ބައްރު: އެފްރިކާ
ފީފާ ރޭންކިން: 43
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 8
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1982
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާ ފައިނަލް 1990
ކޯޗު
ނަން: ރިގޯބާޓް ސޯންގ
ގައުމު: ކެމަރޫން
އުމުރު: 46 އަހަރު
އުފަންތާރީޚް: 1 ޖުލައި 1976
ޓީމާ ހަވާލުވީ: 2022 ވަނަ އަހަރު
ކެމަރޫންގެ ގައުމީ ޓީމުގެ ކޯޗު ސޯންގ އަކީ ކުރީގެ ކުޅުންތެރިއެކެވެ. ސެންޓަރ ބެކަކަށް ކުޅުނު ސޯންގ އެފްރިކަން ކަޕް އޮފް ނޭޝަންސް ގެ 8 މުބާރާތުގައި ކެމަރޫންގެ ގައުމީ ޓީމަށް ކުޅުނުއިރު، އޭގެ ތެރެއިން 5 މުބާރާތުގައި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރިއެވެ. އަދި ގައުމީ ޓީމާއެކު އެ މުބާރާތް 2000 އަދި 2002 ވަނަ އަހަރު ކާމިޔާބު ކުރި ވެސްމެއެވެ. ކެމަރޫންއަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮތް ސޯންގ ވަނީ ގައުމީ ޓީމަށް 4 ވޯލްޑް ކަޕެއްގައި ވެސް ކުޅެފައެވެ. ކްލަބް ކެރިއަރުގައި ސޯންގ ވަނީ ލިވަޕޫލް އާއި ވެސްޓް ހޭމް ފަދަ މަޝްހޫރު ކްލަބްތަކަށް ކުޅެފައެވެ.
ސޯންގ ކޯޗިންގ ކެރިއަރު ފެށީ 2016 ވަނަ އަހަރުގައެވެ. މި އަހަރު ކެމަރޫންގެ ސީނިއާ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ކެމަރޫންގެ އޭ ޓީމަށް އަދި ކެމަރޫންގެ 23 އަހަރުން ދަށުގެ ޒުވާން ޓީމަށް ވެސް ކޯޗުކަން ކޮށްދީފައެވެ. ސޯންގ ގެ އިރުޝާދުގެ ދަށުން ކެމަރޫން 5 މެޗު ކުޅެފައިވާއިރު، މެޗަކަށް ޖެހޭ އެވްރެޖް ޕޮއިންޓަކީ 1.20 އެވެ.
މުހިންމު ކުޅުންތެރިން:
އަންދްރޭ އޮނާނާ
ކެމަރޫންގެ ކުރީގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ ސަމެއުލް އެޓޫގެ ފައުންޑޭޝަންގެ ގުރެޖުއޭޓް އޮނާނާ އަކީ އިސްކޮޅުން ދިގު، ޔޫރަޕްގައި މި ވަގުތު އެންމެ ނަން ވިދާ ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އުމުރުން 26 އަހަރުގެ އޮނާނާ މި ސީޒަންގައި އިންޓަ މިލާންއަށް ލީގުގައި 5 މެޗު ކުޅެފައިވާއިރު، 2 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ (ކްލީން ޝީޓް) ހިފައްޓާފައިވެއެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު 6 މެޗުން 3 ކްލީން ޝީޓް ހަދާފައިވާއިރު، ބައިކޮޅަށް ވަނީ 7 ލަނޑެވެ. އޮނާނާ ފާހަގަކުރެވެނީ އަވަސް ހަރަކާތާއެކު އުނދަގޫ ޝޮޓްތައް ވެސް ގޯލަށް ވަނަނުދީ ސަލާމަތްކުރާ އަދި ގޯލްކިކްތަކާއި، ކުރިޔަށް އުކާ ބޯޅަތަކުން އަވަސް ކައުންޓާ އެޓޭކް އުފެއްދުމަށް ވެސް މަގުފަހިކުރުވާފަދަ ހުނަރުވެރި ގޯލްކީޕަރެއްގެ ގޮތުގައެވެ. އޮނާނާ މިހާތަނަށް ކެމަރޫންގެ ގައުމީ ޓީމަށް 32 މެޗު ކުޅެފައިވެއެވެ.
ވިންސެންޓް އަބޫބަކުރު
ކެމަރޫންގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭ ތަޖުރިބާކާރު ކުޅުންތެރިޔާ ވިންސެންޓް އަބޫބަކުރަކީ އެ ގައުމުގެ އެންމެ މުހިންމު ފޯވާޑެވެ. މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޓޮޕް ސްކޯރަރގެ މަގާމް ހޯދި އަބޫބަކުރަކީ ގައުމީ ޓީމުގައި ގޯލާ ވަރަށް ރައްޓެހި ކުޅުންތެރިއެކެވެ. ސައޫދީ އަރަބިއާގެ އަލް ނަސްރް އެފްސީއަށް ކުޅޭ އަބޫބަކުރު މި ސީޒަންގައި 8 މެޗުން ވަނީ 2 ލަނޑު ޖަހާފައެވެ. 2010 ވަނަ އަހަރުން ފެށިގެން ކެމަރޫންގެ ސީނިޔާ ޓީމުން ޖާގަ ލިބެމުން އަންނަ އަބޫބަކުރު ވަނީ މިހާތަނަށް ގައުމީ ޓީމަށް 88 މެޗު ކުޅެފައެވެ. އަދި ގައުމީ ޓީމަށް 33 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް