތަމީމީއެވެ. އަހަދަކީ އިސްރާއީލު-ފަލަސްތީނު މަސްރަހު މީގެ ކުރިން ހޫނުވި ފަހަރެއްގައި އިސްރާއީލު ސިފައިންގެ މީހެއްގެ މޫނުމަތީގައި ޖަހައިގެން އިސްރާއީލުން ހައްޔަރުކޮށް އަށް މަހުގެ ޖަލު ހުކުމެއް އިއްވި ފަރާތެކެވެ. އޭރު އަހަދު ތަމީމީގެ އުމުރަކީ 17 އަހަރެވެ.

އަހަދު ތަމީމީގެ އިތުރުން 70 އަށްވުރެ ގިނަ މީހުން އިއްޔެ އެކަނި ހުޅަނގު އައްސޭރިން ހައްޔަރުކުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރީގައި އިއްޔެ ހިނގި ފާހަގަކޮށްލެވޭ އެއް ކަމަކީ އިސްރާއީލުގެ ދެ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމެވެ. އެއް ފުލުހެއްގެ ހާލު ސީރިއަސް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އެ ހަމަލާއާއި ގުޅިގެން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ.

ހުޅަނގު އައްސޭރީގެ ހަމަނުޖެހުންތަކުގައި އިއްޔެ ފަލަސްތީނުގެ ހަ މީހަކު ޝަހީދުވިކަމަށް ފަލަސްތީނުގެ ޞިއްހަތާއިބެހޭ ވުޒާރާއިން އިއްޔެ ބުނެފައިވެއެވެ.

އިސްރާއީލުގެ ބައެއް ހަމަލާތަކަށް ބަލައިލުމެއް

އިއްޔެގެ ހަމަލާތަކުގައި ޝަހީދުވި އަދަދު 200 އިން މައްޗަށް ގޮސްފައިވެއެވެ.  ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ފާހަގަކޮށްފައިވާގޮތުގައި ރަފަޙް ސަރަހައްދުގެ ތަލް އަލް-ސުލްތާން އަވަށަށް ދިން ހަމަލާއެއްގައި 15 މީހަކު، ޣައްޒާގެ މެދުތެރޭގެ އަލް-ޒަވައިދާ އަވަށަށް ދިން ހަމަލާއެއްގައި 10 މީހަކު ޝަހީދުވެފައިވެއެވެ.

ފާހަގަކޮށްލެވޭ އިތުރު ހަމަލާތަކަކީ ހޮސްޕިޓަލުތަކުގެ ގޯތި ތެރެއަށާއި ހޮސްޕިޓަލުތަކުގެ ކައިރިއަށް ދެމުންގެންދިޔަ ހަމަލާތަކެވެ. އެގޮތުން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލާއި ކައިރި ހިސާބުތަކަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފައިވެއެވެ. މީގެ އިތުރުން އަލް-ޝިފާ ހޮސްޕިޓަލުގެ ސޯލާ ޕެނަލް ސިސްޓަމްތަކަށް ވައިގެ ހަމަލާއެއްދީ އެ ސިސްޓަމްތައް ހަލާކުކޮށްލިއެވެ.

ފެނުގެ ރައްކާކުރާ ހަތް ސަރަހައްދަކަށް ސީދާ ހަމަލާތަކެއް އަމާޒުކޮށް ހަލާކުކޮށްލާފައިވާކަން އދ އިން ހާމަކުރި

ހޮނިހިރު އަދި އާދިއްތަ ދުވަހު އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީ ޣައްޒާގައި ފެން ރައްކާކުރާ ހަތް ސަރަހައްދެއް ހަލާކުކޮށްލާފައިވާކަން އދ ގެ ޔޫ.އެން.އޯ.ސީ.އެޗް.އޭ (ޔުނޯކާ) އިން ހާމަކުރިއެވެ. އެއީ ރަފަޙް ސަރަހައްދުގެ ދެ ފެންވަޅަކާއި ޣައްޒާ ސިޓީގެ ތިން ނަރުދަމާ ޕައިޕްލައިނަކަށާއި ފެން ރައްކާކުރާ އިތުރު ތިން ސަރަހައްދަކަށް ދިން ހަމަލާތަކެކެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު

އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަކަން ހާމަކުރިއެވެ. މިފަހަރު ޤަރާރެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަނީ އެކުވެރި އަރަބި އިމާރާތާއި ޗައިނާ ގުޅިގެންނެވެ.

މިއީ އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުން އެ މަޖިލީހުން ބައްދަލުކުރާ ފަސްވަނަ ފަހަރުކަމާއި ހަނގުރާމަ މެދުކަނޑާލައި އިންސާނީ އެހީއަށް ފުރުސަތު ދިނުމަށް ހަތަރު ޤަރާރެއް ހުށަހެޅި ހަތަރު ފަހަރު އެ ހަތަރު ޤަރާރު ވަނީ ފެއިލްވެފައެވެ. ކޮންމެ ފަހަރަކުވެސް އެމެރިކާ ފަދަ ވީޓޯ ބާރަކުން ޤަރާރު ފެއިލްކޮށްލަނީއެވެ. އެހެންކަމުން ފަސްވަނަ ފަހަރަށް ބައްދަލުކުރިނަމަވެސް އިތުރު ޤަރާރެއް ހުށަހެޅިނަމަވެސް ކޮޅެއްގައި ޖެހިދާނެކަމަކަށް ނުބެލެވެއެވެ.

އިސްރާއީލު ފައުޖުތަކުން މަރުވި ސިފައިންގެ އަދަދު 30 އަށް އެރި

އިސްރާއީލުން ޣައްޒާއަށް ވަދެގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އިސްރާއީލު ސިފައިން މަރުވި އަދަދު އިއްޔެ 30 އަށް އެރިއެވެ.

އެމެރިކާގެ ތާއީދު އިތުރު ހަރުފަތަކަށް

އެމެރިކާއިން އިސްރާއީލަށް ކުރާ ތާއީދު އިތުރަށް ހާމަކުރުމުގެ ގޮތުން އެމެރިކާގެ ނިއުކްލިއާ ސަބްމެރީނެއް މެދުއިރުމައްޗަށް ފޮނުވުމަށް ނިންމާ އޭގެ ދަތުރު އިއްޔެ ފެށިއެވެ. މިއީ އީރާނު ބިރުގެންނެވުމުގެ ނިޔަތުގައި އެމެރިކާއިން ކުރި ކަމެއް ކަމުގައި މަސްރަހު ދިރާސާކުރާ އެނަލިސްޓުން ބުނެފައިވެއެވެ.

މީގެ އިތުރުން 320 މިލިޔަން ޑޮލަރުގެ އިތުރު ހަތިޔާރު އިސްރާއީލަށް ފޮނުވަން އެމެރިކާއިން ތައްޔާރުވަމުން އަންނަކަން ވޯލް ސްޓްރީޓް ޖާނަލް އިން އިއްޔެ ހާމަކުރިއެވެ.

ހަމާސްގެ 450 ތަނަކަށް ހަމަލާދީފައިވާނެކަމަށް އިސްރާއީލު އަސްކަރިއްޔާއިން ހާމަކުރި

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ހަމާސް އަށް ނިސްބަތްވާ ނުވަތަ ހަމާސްގެ ހަނގުރާމަވެރިން ތިބި 450 ތަނަކަށް މިހާތަނަށް ހަމަލާ ދީފައިވާނެކަމަށް އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ޑެނިއަލް ހަގާރީ އިއްޔެ ހާމަކުރިއެވެ.

ހަގާރީ މިހެން ބުނެފައިވާއިރު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދިނުމުގައި ސްކޫލުތަކާއި ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕުތަކާއި އާންމު ވިޔަފާރިއާއި އާންމު ގެދޮރަށްވެސް ހަމަލާތައް ގެންދަނީ އަމާޒު ކުރަމުންނެވެ.

ދޭދޭ ގުޅުންތައް

އިނގިރޭސިވިލާތުން ލުބުނާނުގައި ގާއިމްކޮށްފައިވާ އެ ގައުމުގެ އެމްބަސީ އިއްޔެ ހުސްކުރިއެވެ. އެއީ ހިޒްބުﷲއިން ހަމަލާބަދަލުކުރުންތަކުގައި ބައިވެރިވަމުން އަންނައިރު މަސްރަހު ގޯސްވެ އެ އެމްބަސީއަށް ނުވަތަ އެމްބަސީގެ މުވައްޒަފުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލާފައެވެ.

ދެކުނު އެފްރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަގުތީގޮތުން ދެކުނު އެފްރިކާއަށް އަނބުރާ ގެންދިޔައެވެ. އެ ގައުމުން ބުނެފައިވަނީ އިސްރާއީލުގެ އަމަލުތައް ބަލައިގަންނަން ދަތިކަމަށެވެ.

މިއާއެކު މި މަސްރަހުގައި އެމްބެސެޑަރުން އަނބުރާ ގެންދިޔަ ގައުމުތަކުގެ އަދަދު މިވަނީ އަށަކަށް އަރާފައެވެ. އެ ގައުމުތަކަކީ ތުރުކީ، އުރުދުން، ބޮލީވިޔާ، ހޮންޑޫރަސް، ކޮލަމްބިއާ، ޗިލީ، އަދި ބަހްރައިންގެ އިތުރުން ދެކުނު އެފްރިކާއެވެ.

ޝަހީދުންގެ އަދަދު 10 ހާހުން މައްޗަށް

އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި ޣައްޒާގެ ރައްޔިތުންގެ އަދަދު އިއްޔެ 10 ހާހަށް އެރިއެވެ. އެ އަދަދަށް ބަލާއިރު މުޅި ޖުމްލަ އަދަދުގެ 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ކަމަށް ފަލަސްތީނުގެ ޞިއްޚަތާއިބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދަދު 10 ހާހަށް އެރިއިރު ކުޑަކުދިންގެ އަދަދު އުޅެނީ ހަތަރު ހާހުން މަތީގައި ކަމަށްވެސް އިއްޔެ ހާމަކުރިއެވެ.

އެހެން ނަމަވެސް އެމެރިކާއިން އިއްޔެވެސް ބުނެފައިވަނީ އެ އަދަދު ގަބޫލު ނުކުރާނެ ކަމަށާއި އެ އަދަދު ފަލަސްތީނުން އޮޅުވާލަނީ ކަމަށެވެ. އަސްލު އަދަދު އުޅޭނީ ހާހާއި ދެ ހާހާއި ދެމެދުގައި ކަމަށްވެސް އެމެރިކާއިން އިއްޔެ ބުންޏެވެ.

ލުބުނާނު އިސްރާއީލު މަސްރަހު އިތުރަށް ހޫނުވެގެންދިޔަ

އިސްރާއީލުން އިއްޔެ ރޭގައި ލުބުނާނަށް ދިން ހަމަލާއެއްގައި ކުޑަ ތިން ކުދިންނާއި އެ ކުދީންގެ މާމަގެ ފުރާނަ ގެއްލިފައިވާއިރު އިސްރާއީލާއި ލުބުނާނާއި ދެމެދު ހަމަލާ ބަދަލުކުރުންތައް އިއްޔެ އިތުރުވެގެންދިޔައެވެ.

އެގޮތުން ލުބުނާނުން ދިން ބަރޭޖް މިސައިލް ހަމަލާތަކެއްގައި އިސްރާއީލުގެ އާންމުންގެ މީހަކުވެސް މަރާލާފައިވެއެވެ.

ލުބުނާނުން އިއްޔެގެ އެއް ވަގުތެއްގައި އެއްފަހަރާ 30 ރޮކެޓު އިސްރާއީލަށް ފޮނުވާލިއެވެ. އެ ހަމަލާތައް އަމާޒުވީ އިސްރާއީލުގެ އުތުރުގެ ސަރަހައްދަކަށް ކަމުގައި އިސްރާއީލުން ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ ލުބުނާނުގައި ތިބި ހަމާސްގެ މުޖާހިދުންވެސް 16 ރޮކެޓެއް އިއްޔެ އިޒްރޭލަށް އަމާޒުކުރިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކަން ތުރުކީއަށް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން އިއްޔެ ތުރުކީއަށް ދަތުރުކުރިއެވެ. ތުރުކީން އޭނާއަށް ރަސްމީގޮތެއްގައި ކިޔާފައިވަނީ ފިނި މަރުހަބާއެކެވެ. އެ ގައުމުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ އެމެރިކާ ކުށްވެރިކޮށް މުޒާހަރާކޮށް އަޑު އުފުލަމުންދިޔައެވެ.

ބްލިންކެންގެ ދަތުރުގައި އޭނާ މަސައްކަތްކުރީ ތުރުކީގެ އޮފިޝަލުންގެ މެދުގައި ހަމާސްގެ އަގުވައްޓާލައި ހަމާސް އަށް އިތުރަށް ޕްރެޝަރު ކުރުމަށް ތުރުކީއަށް ވިސްނައިދިނުމަށެވެ. އެހެންމަވެސް ތުރުކީން އެދުނީ ޝަރުތަކާނުލާ ހަނގުރާމަ މެދުކަނޑާލުމަށެވެ.

އިންސާނީ އެހީއަށް އިއްޔެވެސް ކޮންމެވެސް ވަރެއްގެ ފުރުސަތެއް ދިން

އިންސާނީ އެހީ ޣައްޒާއަށް އެތެރެވުމަށް ރަފަޙް ބޯޑަރު މެދުވެރިކޮށް އިއްޔެވެސް ކޮންމެވެސް ވަރެއްގެ ފުރުސަތެއް ދިނެވެ. އެގޮތުން އިއްޔެ 25 ލޮރީގެ ގާފިލާއެއް ޣައްޒާއަށް ވަދެފައިވެއެވެ. މިއާއެކު ހަމަލާތައް ދޭން ފެށިފަހުން ޣައްޒާއަށް ލިބުނު އެހީގެ ލޮރީގެ އަދަދު 475 އަށް އެރިއެވެ. އެއީ ދުވާލަކަށް ބަލާނަމަ 30 ލޮރީގެ މަގުންނެވެ. ހަމަލާތައް ދޭން ފެށުމުގެ ކުރީގައި ޣައްޒާއަށް ރަފަޙް ބޯޑަރު މެދުވެރިކޮށް ދުވާލަކު 500 އަށްވުރެ ގިނަ ލޮރީގެ އެހީ ލިބެމުންދިޔައެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އިއްޔެވެސް ކަންބޮޑުވުން ފާޅުކުރި

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިއްޔެވެސް ޣައްޒާގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ރަފަޙް ބޯޑަރު އެކަނި ހުޅުވައިގެން އިންސާނީ އެހީ ދިނުން ދަތި ކަމަށާއި އިތުރު ބޯޑަރުތައްވެސް ހުޅުވާލުމަށް އޭނާ ގޮވާލިއެވެ. އަދި ހަނގުރާމަ މެދުކަނޑާލަންވެސް ތަކުރާރުކޮށް ގޮވާލިއެވެ. އަދި އިސްރާއީލު ފަޅިން ކެރެމް ސަލޮމް ބޯޑަރު ބޭނުންކުރުން މުހިންމުކަން ގުޓަރޭސް ފާހަގަކުރިއެވެ. މީގެ އިތުރުން ޣައްޒާއަށް އެހީވުމަށް 1.2 ބިލިއަން ޑޮލަރު ބޭނުންވާނެކަންވެސް އޭނާ ފާހަގަކުރިއެވެ.

ބައިޑަންގެ ފޯނު ކޯލެއް ނަތަންޔާހޫއަށް

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއްޔެގެ ވަގުތެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުކޯލެއް ކުރި ކަމަށާއި އަދި އިންސާނީ އެހީއަށް ފުރުސަތު ދިނުމަށް ހަމަލާތައް މަދު ވަގުތުކޮޅަކަށް މެދުކަނޑާލަން ބައިޑަން ބާރު އެޅި ކަމަށް އެމެރިކާއިން އިއްޔެ ބުންޏެވެ. އެމެރިކާއިން އިސްރާއީލަށް ވާގިވެރިވަމުން އަންނައިރު ހަނގުރާމަ ހުއްޓާލާކަށް އެމެރިކާއިން ބާރެއް ނާޅައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް