ޗެމްޕިއަންސް ލީގުގެ 2 ވަނަ ބުރުގައި ފާއިތުވި ސީޒަންގެ ފައިނަލް މެޗުގެ ރިޕީޓެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑާއި އިންގްލެންޑްގެ ލިވަޕޫލް ވާދަކުރަން ޖެހިއްޖެއެވެ. މި ދެ ކްލަބް ފާއިތު ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެ...

07 Nov 2022 | 11:57

ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑާއި އިންގްލެންޑްގެ ލިވަޕޫލް ވާދަކުރަން ޖެހިއްޖެއެވެ.

މި ދެ ކްލަބް ފާއިތު ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ވާދަކުރިއިރު، އެ މެޗުން 1-0 ގެ ނަތީޖާއިން ކުރިހޯދާ ރެއާލް މެޑްރިޑުން ވަނީ 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. މީގެ އިތުރުން 2017-18 ގެ ސީޒަންގައި ރެއާލް އިން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލީ ވެސް ފައިނަލްގައި ހަމަ ލިވަޕޫލް ބަލިކޮށްފައެވެ. ހަމައެހެންމެ 2020-21 ސީޒަންގައި ލިވަޕޫލް ކުއާޓާ ފައިނަލުން ކަޓުވާލީ ވެސް ރެއާލް މެޑްރިޑެވެ. އެހެންކަމުން، ބަދަލު ހިފުމަށް ކެތްމަދުވެފައިވާ ލިވަޕޫލަށް މިއީ ރަނުގެ ފުރުސަތަކަށް ވާނެއެވެ.

ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ދެން އެންމެ ފޯރިގަދަ ވާނެ މެޗަކީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ފްރާންސްގެ ޗެމްޕިއަންސް ޕީއެސްޖީގެ ކުރިމަތިލުމެވެ. ބަޔާން އާއި ޕީއެސްޖީ ވެސް ވަރަށް ރަނގަޅު ފޯމެއްގައި އޮތްއިރު، ދެ ކްލަބަކީ ވެސް ތަރިން ގިނަ، އެޓޭކް ލައިން ވަރަށް ވަރުގަދަ ދެ ކްލަބެވެ. ފާއިތުވި ސީޒަންތަކުގައި މި ދެ ކްލަބްގެ ވާދަކުރުންތަކަށް ބަލާއިރު، 2020-21 ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން ކެޓީ ޕީއެސްޖީއަށް އަވޭ ގޯލުން ކުރި ލިބިގެންނެވެ. އޭގެ ކުރިން ސީޒަންގެ ތަށި ބަޔާން އިން ހޯދީ ފައިނަލްގައި ޕީއެސްޖީ 1-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ. އެ ފަހަރު ނޫނީ ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް ވެސް އަދި ދަތުރު ކުރެވިފައެއް ނުވެއެވެ. ބޮޑު ޚަރަދު ކޮށްގެން އެކަށީގެންވާ ކާމިޔާބީއެއް ޗެމްޕިއަންސް ލީގުގައި ނުނެރެވޭތީ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޕީއެސްޖީއަށް ކުރިޔަށް ދިއުމަށް ދެން މިއޮތީ ވެސް ވަރަށް ވަރުގަދަ ޗެލެންޖަކަށް ވާނެއެވެ.

މީގެ އިތުރުން ޗެލްސީ އާއި ބްރޫޝިއާ ޑޯޓްމަންޑް ވާދަކުރާ މެޗާއި، އޭސީ މިލާން އާއި ޓޮޓެންހަމްގެ މެޗަކީ ވެސް ވާދަވެރި މެޗުތަކަކަށް ވާނެއެވެ.

ރައުންޑް އޮފް 16 ގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ފެބްރުވަރީ 14، 15، 21، 22 އަދި މާރިޗު މަހުގެ 7، 8، 14، އަދި 15 ގައެވެ.

ރައުންޑް އޮފް 16 ގެ މެޗުތައް:

ލެއިޕްޒެގް – މެންޗެސްޓާ ސިޓީ

ކްލަބް ބްރޫގާ – ބެންފީކާ

ލިވަޕޫލް – ރެއާލް މެޑްރިޑް

މިލާން – ޓޮޓެންހަމް

ފްރެންކްފާޓް – ނަޕޯލީ

ޑޯޓްމަންޓް – ޗެލްސީ

އިންޓަ މިލާން – ޕޯޓޯ

ޕީއެސްޖީ – ބަޔާން މިޔުނިކް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް