މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެބޮޑު ޙިއްޞާއެއް އޮތީ ކުރިއަރާފައިވާ ޤައުމުތަކުގަ: ނައިބު ރައީސް

ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެބޮޑު ޙިއްޞާއެއް އޮތީ ކުރިއަރާފައިވާ ޤައުމުތަކުގައި ކަމަށާ އެޤައުމުތަކުން ފުރިހަމައަށް އެކަން ޤަބޫލުކުރަންޖެހޭކަމަށާ އަދި މޫސުމަށް އަންނަ ބަދަލުތަކު...

07 Nov 2022 | 17:56

ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެބޮޑު ޙިއްޞާއެއް އޮތީ ކުރިއަރާފައިވާ ޤައުމުތަކުގައި ކަމަށާ އެޤައުމުތަކުން ފުރިހަމައަށް އެކަން ޤަބޫލުކުރަންޖެހޭކަމަށާ އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެބޮޑަށް ތަޙައްމަލުކުރަންޖެހެނީ މިކަމުގައި އެންމެ ކުޑަ ޙިއްޞާއެއް އޮތް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤަމުތަކަށް ކަމުގައިވާތީ، މި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރިއަރާފައިވާ ޤައުމުތަކުން ކުދި ޖަޖީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ މިޞްރުގެ ޝަރްމުއްޝެއިޚްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިޔަށްދާ އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27) ގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން މިޞްރު ސަރުކާރުން އިންތިޒާމްކޮށްގެން ބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޮރ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާއި ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުގެ މަންދޫބުންނާއި މުޚާތަބުކުރައްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ކޮވިޑް- 19 ބަލިމަޑުކަމާއި ޔޫކްރެއިން ހަނގުރާމަފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާތަކުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްގެ ހައިޞިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ހަކަތައިގެ ދަތިކަމާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ލޯނުގެ ގޮތުގައި އިތުރު ދަރަނިތަކެއް ނަގަންޖެހުންފަދަ އިޤްތިޞާދީގޮތުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި، އޭގެ އަސަރުތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭކަންކަމާއި މޫސުމަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރާކަންކަމަށް ފައިސާ ހަމަޖެއްސުމުގައި ހަމަހަމަ ކަމެއް ޤާއިމުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެފަދަ ޤައުމުތަކުގެ ދައުލަތުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހޭދަކުރަންޖެހެނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ކަންކަމާގުޅޭ ޚަރަދުތަކަށް ކަމުގައެވެ. އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަމަށް ޚަރަދުކުރުމަށް ޤައުމުތަކުން އެއްބަސްވެފައިވާ އަހަރަކު 100 ބިލިޔަން ޑޮލަރުގެ އަމާޒަށް އަދިވެސް އިތުރަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ޤައުމުތަކުގެ ދެމި އޮތުމަށް ބޭނުންވާ ފައިސާ، އެބޭނުންވާ ވަގުތުގައި، ބޭނުންވާ މިންވަރަށް ލިބުމުގައި ކުރިމަތިވާ ދަތިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ޚަރަދުކުރުމަށް އެހީދޭ ޤައުމުތަކުން ދޫކުރާ ފައިސާ ހޯދުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަމަށްވެސް ލުއިގޮތްތަކެއް ހަމަޖެއްސުމުން މުހިންމު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް