ރާއްޖޭގައި ހުރި ހަމައެކަނި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭ ސްކޫލް ކަމަށްވާ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދެ ބެލެނިވެރިޔަކާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީ މިއަދު ބައްދަލު ކުރައްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޢަރަބިއްޔާ ސްކޫލުގެ އެ ބެލެނިވެރިންނާ މިއަދު ބައްދަލު ކުރައްވައި، އެ ސްކޫލުގައި ހުރި ކަންބޮޑުވުންތައް ވަނީ އަޑުއައްވައިފައެވެ. އަދި ޢަރަބިއްޔާ ސްކޫލަށް ސަރުކާރުން ހަމަޖައްސާ ދެއްވަން އުޅޭ އައު އިމާރާތާ ގުޅޭގޮތުން ވަނީ މައުލޫމާތު ވެސް ދެއްވައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ އެ ސްކޫލު ހިންގުމުގައި ދިމާވާ ދަތިތަކާ، ބެލެނިވެރިންގެ ވެސް މިހާރު ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ޢަރަބިއްޔާ ސްކޫލުގެ ޕީޓީއޭގެ ފަރާތުން ބައިވެރިވެވަޑައިގަތް ދެ ބެލެނިވެރިން ވަނީ މިހާރު ޢަރަބިއްޔާ ހިންގަމުން އަންނަގޮތާއި ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްސާކޮށްފައެވެ. އަދި ސްކޫލްގެ ހިންގުމަށް ގެންނަ ބައެއް ބަދަލުތަކުގެ ކަންބޮޑުވުންތައްވެސް ބެލެނިވެރިން ފާޅުކޮށްފައިވެއެވެ.
އެގޮތުން ބެލެނިވެރިން އެންމެ ބޮޑަށް ފާޅު ކޮށްފައިވަނީ ސްކޫލްގެ ޢިމާރާތުގެ ދަތިކަމުގެ ސަބަބުން ކުދިންނަށް ދިމާވާ ދަތިތަކެވެ.
ޢަރަބިއްޔާ ސްކޫލު ކުރިން ހިންގި އަމީނިއްޔާ ސްކޫލުގެ އެނެކްސް ބިލްޑިންގް ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން، މިހާރު ވަގުތީ ގޮތުން އެ ސްކޫލުގެ ދަރުވަރުން ތައުލީމު ހާސިލު ކުރަމުން ދަނީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. އަދި މި ސަރުކާރުން ވަނީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ބައު ޖަމާލުއްދީން ސްކޫލު ބިލްޑިންގް ދިނުމަށް ނިންމާ، އެތަނުގެ މަސައްކަތް ވެސް ފަށާފައެވެ. ނަމަވެސް ދާދި ފަހުން މިނިސްޓްރީން އަންގާފައިވަނީ، އަލަށް އިމާރާތް ކުރާ ސްކޫލު ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނާ ވެސް ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ. މިކަމާ ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް