ތުލުސްދޫގައި ޓޫރިޒަމަށް ހާއްސަ ޕޮލިޓެކްނިކެއް އަޅައި ހިންގަން ވިލާއާ ހަވާލުކޮށްފި

ކ. ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް، ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ފަރާތުން ސ...

07 Nov 2022 | 11:35

ކ. ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް، ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީއެވެ. ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. ޢަލީ ނަޖީބެވެ.

މި އެއްބަސްވުމުގެ ދަށުން ތުލުސްދޫގައި 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ފަށަންޖެހެއެވެ. ވިލާއަށް އެތަން ހިންގަން ދީފައިވަނ ީ50 އަހަރުގެ މުއްތަކަށެވެ.

ތުލުސްދޫގައި ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށްޓަކައި ތުލުސްދޫ ކައުންސިލުން ވަނީ އެރަށުން 32،581.25 އަކަފޫޓްގެ ބިމެއް ދޫކޮށްފައި އެވެ. އަދި ވޯޓާ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް އަތިރިމަތިން ހަމަޖައްސައިދީފައިވެ އެވެ.

މި މަސައްކަތާއި ގުޅޭގޮތުން ހަޔާ އެޑިއުކޭޗަން މިނިސްޓްރީން ބުނީ ތުލުސްދޫގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ޕޮލިޓެކްނިކް ހާއްސަ ކޮށްފައިވަނީ ވޯޓާ ސްޕޯޓްސްއާއި، މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ފަންތީގެ ކޯސްތައް ހިންގުމަށްކަމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުންވެސް ވޮކޭޝަނަލް ކޯސްތައް މި އިންސްޓިޓިއުޓުގައި ހިންގޭނެކަމަށް މައުލޫމާތުދެ އެވެ.

މި މަޝްރޫއު ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މި އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި، ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއްވެސް ތަރައްޤީކުރެވޭނެކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއީ ޕަބްލިކް-ޕްރައިވެޓް ޕާޓަނާޝިޕް އުސޫލުން ޕޮލިޓެކްނިކެއް ތަރައްގީކޮށް ހިންގުމަށް ހަވާލުކުރި ފުރަތަމަ ފަހަރެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް، ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢުއެކެވެ.

މިދިޔަ ހަފްތާގައިވެސް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުހިންމު މަޝްރޫއުއެއް ހަވާލުކޮށްފައި އެވެ. އެއީ ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް އަޅައި ހިންގުމުގެ މަޝްރޫއު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް