ލަދުޙަޔާތެއް ނެތި ވިޔާނުދާ ޢަމަލުތައް ކުރުމަކީ މޮޅުކަމެއް ނޫނެވެ

ލަދުޙަޔާތެއް ނެތި ވިޔާނުދާ ޢަމަލުތައް ކުރުމަކީ މޮޅުކަމެއް ނޫނެވެ. އަދި ކެރޭ ހިތްވަރުގަދަ މީހެއްކަމުގެ ހެއްކެވެސް ނޫނެވެ. ލަދުވެތިކަން ނެތުމަކީ ތިމާގެ ކިބައިގައި ރިވެތި އަޚުލާޤު ނެތްކަމުގެ ޢަލާމާތެކެވެ...

07 Nov 2022 | 15:50

ލަދުޙަޔާތެއް ނެތި ވިޔާނުދާ ޢަމަލުތައް ކުރުމަކީ މޮޅުކަމެއް ނޫނެވެ. އަދި ކެރޭ ހިތްވަރުގަދަ މީހެއްކަމުގެ ހެއްކެވެސް ނޫނެވެ. ލަދުވެތިކަން ނެތުމަކީ ތިމާގެ ކިބައިގައި ރިވެތި އަޚުލާޤު ނެތްކަމުގެ ޢަލާމާތެކެވެ. މީސްތަކުންގެ މެދުގައި ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކަށް އަރައިގަތުމަށް ފަސްނުޖެހޭ މީހަކު، މީސްތަކުންނާ އެކަހެރިވާ ވަގުތު ތަކުގައި ކުރާ ޢަމަލުތައް އަދި މާ ގޯސްވާނެއެވެ.

ލަދުވެތިކަމަކީ ހަޑިހުތުރު އެންމެހައި ޢަމަލަކުން ދުރުކޮށްދޭ އަޚުލާޤީ ސިފައެކެވެ. އަދި ރިވެތި އަޚުލާޤުތެރެއިން ހިމެނޭ މަތިވެރި ސިފައެކެވެ. ރިވެތި އަޚުލާޤުގެ އެންމެ މަތިވެރި ސިފައަކީ ލަދުވެތިކަމޭވެސް ބުނެވެއެވެ. އަދި އެއީ އީމާންކަމުގެ ޒީނަތްތެވެ. އިސްލާމް ދީނުގެ ޝިޢާރެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. « إِنَّ لِكُلِّ دِينٍ خُلُقًا، وَخُلُقُ الْإِسْلَامِ الْحَيَاءُ » (رواه ابن ماجه وحسنه الألباني) މާނައީ: “ކޮންމެ ދީނެއްގެވެސް އަޚުލާޤެއްވެއެވެ. އިސްލާމް ދީނުގެ އަޚުލާޤަކީ ލަދުވެތިކަމެވެ.”

ލަދުވެތިކަމަކީ ހެޔޮކަމުގެ ދަލީލެވެ. އަދި ސަލާމަތްކަމުގެ ޚަބަރުދޭ ސިފައެކެވެ. އަދި ނުބައިކަމުން އެއްކިބާ ކުރުވާ ކަމެކެވެ. ވަހުބު ބުނު މުނައްބިހު رحمه الله ވިދާޅުވެފައިވެއެވެ. “އީމާންކަމުގެ ލިބާސަކީ ތަޤުވާވެރިކަމެވެ. އަދި އީމާންކަމުގެ ޒީނަތްތަކީ ލަދުވެތިކަމެވެ.” އަދި ބުނެވެއެވެ. އެމީހެއްގެ ފޭރާމަކީ ލަދުވެތިކަމުގެ ސިފަކަމުގައިވާނަމަ މީސްތަކުންނަށް އޭނާގެ ޢައިބުތަކެއް ނުފެންނާނެއެވެ.

މާތްވެގެންވާ އިސްލާމް ދީނުގައިވަނީ ލަދުވެތިކަމުގެ ސިފައިން ސިފަ ލިބިގަތުމަށް އަމުރު ކުރައްވާފައެވެ. އަދި ކިއެއްތަ! ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައިވެސް ވަނީ ލައްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «الْإِيمَانُ بِضْعٌ وَسَبْعُونَ – أَوْ بِضْعٌ وَسِتُّونَ – شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ» (رواه مسلم) މާނައީ: “އީމާންކަން ހަތްދިހަ ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިގެންވެއެވެ. އޭގެ އެންމެ މަތިވެރި ބަޔަކީ لا إله إلا الله ކިޔުމެވެ. އަދި އެންމެ އާދައިގެ ކަންކަމުގެ ތެރޭގައި މަގުމަތީގައި ހުންނަ، މީސްތަކުންނަށް އުނދަގޫވާޒާތުގެ ތަކެތި އެއްކައިރި ކޮށްލުމަކީވެސް އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ބައިތަކުގެ ތެރެއިން ބައެކެވެ.”

އީމާންކަމާއި ލަދުވެތިކަމަކީ އެކުއެކީގައިވާ ދެއެތި ކަމުގައިވެސް ބައެއް ޙަދީޘްފުޅުތަކުގައިވެއެވެ. އޭގެ ތެރެއިން އެކަތި ނެތިއްޖެނަމަ އަނެއްކަންތައްވެސް ފިލައިދެއެވެ. ލަދުވަތިކަމަކީ އީމާންކަމުގެ ބައެއް ކަމުގައި ލައްވާފައިވުމުގެ ސިއްރަކީ، އީމާންކަމާއި ލަދުވެތިކަމުގެ ސިފި ލިބިގެންވާ މީހާ ހެޔޮ ކަމާއި ކައިރިކޮށްދޭ ދެކަމެވެ. އަދި އެ ދެސިފައާއި ދުރުހެލިވެފައިވާ މީހާ ހެޔޮ ކަމުން ދުރުހެލި ކުރުވައެވެ.

މީހަކު ފާފަތަކާއި، ފާހިޝް ޢަމަލުތަކަށް އަރިގަތުމަށް އެއްވެސް ޖެހިލުމެއް، ފަސްޖެހުމެއް ނުވާނަމަ އޭނާގެ ކިބައިގައި ލަދުވެތިކަމުގެ ސިފައެއް ނުހުންނާނެއެވެ. ކީރިތި ރަސީލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ الأُولَى: إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ ” މާނައީ: “އިސްވެދިޔަ ނަބީބޭކަލުންގެ ބަސްފުޅުތަކުގެ ތެރެއިން މީސްތަކުން ލިބިގެންފައިވާ އިރުޝާދެއް ވެއެވެ. އެއީ ތިބާ ލަދު ނުގަންނަނީނަމަ، ބޭނުން ކޮންމެ ކަމެއް ތިބާ ކުރާހުއްޓެވެ.”

ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ޝައިޚް ފިކުރީ ލަދުވެތިކަމާއި ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމަކުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް